ކ. މާލެ
|
7 ނޮވެންބަރ 2018 | ބުދަ 17:11
ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރު، މިދިޔަ އަހަރު މަޖިލީހަށް ބަޖެޓް ހުށަހަޅުއްވަނީ
ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރު، މިދިޔަ އަހަރު މަޖިލީހަށް ބަޖެޓް ހުށަހަޅުއްވަނީ
ޕީޕަލް މެގަޒިން
ރައްޔިތުންގެ މަޖިލިސް
އަންނަ ހަފްތާގައި މަޖިލީހުގެ ޖަލްސާތައް ބާއްވައި، ބަޖެޓް ވެސް ހުށަހެޅިގެންދާނެ: އަމީން އާންމު ނިއުޝާ
މަޖިލީހުގެ ރައީސް ކަމުގެ މަގާމުން މަސީހު ދުރުކޮށް، ޖަލްސާގެ ރިޔާސަތުގައި ދެން އިންނަވާނީ މަޖިލީހުގެ ރައީސް ގާސިމް
މި ހަފްތާގައި އެއްވެސް ޖަލްސާއެއް ބާއްވާފައެއް ނުވޭ
އަންނަ އަހަރަށް ލަފާކޮށް، 29 ބިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ހުށަހަޅާފައި

އަންނަ ހަފްތާގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބާއްވައި، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ވެސް މަޖިލީހަށް ހުށަހެޅިގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ވިދާޅުވެއްޖެއެވެ.

މިހަފްތާގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ނުބާއްވާތީ އާއި ދެން މަޖިލީހުގެ ޖަލްސާއެއް ބޭއްވޭނެ ދުވަހެއް އޮޅުން ފިލުވުމަށް "ރާއްޖެއެމްވީ" އިން ގުޅުމުން މަޖިލީހުގެ އަމީން އާންމު ނިއުޝާ ވިދާޅުވީ އަންނަ ހަފްތާގައި މަޖިލީހުގެ ޖަލްސާތައް ބޭއްވޭނެ ކަމަށެވެ. 

ނިއުޝާ ވިދާޅުވީ މިހާރު ހަމަޖެހިފައިވާ ގޮތުން އަންނަ ހަފްތާގައި މަޖިލީހުގެ ޖަލްސާތައް ބާއްވާއިރު، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ވެސް މަޖިލީހުގެ ޖަލްސާއަށް ހުށަހެޅިގެންދާނެ ކަމަށެވެ. 

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފާއިތުވެދިޔަ ދެ އަހަރެއްހާ ދުވަހު އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންދެވިފައި ނުވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި މަގާމުގައި އޭރު ހުންނެވި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު މުހައްމަދު އިތުބާރު ނެތްކަމުގެ މައްސަލައެއް މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި މަޖިލީހުގެ އިދާރާއަށް ހުށަހެޅުނު ފަހުން، މަޖިލީހުގެ އިދާރާގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިންގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވަނީ މަޖިލީހުން ބާއްވަމުންދިޔަ މަދު ޖަލްސާތައް ވެސް ބޮއިކޮޓް ކުރަމުންނެވެ. ސަބަބެއް ކަމަށް ގުޅިފައިވާ ޕާޓީތަކުން ބުނަމުންދިޔައީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ވޯޓަށް އެހުމެއް ނެތި، މަސީހުއަށް ޖަލްސާގެ ރިޔާސަތުގައި ނުއިންނެވޭނެ ކަމަށެވެ.

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ޕީޕީއެމުން ވަކިކުރި 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި އިރު، ދާދި ފަހުން މިވަނީ އެ މެމްބަރުންގެ ގޮނޑި ކަށަވަރުވެ، މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެވޭ ގޮތް ވެސް ވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމުން މަސީހު އިސްތިއުފާ ދެއްވީ މި މަހުގެ އެއް ވަނަ ދުވަހުއެވެ. އިސްތިއުފާ ދެއްވީ 51 މެމްބަރުން ސޮއި ކުރައްވައި އިތުބާރު ނެތްކަމަށް މަޖިލީހުގެ އިދާރާއަށް ހުށަހެޅުއްވުމުން، މަގާމުން ދުރުކުރައްވާނެކަން ޔަގީން ކުރެވޭތީ، އެންމެ ފަހު ވަގުތުއެވެ. 

މި މަހުގެ އެއްވަނަ ދުވަހުގެ ރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ވަނީ މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް މާމިގިލި ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އިންތިހާބު ކުރައްވާފައެވެ.

އަންނަ ހަފްތާގައި މަޖިލީހުގެ ޖަލްސާތައް ބޭއްވޭއިރު، އެނގިފައިވާ ގޮތުގައި އަންނަ އަހަރަށް ލަފާކޮށް ދައުލަތުގެ ބަޖެޓްގެ ގޮތުގައި ހުށަހަޅާފައި ވަނީ 29 ބިލިއަން ރުފިޔާއެވެ. 

މަޖިލީހަށް ބަޖެޓް ހުށަހަޅާފައިވާ އިރު އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓް އެކުލަވާލާފައި ވަނީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބޭނުންވާ ކަންކަން ހިމަނައިގެންނެވެ. ބަޖެޓް މަޖިލީހަށް ހުށަހަޅަނީ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރުގެ ނަމުގައެވެ.

2018 ވަނަ އަހަރަށް ލަފާކޮށްފައި ވަނީ 27.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ކޮންމެ މާލީ އަހަރެއް ފެށުމުގެ ކުރިން އެ އަހަރަކަށް ދައުލަތުން ހިނގާނޭ ކަމަށް ލަފާކުރާ ހަރަދާއި ދައުލަތަށް ލިބޭނޭ ކަމަށް ލަފާކުރާ އާމްދަނީގެ ހިސާބު ހިމެނޭ ބަޖެޓެއް، އަދި ވޭތުވެދިޔަ މާލީ އަހަރު ދައުލަތުން ހިނގި ހަރަދާއި ދައުލަތަށް ލިބުނު އާމްދަނީ ގެ ހިސާބު ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖެހޭނެ ކަމަށް ގަނޫނުގައި ބަޔާންކޮށްފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް