ކ. މާލެ
|
9 ނޮވެންބަރ 2018 | ހުކުރު 13:35
ގއ. ވިލިނގިލީގައި އިމާރާތްކުރި ސުނާމީ ހައުސިން ޔުނިޓްތައް
ގއ. ވިލިނގިލީގައި އިމާރާތްކުރި ސުނާމީ ހައުސިން ޔުނިޓްތައް
ރާއްޖެ އެމްވީ
އޮޑިޓް ރިޕޯޓު
ސުނާމީ ހައުސިން ޔުނިޓުތައް އެޅުމަށް 144 މިލިއަން އިތުރަށް ހަރަދުވި: އޮޑިޓް ރިޕޯޓް
މަޝްރޫއަށް އިތުރު ހަތަރު އަހަރު ހޭދަވި
ޑަބަލްކޮށް ފައިސާ ދައްކާފައިވޭ: އޮޑިޓް
ފައިސާ ރައްދުނުކޮށް، ބޭރުގެ ކުންފުންޏެއް ފުރައިގެން ގޮސްފައިވޭ

ސުނާމީ ކާރިސާއާ ގުޅިގެން ގެދޮރު ގެއްލި ހާލުގައި ޖެހުނު މީހުންނަށް ގއ. އަތޮޅުގެ ހަތަރު ރަށެއްގައި އިމާރާތް ކުރި ހައުސިން ޔުނިޓްތައް ނިންމުމަށް 144 މިލިއަން ރުފިޔާ އިތުރަށް ހަރަދު ކުރިކަން ހާމަވެއްޖެއެވެ.

ގއ. އަތޮޅުގެ ހަތަރު ރަށެއްގައި 298 ހައުސިން ޔުނިޓް އެޅުމަށް ސައުދީ ފަންޑުގެ ލޯނު އެހީގެ ދަށުން ކަނޑައެޅީ 220 މިލިއަން ރުފިޔާއެވެ. ނަމަވެސް މުޅި މަޝްރޫއު ނިންމުމަށް 382.5 މިލިއަން ރުފިޔާ ހަރަދު ކުރަން ޖެހި، ދައުލަތުގެ ބަޖެޓުން 144.6 މިލިއަން ރުފިޔާ އިތުރަށް ހަރަދު ކުރަން ޖެހުނު ކަމަށް އެ މަޝްރޫއާ ގުޅޭ ގޮތުން އޮޑިޓާ ޖެނަރަލްގެ އޮފީހުން ތައްޔާރު ކުރި ހާއްސަ އޮޑިޓް ރިޕޯޓުގައިވެއެވެ.

ގއ. ވިލިނގިއްޔާއި ދާންދޫ އާއި ނިލަންދޫގެ އިތުރުން މާމެންދޫގައި ހައުސިން ޔުނިޓް އިމާރާތްކޮށް ނިންމުމަށް 20 އޮކްޓޫބަރ 2008 ގައި ހަވާލުކޮށްފައި ވަނީ އެއް އަހަރާއި ދެ މަސް ދުވަހަށެވެ. ނަމަވެސް އެ މަޝްރޫއު ނިންމާފައި ވަނީ ހަތަރު އަހަރާއި 10 މަހާއި 25 ދުވަހުން ކަމަށް އޮޑިޓުގައި ވެއެވެ. މަޝްރޫއު ނިމިފައި ވަނީ 2015 ޖެނުއަރީ 31 ގައެވެ. 

މިދިޔަ ބުދަ ދުވަހު އޮޑިޓާ ޖެނަރަލް ނެރުއްވި އެ އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް ސެންޓަރުން 220 މިލިއަން ރުފިޔާއަށް ހައުސިން ޔުނިޓް އެޅުމަށް ހަވާލުކުރީ ވިމްލާ ކޮންސްޓްރަކްޝަނާ ކަމަށެވެ. އެ މަޝްރޫއަކީ ދައުލަތުގެ ބަޖެޓުން ހަރަދު ކުރަން ނުޖެހޭ ގޮތަށް ސައުދީ ފަންޑުގެ ލޯނު އެހީގެ ދަށުން ކުރިއަށް ގެންދިއުމަށް ކަނޑައެޅި މަޝްރޫއެއް ކަމަށް އޮޑިޓުގައި ވެއެވެ.

ވިމްލާ ކޮންސްޓްރަކްޝަނަށް އެ މަސައްކަތް ކުރިއަށް ނުގެންދެވިގެން ސަބް ކޮންޓްރެކްޓް އުސޫލުން ފިލިޕީންސްގެ ޕީބީޑީސީ ކިޔާ ކުންފުންޏަކަށް އެ މަސައްކަތް ހަވާލުކުރި ކަމަށާއި ނަމަވެސް މަޝްރޫއުގެ ވަކި ހިސާބަކުން މަސައްކަތް ހުއްޓާލުމަށް ފަހު، އެ ކުންފުނި ރާއްޖެއިން ފުރައިގެން ގޮސްފައިވާއެވެ. އެ ކުންފުނި ރާއްޖެއިން ފުރައިގެން ދިޔައީ ސަރުކާރުގެ ބައެއް އިދާރާތަކަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން 43 މިލިއަން ރުފިޔާ ނުދައްކައި ކަމަށް ވެސް އޮޑިޓުގައި ވެއެވެ. އޮޑިޓުގައި ބުނެފައިވާ ގޮތުން އެ ކުންފުނީގެ ބޭނުމަށް އެމްޓީސީސީން ރާއްޖެ ގެނައި މުދަލުގެ އަގަށް ފައިސާ ދީފައި ވެއެވެ.

އޮޑިޓުގައި ފާހަގަކޮށްފައިވާ ގޮތުން އެ މަޝްރޫއުގެ ޕްރޮގްރެސް ޕޭމަންޓްތަކުގެ ފައިސާ ހޯދުމަށް ވިމްލާ ކޮންސްޓްރަކްޝަނުން ހުށަހެޅި ބިލުތަކުގެ ތެރެއިން ދެ ބިލަކަށް ހައުސިން މިނިސްޓްރީން ފައިސާ ދީފައި ވަނިކޮށް، އެ ދެ ބިލަށް ސައުދީ ފަންޑުން ވެސް ފައިސާ ދޫކުރުމުން ޑަބަލްކޮށް އެ ކުންފުންޏަށް ފައިސާ ލިބިފައިވާ ކަމަށެވެ. އެގޮތުން އެ ކުންފުންޏަށް ޑަބަލްކޮށް ލިބިފައިވާ އަށް މިލިއަނަށް ވުރެ ގިނަ ރުފިޔާ އަނބުރާ ސަރުކާރަށް ދައްކާފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓުގައި ވެއެވެ.

އޭގެ އިތުރުން ހައުސިން ޔުނިޓުތަކުގެ މަސައްކަތް ނިންމުމަށް ވިމްލާ ކޮންސްޓްރަކްޝަނުން ހޯދާފައިވާ މުދަލާއި ތަކެތީގެ އަގަށް އެސްޓީއޯއަށް ދައްކަންޖެހޭ 29.7 މިލިއަން ރުފިޔާ އެ ކުންފުނިން ދައްކާފައި ނުވާ ކަމަށް ވެސް އޮޑިޓުގައި ވެއެވެ.

ގއ. އަތޮޅުގެ ހަތަރު ރަށެއްގައި 298 ހައުސިން ހައުސިން ޔުނިޓް އެޅުމަށް ދިން މުއްދަތަށް ވުރެ ގިނަ ދުވަސް އެ މަސައްކަތަށް ހޭދަވެ، އިތުރަށް ހަރަދު ކުރަންޖެހުނު ސަބަބު އޮޑިޓް ރިޕޯޓުގައި ވަނީ ފާހަކޮށްފައެވެ. އެގޮތުން އެކަށީގެން ނުވާ ކޮންޓްރެކްޓަރަކު އައްޔަން ކުރުމާއި އެފަދަ ބޮޑު މަޝްރޫއެއް ހިންގައި ތަންފީޒު ކުރުމަށް އެކަމުގެ ތަޖުރިބާ އާއި ފަންނީ ގާބިލުކަން ނެތް އިދާރާއަކާ އެ މަޝްރޫއު ހިންގައި ބެލެހެއްޓުމަށް ހަވާލު ކުރުމުން ހިމެނެއެވެ. އަދި އެއްބަސްވުމާ އެއްގޮތަށް ކޮންޓްރެކްޓަރު މަސައްކަތް ކުރަމުން ގޮސްފައި ނުވި ނަމަވެސް އެއްބަސްވުމާ އެއްގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައި ނުވާ ކަމަށް އޮޑިޓުގައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް