ކ. މާލެ
|
10 ނޮވެންބަރ 2018 | ހޮނިހިރު 10:17
ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު
ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު
މުހައްމަދު ޝަރުހާން
މެމްބަރު ނަޝީދު
150،000 ޑޮލަރު ދައްކަން ހުކުމްކުރި ހުކުމް އިސްތިއުނާފް ކުރާނަން: މެމްބަރު ނަޝީދު
އެ ދައުވާ އުފުލާފައި ވަނީ ޑރ. އަލަކާ ބޭނުންވި މިންވަރަށް ފައިސާ ނުލިބޭތީ
މައްސަލަ ނިންމާފައި ވަނީ އީމެއިލްއެއްގެ މައްޗަށް އެކަނި ބިނާކޮށްގެން ކަމަށް ނަޝީދު ވިދާޅުވޭ
އީމެއިލްއަކީ ގާނޫނީ ގޮތުން ތަންފީޒު ކުރެވިދާނެ ހުށަހެޅުމެއް ނޫން

ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު, އިންޑިއާގެ ރައްޔިތަކަށް 150،000 ޑޮލަރު (2.3 މިލިއަން ރުފިޔާ) ދިނުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށާއި އެހުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވެއްޖެ އެވެ.

ސިވިލް ކޯޓުން ބުރާސްފަތި ދުވަހު އެ ހުކުމް ކޮށްފައި ވަނީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ ޑރ. އަލަކާ ސިންގ އިންވެސްޓްކުރި "ބަރުތީލަ" ކިޔާ ސަފާރީ އެއް ވިއްކާލުމުގެ މުއާމާލާތު ނަޝީދު ހިންގަވައިދެއްވުމުގައި މާ ހެޔޮ އަގެއްގައި ވިއްކަވާފައި ވާތީ، އޭނާ އަމިއްލަ ހަސިއްޔަތުން ދެއްވަން އެއްބަސްވެލެއްވި ފައިސާ ހޯދަން ކުރި ދައުވާ ސާބިތުވެގެންނެވެ.

އެ ދައުވާއަށް ނަޝީދު ވަނީ އިންކާރުކުރައްވާފައެވެ. ނަމަވެސް އެ މައްސަލައިގައި ޝަރީއަތަށް ފާހަގަ ކުރެވުނު ކަންކަމުގެ ގޮތުގައި، ޑރ. އަލަކާ އިންވެސްޓްކުރި ސަފާރީ ތިން ވަނަ ފަރާތަކަށް ވިއްކާލުމަށް ފަހު އެއަށް އިންވެސްޓްކުރުމަށް އަލަކާ ކުރި ޚަރަދުން މަދުވާ މިންވަރަށް ޒިންމާވާން ޖެހޭނީ ނަޝީދު ކަމަށް އަމިއްލަ އަށް ގަބޫލުކުރައްވާކަން އޭނާ ފޮނުއްވި މެއިލްއަކުން އެނގޭ ކަމަށް ހުކުމުގައި ބުނެފައިވެއެވެ. އެގޮތަށް ކުޑަ އަގެއްގައި ސަފާރީ ވިއްކާލުމުން އިންވެސްޓްކުރުމަށް ކުރި ޚަރަދުން މަދުވާ އަދަދަށް ފައިސާ ދޭނެ ކަމަށާއި އެކަމާމެދު ދެކެނީ ކިހިނެތްތޯ ވެސް މި ދައުވާކުރި ޑރ. އަލަކާގެ ގާތުގައި އައްސަވާފައިވާ ކަން އެނގޭ ކަމަށްވެސް ޝަރީއަތުން ފާހަގަކޮށްފައިވެއެވެ.

އަލަކާ އާއި ނަޝީދުއާ ދެމެދު އެ ސަފާރީ ވިއްކާލުމަށް އެއްބަސްވީ 400،000 ޑޮލަރަށެވެ. ނަމަވެސް އެ ސަފާރީ ވިއްކާލާފައި ވަނީ 250،000 ޑޮލަރަށެވެ. އެހެންވެ، އެއްބަސްވި އަދަދަށް ވުރެ މަދުވާ 150،000 ޑޮލަރު ޑރ. އަލަކާއަށް ދިނުމަށް ނަޝީދު އެއްބަސްވެފައި އޮތްކަން ހުށައަޅާފައިވާ ލިޔުންތަކުން އެނގެން އޮންނަ ކަމަށް ގާޒީ މުހައްމަދު ހަލީމް ކުރެއްވި ހުކުމުގައިވެއެވެ.  

ސިވިލް ކޯޓުން ބުރާސްފަތި ދުވަހު ކުރި އެހުކުމާއި ގުޅިގެން މަޝްހޫރު ގާނޫނީ ވަކީލު ނަޝީދު ނެރުއްވި ބަޔާނެއްގައި ވަނީ އެ ދައުވާއަކީ އޭނާ އެއްވެސް މީހެއްގެ އަތުން ގަތް މުދަލަކަށް ނުވަތަ ހޯދި ހިދުމަތަކަށް އަގު ނުދީގެން ނުވަތަ ދަރަންޏެއް ނުވަތަ ފައިސާ އެއް ނުދައްކައިގެން ކުރި ދައުވާ އެއް ނޫން ކަމަށެވެ.

އެ ދައުވާ އުފުލާފައި އޮތީ ޑރ. އަލަކާ ބޭނުންވި މިންވަރަށް ފައިސާ ނުލިބޭތީ، އޭނާ އަށް އެހީތެރިވުމުގެ ގޮތުން ނަޝީދު ފޮނުވި އީމެއިލް އެއްގެ މައްޗަށް އެކަނި ބިނާކޮށްގެން ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި އެ އީމެއިލްއަކީ ގާނޫނީ ގޮތުން ތަންފީޒު ކުރެވިދާނެ ހުށަހެޅުމެއް ނުވަތަ ޒިންމާ އެއް ވެސް އުފައްދާ ފަދަ އެއްޗެއް ނޫން ކަމަށް ޑރ. އަލަކާ އީމެއިލް އިން ޖަވާބު ދީފައި އޮތް ވެސް އެ އެ ބަޔާނުގައިވެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް