އެމެރިކާގެ ކެލިފޯނިއާގެ ތައުޒަންޑް އޯކްސް ސަރަހައްދުގައި ހުރި ބާރއަކަށް ވަދެ 12 މީހުން މަރާލާ، އިތުރު އެތައް ބަޔަކު ޒަޚަމް ކޮށްލި މީހަކީ އެމެރިކާގެ މެރީން ސިފައިންގެ ލަޝްކަރުގައި ކުރިން މަސައްކަތްކުރި މީހެއްކަން ހާމަވެއްޖެއެވެ.
ފުލުހުން ބުނާ ގޮތުގައި 200 އެއްހާ މީހުން ތިބި ބޯޑަރލައިން ބާރ އެންޑް ގްރިލްއަށްވަދެ ބަޑިން އެތަނުގައި ތިބި މީހުންނަށް ހަމަލާދިން މީހަކީ އުމުރުން 28 އަހަރުގެ އީއަން ޑޭވިޑް ލޯންގްއެވެ. އޭނާއަކީ ނަފްސާނީ ބައްޔަކަށް މިއަހަރުގެ ކުރީކޮޅު ފަރުވާ ހޯދާފައިވާ މީހެއްކަމަށް ވެއެވެ.
އޭނާ އެތަނުގެ ތެރެއަށް ވަދެފައިވަނީ އެތަނުގެ ސެކިއުރިޓީ ބަލަހައްޓަން ހުރި މީހާއަށް ބަޑިން ހަމަލާ ދިނުމަށްފަހުއެވެ. އަދި ބަޑިން ޖަހަން ފެށުމުގެ ކުރިން އެތަނުގެ ތެރެއަށް ސްމޯކް ގްރެނޭޑެއް އެއްލައި، އެތަނުގެ ތެރޭގައި ތިބި މީހުން އިތުރަށް ހާސްކޮށްލިއެެވެ.
ބަޑި ހިފައިގެން ބާރއަކަށް ވަދެ މީހަކު ދިން މިހަމަލާގައި ސަލާމަތްވި ބައެއް މީހުންނަކީ މިދިޔަ އަހަރު ލާސް ވެގަސްގައި އޮތް ކޮންސަރޓަކަށް ހަމަ އެގޮތަށް ބަޑި ހިފައިންގެ ދިޔަ މީހަކު ދިން ހަމަލާއިން ސަލާމަތްވި މީހުންނެވެ. ލާސްވެގަސް ޙަމަލާގައިވެސް 58 މީހަކު މަރުވެފައިވެއެވެ.
ފުލުހުން ވަނީ އެތަނަށް ހަމަލާދޭން ފެށިކަމުގެ ރިޕޯޓް ލިބުނުތަނާ 3 މިނެޓްތެރޭ އެސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައެވެ. އަދި އެތަނަށް ވަންނަން މަސައްކަތްކުރި ފުލުސް އޮފިސަރަކަށް ޑޭވިޑް ލޯންގް ވަނީ ހަމަލާދީ އޭނާ ވަރަށް ބޮޑަށް ޒަޚަމްކޮށްލާފައެވެ. ފަހުން އެފުލުސް އޮފިސަރު ވަނީ މަރުވެފައެވެ.
މިއީ 2 ހަފްތާ ތެރޭ އެމެރިކާގައި ދިން ބަޑީގެ މިފަދަ 3 ވަނަ ޙަމަލާއެވެ.