ކ. މާލެ
|
7 ނޮވެންބަރ 2018 | ބުދަ 13:33
ކުރީގެ އޮޑިޓަރ ޖެނަރަލް ނިޔާޒު އިބްރާހީމް
ކުރީގެ އޮޑިޓަރ ޖެނަރަލް ނިޔާޒު އިބްރާހީމް
ޔޫޓިއުބް
12 މެމްބަރުންގެ ގޮނޑި
12 މެމްބަރުންނާއި ކުރީގެ އޮޑިޓަރ ޖެނަރަލް ނިޔާޒާ ދެމެދު ބަހުގެ ހަމަލާތަކެއް!
ނިޔާޒު ވިދާޅުވީ އެ 12 މެމްބަރުންގެ ސަބަބުން ގައުމަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް
މެމްބަރުން ތުހުމަތު ކުރައްވަނީ ނިޔާޒު މަގާމެއް ބޭނުން ވެގެން އުޅުއްވަނީ ކަމަށް
ނިޔާޒު މަގާމުން ވަކިކުރަށް އެ މެމްބަރުން ވޯޓު ދެއްވި

ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންނާއި ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒު އިބްރާހީމްއާ ދެމެދު ބަހުގެ ހަމަލާތަކެއް ސޯޝަލް މީޑިއާ މެދުވެެރިކޮށް ބަދަލު ކޮށްފި އެވެ. 

މި ހަމަލާތައް ފެށިގެން ދިޔައީ ޕްރައިމަރީއަކާ ނުލައި އެ 12 މެމްބަރުންނަށް ޓިކެޓް ދިނުމާ ގުޅޭ ގޮތުން ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ މެދުގައި ހިޔާލު ތަފާތުވެ، ރައްޔިތުންގެ މެދުގައި ވެސް އެކަމާ ގުޅޭ ގޮތުން ބަހުސް ހޫނުވެގެން ގޮސްފައިވާ ދަނޑިވަޅެއްގަ އެވެ. 

ދެ އަހަރަށް ވުރެ ގިނަ ދުވަހު ސްރީ ލަންކާ އަށް އަރުވާ ލެވިގެން ހުންނެވުމަށް ފަހު ރާއްޖެ ވަޑައިގެންނެވި ނިޔާޒު އިބްރާހީމް، އޭނާގެ ފޭސްބުކް ޕޭޖްގައި ލިޔުއްވި ލިޔުއްވުމަކާއި ގުޅިގެން އެ 12 މެމްބަރުންގެ ތެރެއިން ބައެއް މެމްބަރުން ވަނީ ވަރުގަދަ ރައްދެއް ދެއްވައިފަ އެވެ. 

ނިޔާޒު ވިދާޅުވެފައިވަނީ، 12 މެމްބަރުންނާމެދު ކަންތައްތައް ވެގެންދިޔަގޮތް އިންސާފުވެރި ނޫންކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ. ނަމަވެސް ގައުމުގެ ހާލަތު މިހާ ދަށު ދަރަޖައަކަށް ވެއްޓިގެން ދިއުމުގައި އެ 12 މެންބަރުންގެ އިހުމާލު ވަރަށް ބޮޑު ކަމަށެވެ. އަދި ފުރަތަމަ ދުވަހުން ފެށިގެން 12 މެންބަރުން ވާޖިބު ފުރިހަމައަށް އަދާކުރެއްވިނަމަ ރައީސް އަބްދުﷲ ޔާމީނަށް "އަނިޔާވެރި ވެރިކަމެއް" ނުކުރެއްވުނީސް ކަމަށާއި އެ މެންބަރުންނާ މެދު ކަންތައްތައް ވީގޮތް، އެމީހުންގެ އަމަލުތަކުގެ ކައްފާރާއަކަށް ނުފުދޭތޯ ނިޔާޒު ސުވާލު އުފެއްދެވިއެވެ.

