ކ. މާލެ
|
9 ނޮވެންބަރ 2018 | ހުކުރު 18:11
އެމްޑީޕީގެ ޗެއާޕަރސަން ހަަސަން ލަތީފް
އެމްޑީޕީގެ ޗެއާޕަރސަން ހަަސަން ލަތީފް
އަބުދުﷲ ނަސީރު އިބްރާހިމް
ރައްޔިތުންގެ މަޖިލިސް 2019
ހަސަން ލަތީފް މަޖިލީހުގެ ގޮނޑިއަކަށް!
އޭނާ ވާދަ ކުރައްވާނީ ހެންވޭރު ހުޅަނގު ދާއިރާއަށް

އެމްޑީޕީގެ ޗެއާޕާސަންގެ ގޮތުގައި މިހާރުވެސް ހުންނެވި ކުރީގެ ޔޫތު މިނިސްޓަރ ހަަސަން ލަތީފް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަކަށް ވާދަކުރައްވާނެކަން އިއުލާނު ކުރައްވައިފިއެވެ.

ހަސަން އެކަން އިއުލާނުކުރެއްވީ، ބުރާސްފަތި ދުވަހު އޭނާ ކުރައްވާފައިވާ ޓްވީޓެއްގައެވެ. އޭނާ ޝައުގުވެރިކަން ފާޅުކުރައްވާފައިވަނީ މާލޭގައި އަލަށް އުފެއްދި ދެ ދާއިރާގެ ތެރެއިން ހެންވޭރު ހުޅަނގު ދާއިރާއަށެވެ.

އިލެކްޝަންސް ކޮމިޝަނުން މާލޭގައި އަލަށް އުފެއްދި ދެ ދައިރާއަކީ ހުޅުމާލެ ދާއިރާއާއި، ހެންވޭރު ހުޅަނގު ދާއިރާއެވެ.

މަޖިލީހުގެ ގޮނޑިއަކަށް ވާދަކުރެއްވުމަށް ނިންމެވި ނިންމެވުމާއި ގުޅޭގޮތުން ރާއްޖެއެމްވިއަށް މައުލޫމާތު ދެއްވަމުން ހަސަން ވިދާޅުވީ، އެ ނިންމެވުން ނިންމެވީ ވަރަށް ވިސްނެވުމަށްފަހު ޖަޒީރާ ރާއްޖެއަކަށް ދިއުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އިތުރަށް ފުރިހަމަ ކުރުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެވޭނެ އެއްތަނަކީ ރައްޔިތުންގެ މަޖިލިސްކަމަށް ދެކިވަޑައިގަންނަވަތީ ކަމަށެވެ.

"ރައްޔިތުން ވޯޓްދީގެން މި ސަރުކާރު ގެނައީ ޖަޒީރާ ރާއްޖެއެއްހޯދުމަށް. އެގޮތުން އެކުލަވާލި ޖަޒީރާ މެނިފެސްޓޯއެއްވެސް އެބައޮތް. ޖަޒީރާ ރާއްޖެއަކަށް ދިއުމަށްޓަކައި ވަރަށް ގިނަ މަސައްކަތް ކުރަން އެބަހުރި. އެކަން ކުރެވޭނީ މަޖިލީހުގެ ތެރެއިން ކަމަށް ދެކެން" ހަސަން ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ، ޖަޒީރާ ރާއްޖެއަކަށް ރާއްޖެ ހެދުމަށް މަޖިލީހުގެ ތެރެއިން ކުރެވޭ މަސައްކަތުގައި ޖަޒީރާ މަފްހޫމް އެނގޭ އަދި އެކަމުގެ ވިސްނުން ހުރި ބަޔަކު ހޮވުން ވަރަށް މުހިއްމު ކަމަށެވެ.

ހަސަން ލަތީފް އެމްޑީޕީގެ ޗެއާޕާސަން އަކަށް އެޕާޓީން އިންތިޚާބުކުރީ 2017 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ. އެމްޑީޕީގެ ޗެއާޕާސަންގެ އިތުރުން ހަސަންއަކީ ރައީސް މުހައްމަދު ނަޝީދުގެ ގާނުނީ ވާކީލުންގެ ޓީމްގައިވެސް ހިމެނިވަޑައިގަންނަވާ ވަކީލެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް