ހަނގުރާމަވެރިންގެ ބާރުގެ ދަށުގައިވާ ޔަމަނުގެ ހުޅަނގުގެ ސިޓީއެއްކަމަށްވާ ހުދައިދާ ހިފުމަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ހޮސްޕިޓަލުގައި ތިބި ކުޑަކުދިން ތިބީ މަރާކުރިމަތިވުމުގެ ބިރުވެރިކަމުގައި ކަމަށް އދގެ ކުޑަކުދިންނާއި ބެހޭ އޭޖެންސީ ޔުނިސެފުން ބުނެފިއެވެ.
އެ އެޖެންސީން އަންގާރަ ދުވަހު މި އިންޒާރު ދީފައި މިވަނީ ސައުދީއަރަބިއްޔާއާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް ގުޅިގެން އުފައްދާފައިވާ ކޯލިޝަނުގެ މަދަދާއެކު ހޫޘީންނާ ހަނގުރާމަކުރަމުންދާ ސަރުކާރުގެ ފައުޖުތަކާ ދެމެދު ބަދަލުކުރެވޭއިރު ހަމަލާ ބަދަލުކުރެވޭ ހިސާބުގެ ސަބަބުން އެތައްހާސް އާއްމުންނެއް ހަމަލާތަކުގެ މެދުގައި ތާށިވެދާނެ ފަދަ ހާލަތެއްގައިވަނިކޮށެވެ.
ޔުނިސެފްގެ ބަޔާނުގައި ބުނެފައިވަނީ ހަމަލާ ބަދަލުކުރެވެމުންދާ ސަރަހައްދު އަލް ތައުރާ ހޮސްޕިޓަލާ ކައިރިވެފައިވާއިރު 59 ކުއްޖެއް މަރުގެވުމުގެ ބިރު ހީވެފައިވާކަމަށެވެ. އޭގެ ތެރޭގައި އިންޓެންސިވެ ކެއަރގައި ފަރުވާ ދެމުންދާ 25 ކުއްޖަކުވެސް ހިމެނެެއެވެ.
އެ އެޖެންސީން ބުނެފައިވަނީ ހުދައިދާގެ ދެކުނުގައި ހުންނަ އެ ހޮސްޕިޓަލުގެ މުވައްޒަފުންނާއި އެންމެ 500 މީޓަރު ދުރުމިނުން ބާރުގަދަ ބޮމުގެ ހަމަލާތަކާއި ބަޑީގެ އަޑުއިވެމުންދާކަމަށެވެ.
ހޮސްޕިޓަލުން ވަދެ ނުކުމެ އުޅެވެން ސަލާމަތުން އޮތް ހަމައެކަނި ސަރަހައްދުވެސް މިހާރު ހަމަލާ ބަދަލުކުރެވޭ ސަރަހައްދަކަށް ވެގެން ދިޔައީކަމަށް އެ ޖަމާއަތުންވަނީ ބުނެފައެވެ.
އަރަބި ދުނިޔޭގެ އެންމެ ފަގީރު ގައުމުކަމަށްވާ ޔަމަނަކީ ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު އިންސާނީ ކާރިސާ ކުރިމަތިވެފައިވާ ގައުމުކަމަށް އދން ބުނެއެވެ.
އދގެ ހިސާބުތަކުން ދައްކާގޮތުގައި 2015 ވަނަ އަހަރުގެ މާޗް މަހު ސައުދީ ކޯލިޝަނުން ހަނގުރާމައިގެ ތެރެއަށް ވަން ފަހުން މިހާތަނަށް މަދުވެގެން 10،000 މީހުންވަނީ މަރުވެފައެވެ.
މަރުވި މީހުންގެ އަދަދު އަޕްޑޭޓް ނުކުރެވޭތާވެސް އަހަރުވެގެން ގޮސްފައިވާއިރު އެ އަދަދު އެއަށްވުރެ މާ މަތިވުން ގާތެވެ.
މިނިވަން އޮބަޒާވަރެއްކަމަށްވާ އާމްޑް ކޮންފްލިކްޓް ލޮކޭޝަން އެންޑް އިވެންޓް ޑޭޓާ ޕްރޮޖެކްޓުން ދާދިފަހުން ބުނެފައިވަނީ ހަނގުރާމައިގައި ޔަމަނުގެ 56،000އެއްހާ މީހުން މަރާލެވިފައިވާކަމަށެވެ.