އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސުލް ޖެނެރަލްގެ ގޭގައި ހުރި ވަޅެއްގެ ތެރެއިން ހައިޑްރޯފްލޮރިކް އެސިޑާއި އިތުރު ކެމިކަލެއް ފެނިފައިވާކަމަށް ތުރުކީގެ އެޓަރނީ ޖެނެރަލްގެ އޮފީހުގެ މަސްދަރަކުން އަލްޖަޒީރާގައި ބުނެފައިވާކަމަށް އެ އޭޖެންސީން ބުނެފިއެވެ.
އެ މަސްދަރުން ބުނިގޮތުގައި ނޫސްވެރިޔާގެ ހަށިގަނޑުގެ ގުނަންތައް ބުރިބުރި ކުރުމަށްފަހު ކޮންސުލް ޖެނެރަލް މުހައްމަދު އަލް އުތައިބީގެ ގޭގެ ކޮޓަރިއެއްގައިވަނީ އެސިޑަށް އަޅާފައެވެ.
އަލް ޖަޒީރާގެ އެންޑްރޫ ސިމަންސް ބުނެފައިވަނީ ތުރުކީގެ ތަހުގީގު ޓީމުން ކޮންސުލް ޖެނެރަލްގެ ގެކޮޅު ބަލާ ފާސްކޮށްފައިވަނީ ޚަޝޯގީ މަރާލިތާ ދެ ހަފްތާ ފަހުންކަމަށެވެ.
ތުރުކީގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާގޮތުގައި ޚަޝޯގީގެ މަރުގެ މައްސަލަ ފޮރުވުމަށް ކޮންސިއުލޭޓްގެ ސްޓާފުންވަނީ ސެކިއުރިޓީ ކެމެރާތައް ހަލާކުކޮށްލާފައެވެ.
ތުރުކީގެ ސަރުކާރަށް ތާއީދުކުރާ ސަބާ ނޫހުން ބުނެފައިވާގޮތުގައި ޚަޝޯގީ މަރާލި ދުވަސް ކަމަށްވާ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހު ކޮންސިއުލޭޓްގެ ތެރޭގައި ހުރި ކެމެރާތައް އަވަސް އަރުވާލައިިގެންވަނީ ނައްޓާލާފައެވެ.
ހަމަ އެދުވަހު އިމާރާތުގެ ބޭރުގައި ހުންނަ ޕޮލިސް ބޫތުގައި އިންނަ ކެމެރާ ވެސް ނައްޓާލަން މަސައްކަތް ކޮށްފައިވެއެވެ.
މީގެއިތުރުން ކޮންސިއުލޭޓްގެ މުވައްޒަފަކު އޮކްޓޯބަރު މަހުގެ 6 ވަނަ ދުވަހު، ކޮންސިއުލޭޓްގެ ބޭރުގައި ހުންނަ ޕޮލިސް ޕޯސްޓަށްގޮސް ވީޑިއޯ ސިސްޓަމަށް ވަދެފައިވެއެވެ. އަދި އެ ސިސްޓަމްގައި ޑިޖިޓަލް ލޮކް ކޯޑެއްޖަހައި އެއްވެސް ވީޑިއޯއެއް ނުބެލޭނެ ގޮތްވަނީ ހަދާފައެވެ.
އެ ކެމެރާގެ ވީޑިއޯތަކުގެ ތެރޭގައި ޚަޝޯގީ ކޮންސިއުލޭޓަށް ވަންނަނިކޮށް ހުރި ވިޑިއޯ ވެސް ހިމެނެއެވެ.
ޚަޝޯގީ ދިރިހުއްޓައި އެންމެ ފަހުން ފެނިފައިވަނީ ސައުދީ ކޮންސިއުލޭޓަށް ލިއުމެއް ބަލާ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހު ދަނިކޮށެވެ. އޭގެ ފަހުން އޭނާގެ ޚަބަރެއް ވެފައި ނުވާއިރު އޭނާ މަރާލާފައިވާ ކަމަށް ތުރުކީން ބުނަމުންދާތާ އެތައް ދުވަހެއްފަހުން ސައުދީއިން އެކަމަށް އެއްބަސްވެފައިވަނީ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހުއެވެ.