ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައުދީ އަރަބިއާގެ ކޮންސިއުލޭޓްގައި މަރާލި ޖަމާލް ޚަޝޯގީގެ މަރާ ގުޅުން ހުރި ހުރިހާ ހެކިތަކެއް ސީއައިއޭގެ ޑިރެކްޓަރ ޖީނާ އަސްޕެލް ބެއްލެވި ކަމަށް ތުރުކީގެ ސަލާމަތީކަންކަމާ މަސްދަރަކުން އަލް ޖަޒީރާގައި ބުނެފިއެވެ.
މި ހެކިތަކުން ސާބިތު ކޮށްދޭގޮތުގައި މަރާލުމުގެ އަމުރު އައިސްފައިވަނީ ސައުދީގެ ވެރިކަމުގެ މަތީފަންތީގެ ތެރެއިން ކަމަށް އެ މަސްދަރުންބުނެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއަށް މަރުގެ ތަފްސީލް އެރުވުމުގެ ކުރިން ހެކިތައް ރިިވިއު ކުރެއްވުމަށް އަސްޕެލް މިިދިޔަ ހަފްތާ ހޭދަކުރައްވާފައި ވަނީ ތުރުކީގައެވެ.
ނަން ހާމަ ނުކުރާ ތުުރުކީގެ އެ މަސްދަރުން ބުނެފައިވާގޮތުގައި ޚަޝޯގީގެ މަރުގެ ދިޔަ ނުވަތަ ބަދަލު އޭނާގެ އާއިލާއަށް ސައުދީއިން ދައްކަން ޖެހޭނެއެވެ.
ތުރުކީގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާގޮތުގައި ޚަޝޯގީގެ މަރުގެ މައްސަލަ ފޮރުވުމަށް ކޮންސިއުލޭޓްގެ ސްޓާފުންވަނީ ސެކިއުރިޓީ ކެމެރާތައް ހަލާކުކޮށްލާފައެވެ.
ތުރުކީގެ ސަރުކާރަށް ތާއީދުކުރާ ސަބާ ނޫހުން ބުނެފައިވާގޮތުގައި ޚަޝޯގީ މަރާލި ދުވަސް ކަމަށްވާ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހު ކޮންސިއުލޭޓްގެ ތެރޭގައި ހުރި ކެމެރާތައް އަވަސް އަރުވާލައިިގެންވަނީ ނައްޓާލާފައެވެ.
ހަމަ އެދުވަހު އިމާރާތުގެ ބޭރުގައި ހުންނަ ޕޮލިސް ބޫތުގައި އިންނަ ކެމެރާ ވެސް ނައްޓާލަން މަސައްކަތް ކޮށްފައިވެއެވެ.
މީގެއިތުރުން ކޮންސިއުލޭޓްގެ މުވައްޒަފަކު އޮކްޓޯބަރު މަހުގެ 6 ވަނަ ދުވަހު، ކޮންސިއުލޭޓްގެ ބޭރުގައި ހުންނަ ޕޮލިސް ޕޯސްޓަށްގޮސް ވީޑިއޯ ސިސްޓަމަށް ވަދެފައިވެއެވެ. އަދި އެ ސިސްޓަމްގައި ޑިޖިޓަލް ލޮކް ކޯޑެއްޖަހައި އެއްވެސް ވީޑިއޯއެއް ނުބެލޭނެ ގޮތްވަނީ ހަދާފައެވެ.
އެ ކެމެރާގެ ވީޑިއޯތަކުގެ ތެރޭގައި ޚަޝޯގީ ކޮންސިއުލޭޓަށް ވަންނަނިކޮށް ހުރި ވިޑިއޯ ވެސް ހިމެނެއެވެ.
ޚަޝޯގީ ދިރިހުއްޓައި އެންމެ ފަހުން ފެނިފައިވަނީ ސައުދީ ކޮންސިއުލޭޓަށް ލިއުމެއް ބަލާ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހު ދަނިކޮށެވެ. އޭގެ ފަހުން އޭނާގެ ޚަބަރެއް ވެފައި ނުވާއިރު އޭނާ މަރާލާފައިވާ ކަމަށް ތުރުކީން ބުނަމުންދާތާ އެތައް ދުވަހެއްފަހުން ސައުދީއިން އެކަމަށް އެއްބަސްވެފައިވަނީ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހުއެވެ.
ވޮޝިންގޓަން ޕޯސްޓްގައި ސައުދީގެ ޝާހީއާއިލާއާއި ވެރިކަމަށް ފާޑުކިޔައި ލިއުންތައް ޝާއިއު ކުރަމުންގެންދާ ޚަޝޯގީ މަރާލާފައިވާ ކަމަށް ސައުދީން އެއްބަސްވި ނަމަވެސް އަދިވެސް އޭނާގެ ހަށިގަނޑު ފެނިފައެއް ނުވެއެވެ.