މީގެ އިތުރުން ނިޔާޒު ވިދާޅުވެފައިވަނީ ރައްޔިތުންގެ ވިސްނުން ހުރި ގޮތް ބެލުމެއް ނެތި ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ތަބަކަކަށް ލާފައި ވެދުން ކުރަން ޖެހޭތީ ވެސް ސުވާލު އުފައްދަވާފަ އެވެ. 

ކުރީގެ އޮޑިޓަރ ޖެނަރަލް ނިޔާޒު އިބްރާހީމް ފޭސްކުބްގައި ލިޔުއްވި ލިޔުއްވުން 

ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ކުރެއްވި ޓްވީޓެއްގައި ނިޔާޒަށް ރައްދުދެއްވާ ވިދާޅުވެފައިވަނީ ބޭއިންސާފާ ދެކޮޅަށް އެތައްބަޔަކު ޖިހާދު ކުރިއިރު، ނިޔާޒަކީ ބިރުން ފިލި މީހެއް ކަމަށެވެ.

 

ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ނިޔާޒަށް ރައްދުދެއްވާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ސަރުކާރުގެ މިނިސްޓަރަކު ކޮރަޕްޝަންގެ ބޮޑު މައްސަލައެއް ފެންމަތިވިއިރު، ރައީސް ޔާމީން އަރިހަށް އެވާހަކަ ހިފައިގެން ވަޑައިގެންނެވީ ކޮން ބޭނުމަކުތޯ އާއި، އެއީ މިނިވަން އޮޑިޓަރ ޖެނެރަލަކު ކަންކުރައްވާނެ ގޮތްތޯ ސުވާލު ކުރައްވާފަ އެވެ. 

ލަތީފް ވަނީ، ނިޔާޒު ތިނަދޫ ގޮނޑިއަކަށް ކުރިމަތި ލެއްވުމަށް މަސައްކަތް ކުރައްވާ ކަމަށް ވެސް ވިދާޅުވެފަ އެވެ. 

މީގެއިތުރުންވެސް އެ 12 މެމްބަރުންގެ ތެރެއިން ބައެއް މެމްބަރުން ގެންދަވަނީ ނިޔާޒުގެ އިހުލާސްތެރިކަމާމެދު ސުވާލު އުފައްދަވާފަ އެވެ. އެގޮތުން ފްލެޓެއް ގަންނަން މަސައްކަތް ކުރައްވާ، އެކަމަށް ފައިސާ ހޯއްދަވަން މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތު ކުރައްވާފައިވާއިރު، ވަޒީފާއެއް ބޭނުންވެގެން އުޅުއްވަނީ ކަމަށް ވެސް ބައެއް މެމްބަރުން ގެންވަނީ ތުހުމަތު ކުރައްވަމުން ނެވެ. 

އޮޑިޓަރ ޖެނެރަލް ކަމުގެ މަގާމުން ނިޔާޒު ވަކިކުރެއްވިއިރު، އެ 12 މެމްބަރުންނަކީ ސަރުކާރަށް ވަފާތެރި ސަރުކާރު ބޭނުންވާ ކަންކަން ކޮށްދިނުމުގައި އުޅުއްވި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންނެވެ. ނިޔާޒު މަގާމުން ވަކިކުރެއްވީ ވެސް އެ މެމްބަރުންގެ ވޯޓުންނެވެ. 

އެމްޑީޕީން ބުނީ އެޕާޓީގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަ ކުރާނީ ޕްރައިމަރީއިން ކާމިޔާބު ހޯއްދަވާ ފަރާތްތައް ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
7 ނޮވެންބަރ 2018 | ބުދަ 09:44
ހަސަނު
އޭރު އޮޑިތަރ ގެނެރަލް ބޭރުކުރަން ވޯޓުދިނީ ކޮރަޕްޝަނަސް ނަގު ފަހިކުރުމަށް ކަމަސް ބުނުމުގެ ޖާގަ އޮންނާނެތަ