ކ. މާލެ
|
9 ނޮވެންބަރ 2018 | ހުކުރު 04:21
ރައީސް ނަޝީދު ބުރާސްފަތި ދުވަހުގެރޭ އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާފައި ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓަށް ފައިބާ ވަޑައިގަންނަވަނީ
ރައީސް ނަޝީދު ބުރާސްފަތި ދުވަހުގެރޭ އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާފައި ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓަށް ފައިބާ ވަޑައިގަންނަވަނީ
މުހައްމަދު ޝަރުހާން
ރައީސް ނަޝީދު
އައްޑޫ ސިޓީއަށް ރައީސް ނަޝީދު ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
އެމަނިކުފާނު އައްޑޫއަށް ވަޑައިގެންނެވީ މިދިޔަ އަންގާރަ ދުވަހު
ވަރަށް ހޫނު މަރުހަބާއެއް އައްޑޫ ސިޓީން ވަނީ ކިޔާފައި
މިދަތުރުފުޅުގައި އައްޑޫ ސިޓީ ހުރިހާ ރަށަކަށް ވަޑައިގެންނެވި

ކުރީގެ ރައީސް މުހައްމަދު ނަޝީދު އައްޑޫ ސިޓީއަށް މިދިޔަ އަންގާރަ ދުވަހު ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ބުރާސްފަތި ދުވަހުގެރޭ މާލެ ވަޑައިގަންނަވައިފިއެވެ.

އެމަނިކުފާނުގެ މިދަތުރުފުޅަކީ ޓެރަރިޒަމްގެ ކުށް ސާބިތުކޮށް ހުކުމް ކުރިފަހުން އޮތޮޅު ތެރެއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

މިދަތުރުފުޅުގައި ރައީސް ނަޝީދު ވަނީ އައްޑޫ ސިޓީގެ ހުރިހާ ރަށަކަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލު ކުރައްވާ ވަގުތު ހޭދަ ކުރައްވާފައެވެ. އަދި ދެ ރަށެއްގައި އެމަނިކުފާނު ވަނީ ރައްޔިތުންނާ މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

ރައީސް ނަޝީދުގެ މިދަތުރުފުޅުގައި އެމަނިކުފާނުގެ އޮފީހެއް ވަނީ އައްޑޫ ސިޓީގައި ހުޅުވައިދެއްވާފައެވެ. އެއޮފީސް ހުޅުވައިދެއްވުމަށްފަހު އެމަނިކުފާނު ވިދާޅުވެފައިވަނީ އެއޮފީހުން މައިގަނޑު ގޮތެއްގައި ކުރައްވާނީ ތިމާވެއްޓާ ގުޅުންހުރި މަސައްކަތް ކަމަށެވެ.

އެމަނިކުފާނުގެ މިދަތުރުފުޅުގައި ވަނީ އެމަނިކުފާނުގެ ސަރުކާރުގައި އައްޑޫގައި ބޭއްވި ސާރކް ސަމިޓަށް ތައްޔާރުކުރި ކޮންވެންޝަން ސެންޓަރުގައި މިސަރުކާރުން އަޅަމުންދާ ހޮސްޕިޓަލްގެ މަސައްކަތް ބައްލަވާލައްވާފައެވެ.

ރައީސް ނަޝީދު އައްޑޫ ސިޓީއަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް ވަނީ އެސިޓީން ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

އެމަނިކުފާނުގެ މިދަތުރުފުޅުގައި އެމަނިކުފާނުގެ ސަރުކާރުގެ ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި އެމްޑީޕީ އިސް ސަފުގައި ހިމެނިވަޑައިގަންނަވާ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ އަލީވެސް ވަނީ މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް