ކ. މާލެ
|
7 ނޮވެންބަރ 2018 | ބުދަ 04:31
މަސްވެރިކަން ރަނގަޅުވިނަމަވެސް މިފްކޯއިން ފައިސާ ނުދޭ މައްސަލަ ވަނީ ބޮޑުވެފައި
މަސްވެރިކަން ރަނގަޅުވިނަމަވެސް މިފްކޯއިން ފައިސާ ނުދޭ މައްސަލަ ވަނީ ބޮޑުވެފައި
ޓްވިޓަރ
މަސްވެރިން
މަސްވެރިންގެ ޕެންޑިންގ ބިލްތަކަށް މިފްކޯއިން ފައިސާ ދޫކުރަނީ
ކޫއްޑޫއިން ބިލްތަކަށް ފައިސާ ދޫކުރަނީ
ގިނަ މަސްވެރިން ދަނީ ފައިސާ ނުލިބޭތީ ކަންބޮޑުވުން ފާޅު ކުރަމުން

މިފްކޯ އިން މަސްވެރިންގެ އަތުން މަސް ގަނެ، ފައިސާ ނުދައްކާ ހުރި ބިލްތަކަށް މަސްވެރިންނަށް ފައިސާ ދައްކާނެކަން މަސްވެރިންނަށް އަންގާފައިވާކަމަށް މަސްވެރިން ބުނެފިއެވެ.

ހުވަދު އަތޮޅުގެ މަސްވެރިންގެ މައުލޫމާތުތައް ގެނެސްދޭ "ގެމަނަފުށި މަސްވެރިން" ޓްވިޓާގައި ހާމަކޮށްފައިވާ ގޮތުގައި ބުދަ ދުވަހުގެ 9:00 އިން ފެށިގެން މިފްކޯ އިން މަސްވެރިންނަށް ފައިސާ ދޫކުރަން ފައްޓާނެއެވެ. އެހެން ކަމުން ހުރިހާ މަސްވެރިން ޗިޓަށް ފައިސާ ހޯދުމަށް ކޫއްޑޫއަށް ދިއުމަށް އެދޭ ކަމަށް ގެމަނަފުށީ މަސްވެރިން ބުނެއެވެ.

މިފްކޯ އިން ބިލްތަކަށް މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދޫކުރުމަށް ނިންމާފައިވާ އިރު މިފާއިތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ކުންފުނީގެ ހިންގުން ރަނގަޅުކޮށް، މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން ވަނީ ގާތްގަނޑަކަށް 620 މިލިއަން ރުފިޔާ ދީފައެވެ.

ދުނިޔޭގެ ބާޒާރުގައި ފިނިކުރި މަހުގެ އަގު ދަށްވުމާ ގުޅިގެން މިފްކޯއަށް ލިބެމުންދިޔަ ގެއްލުމުން އަރައިގަތުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ތިން މަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. އެ މުއްދަތުގެ ތެރޭގައި ކުންފުންޏަށް ބޭނުންވާ ފައިސާ ދިނުމަށް 100 މިލިއަން ރުފިޔާގެ ފަންޑެއް އެކުލަވާލި ކަމަށް އެ މިނިސްޓްރީން ބުނެއެވެ. މި ފައިސާގެ ތެރެއިން 50 މިލިއަން ރުފިޔާ ސަރުކާރުން ލޯނުގެ ގޮތުގައި ދޫކުރުމަށް ނިންމާފައިވާ އިރު ސެޕްޓެމްބަރު މަހާއި އޮކްޓޫބަރު މަހު 25 މިލިއަން ރުފިޔާ އެކުންފުންޏަށް ދޫކޮށްފައިވާ ފިނޭންސް މިނިސްޓްރީން ބުނެއެވެ.

މިއަހަރުގެ އިތުރުން މިފާއިތުވެދިޔަ އަހަރުތަކުގައިވެސް އެކި ފަހަރު މަތިން ބޮޑެތި އަދަދުތަކުން ލޯނުގެ އެހީތެރިކަން ސަރުކާރުން ވަނީ ދީފައެވެ.

މިފްކޯގެ ދަރަނި އިންތިހާއަށް ބޮޑުވެ، ކުންފުނި ބަނގުރޫޓުވުމުން 2016 ވަނަ އަހަރު އެކުންފުނި ވަނީ އެސްޓީއޯގެ ދަށަށް ބަދަލުކޮށްފައެވެ.

މިފްކޯއިން މަސްވެރިންނަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަދިވެސް ދައްކަން ޖެހޭ ކަމަށް ބުނެ ވާހަކަތައް އާންމުވެފައިވާއިރު ކޫއްޑޫ ފަދަ ތަންތަނުން މިހާރު މަސްވެރިން ކިރުވާ މަހަށް ފައިސާގެ ބަދަލުގައި ކަރުދާސްކޮޅެއް ދޫކުރާ މައްސަލަ ވެސް ވަނީ ބޮޑުވެފައެވެ. މިއީ މަސްވެރިންކަން ރަނގަޅުވާ ކޮންމެ ފަހަރުވެސް މަސްވެރިން އުޅެންޖެހޭ ހާލުކަމަށް މަސްވެރިން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް