އެމެރިކާގައި އަންގާރަ ދުވަހު ބޭއްވި މިޑްޓަރމް އިންތިޚާބުގައި ހައުސް އޮފް ރެޕްރެޒެންޓޭޓިވް ނުވަތަ އެ ގައުމުގެ ގާނޫނުހަދާ މަޖިލީހުގެ ތިރިގޭގެ އަޣުލަބިއްޔަތު ޑެމޮކްރޭޓުން ހޯދައިފިއެވެ.
އަށް އަހަރަށް ފަހު ތިރިގޭގެ އަޤުލަބިއްޔަތު ޑެމޮކްރޭޓުން ހޯދާފައިވާއިރު މިއީ ރައީސް ޑޮނަލްޑް ޓްރަމްޕްއަށް ކުރިމަތިވެ ވަޑައިގެންނެވި ބޮޑު ނާކާމިޔާބެކެވެ.
ނަމަވެެސް އެ މަނިކުފާނު ރިޕަބްލިކަން ޕާޓީންދަނީ ސެނޭޓްގައި އެ ޕާޓީ ވަރުގަދަކުރުމާ ދިމާލަށެވެ.
އަންގާރަ ދުވަހުގެ އިންތިޚާބު ފެނިގެން ގޮސްފައިވަނީ މަގުބޫލުކަން ކުޑަވަމުންދާ ރައީސް ޓްރަމްޕްއާމެދު ނެގޭ ފެންނަ ނުފެންނަ ވޯޓެއްގެ ގޮތުގައެވެ.
ޑެމޮކްރޭޓުންނަށް އަޣުލަބިއްޔަތު ލިބުމާއެކު ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކަންކަން ތަހުގީގު ކުރުމާއި ވިޔަފާރީގެ ގުޅުންތައްވެސް ބެލުމުގެ ބާރު ލިބިގެންދާނެއެވެ.
މީގެއިތުރުން ރައީސް ޓްރަމްޕް ހުށަހަޅުއްވާ ގާނޫނުތައް ހުއްޓުވުމުގެ ބާރު ލިބިގެންދާނެއެވެ. މިއާއެކު މެކްސިކޯއާއި އެމެރިކާއާދެމެދު އަޅުއްވާނެ ކަމަށް ރައީސް ޓްރަމްޕް ވައުދުވެވަޑައިގެންފައިވާ ފާރުގެ މަސައްކަތް ކުރެއްވުމުގެ ފުރުސަތު ކުޑަވެގެންދާނެއެވެ.
މިޑްޓަރމް އިންތިޚާބުގައި ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ 435 ގޮނޑިއާ ސެނޭޓްގެ 35 ގޮނޑި އަދި އެމެރިކާގެ 36 ސްޓޭޓާއި އެމެރިކާގެ ތިން ޓެރިޓަރީއަށް 39 ގަވަރުނަރުން އިންތިޚާބުކުރާނެއެވެ.
އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ ދެ ގެ ކަމަށްވާ ސެނޭޓް އަދި ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގައި ވެސް މި ވަގުތު އަޣުލަބިއްޔަތު އޮތީ ރައީސް ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީއަށެވެ.
T