އިނގިރޭސި ވިލާތުގެ ޓްރާންސްޕޯޓް މިނިސްޓަރުކަމުން ޖޯ ޖޯންސަން އިސްތިއުފާ ދެއްވުމަށްފަހު، އެ ގައުމު ވިލާތުގެ އިއްތިހާދުން ވަކިވުމާ މެދު ފެންނަ ނުފެންނަ ވޯޓެއް އަލުން ނެގުމަށް ގޮވާލައްވައިފިއެވެ.
ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރެއްގެ އިތުރުން ކުރީގެ ފޮރިން ސެކްރެޓަރީ ބޮރިސް ޖޯންސަންގެ ކޮއްކޯފުޅު ވިދާޅުވީ އީޔޫ އާ އެކު މަޝްވަރާ ކުރެވޭ އެއްބަސްވުން ވާނީ ހެދޭ ބޮޑު ގޯހަކަށް ކަމަށެވެ.
ޖޯންސަން ވިދާޅުވީ ހުށަހަޅަމުން ދަނީ ވައުދުވީ ކަންކަން ނޫން ކަމަށާއި ދެ ވަނަ ބޮޑު ހަނގުރާމަ އަށް ފަހު އިނގިރޭސި ވިލާތް ވެއްޓޭ އެންމެ ބޮޑު ހަމަނުޖެހުމަށް މިފަހަރު ވެގެން ދިއުން ގާތްކަމަށެވެ.
ބޮޑުވަޒީރުގެ އޮފީސް ޑައުނިންގް ސްޓްރީޓް އިން ވަނީ އޭނާގެ މަސައްކަތަށް ޝުކުުރު އަދާކޮށް އަދި އިތުރު ރިފަރެންޑަމެއް ނު ބާވަން ނިންމާފައިވާ ކަމަށް ބުނެފައެވެ.
މީގެ ދެ އަހަރު ކުރިން 2016 ވަނަ އަހަރުގެ ޖޫން މަހުގެ 23 ވަނަ ދުވަހު ނެގި ވޯޓުގައި އީޔޫ އިން ވަކިވުމަށް ފެންނަ ކަމަށް 52 އިންސައްތަ ވޯޓް ލިބިފައިވެއެވެ. ވޯޓަށް ފަހު އެ ގައުމު އީޔޫ އިން ވަކިވުމުގެ މަޝްވަރާތައް ފެށިފައިވާއިރު އެ މަޝްވަރާތައް ދަނީ ލަސް ދުވެއްޔެއްގައެވެ.
ޖޯ ޖޯންސަން ވޯޓްދެއްވާފައި ވަނީ އިނގިރޭސިވިލާތް ވިލާތުގެ އިއްތިހާދުގައި ދެމިއޮތުމަށެވެ. ޖޯ ޖޯންސަންގެ ބޭބެ ބޮރިސް ޖޯންސަން ވަނީ ޖޯ އަށް ތައުރީފް ކުރައްވާފައެވެ.
އިނގިރޭސިވިލާތް އީޔޫ އިން ވަކިވުމާއި ބެހޭ ގޮތުން ޑްރާފްޓް ކުރެވިފައިވާ އެއްބަސްވުން މިހަފްތާގެ ތެރޭގައި ކިޔާލުމަށް ވަޒީރުންނަށް އޮތީ ދައުވަތު އެރުވިފައެވެ.
ބޮޑުވަޒީރު ތެރީސާ މޭ ވިދާޅުވީ އިނގިރޭސި ވިލާތް އީޔޫ އިން ވަކިވުމާއި ބެހޭ ގޮތުން ހެދިފައިވާ އެއްބަސްވުމުގެ 95 އިންސައްތަ ވަނީ ނިމިފައި ކަމަށެވެ. ނަމަވެސް ނޮދަން އައިލެންޑް އާ އެކު ސަރަހައްދީ ރޮނގުގެ މައްސަލައި ގައި ލުއި ގޮތްތަކެއް ލިބޭނެކަމުގެ ޔަގީންކަން ދޭ އެއްބަސްވުމެއް ނެތްކަމަށެވެ.
ޖޯ އިސްތިޢުފާ ދެއްވި އިރު މީގެ ކުރިން ބްރެކްސިޓް ސެކްރެޓަރީ ޑޭވިޑް ޑޭވިސް ވެސް ވަނީ ޖުލައިމަހުގެ ތެރޭގައި އިސްތިއުފާ ދެއްވާފައެވެ.
އަދި ހަމަ އެ މަހުގެ ތެރޭގައި ޖޫނިއަރ މިނިސްޓަރ ސްޓީވަން ބޭކަރ ވެސް ވަނީ މަގާމުން ވަކިވެ ވަޑައިގެންފައެވެ.