ކ. މާލެ
|
6 ނޮވެންބަރ 2018 | އަންގާރަ 21:46
ރައީސް ނަޝީދު އައްޑޫ ސިޓީގައި ވާހަކަ ދައްކަވަނީ
ރައީސް ނަޝީދު އައްޑޫ ސިޓީގައި ވާހަކަ ދައްކަވަނީ
ރާއްޖެއެމްވީ
ރައީސް ނަޝީދު
މުޅި އިންޑިޔާ ކަނޑުގެ މަސްލަހަތާ ހަމަޖެހުން ގުޅިފައިވަނީ އައްޑޫ ސިޓީއާ: ރައީސް ނަޝީދު
ރާއްޖޭގެ ހަމަޖެހުން އޮތީ އިންޑިޢާ ގުޅިފައި
ރާއްޖޭގެ ހަމަޖުމަށްޓަކައި ވެސް އައްޑޫ ސިޓީ މުހިއްމު
އިންތިޚާބު ގުޅިފައިވާ ޕާޓީތަކަށް ކާމިޔާބުވުމަށް އައްޑޫ އިން ހޯދި އިންސައްތަ ބޮޑު

އައްޑޫ ސިޓީއަކީ ހަމައެކަނި ރާއްޖޭގެ މަސްލަހަތާ ގުޅިފައިވާ ތަނެއް ނޫން ކަމަށާއި މުޅި އިންޑިޔާ ކަނޑުގެ މަސްލަހަތާއި ހަމަޖެހުން ގުޅިފައި ވަނީ އައްޑޫ ސިޓީއާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖެއަށް ވަޑައިގަތުމަށް ފަހު ފުރަތަމަ ފަހަރަށް އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައެވެ.

އައްޑޫ ސިޓީ ފޭދޫ ރައްޔިތުންނާ މުޚާތަބުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އަނެއްކާ ވެސް މިވަނީ އުފާވެރި ކަމުގެ ސަރުކާރެއް އެކުލަވާލެވުމަށް ފުރުސަތު ލިބިފައި ކަމަށެވެ. މި ސަރުކާރު އެކުލަވާލުމަށް ވޯޓުގެ އިންސައްތައިން އެންމެ ގިނައިން ލިބުނު އެއްތަނަކީ އައްޑޫ ސިޓީ ކަމަށެވެ.  

ރައީސް ނަޝީދު ވިދާޅުވީ މިދިވެހިރާއްޖެ އަލުން ޑިމޮކްރަސީއަށް އަނބުރާ ގެނައުމަށް އައްޑޫ ސިޓީން ކޮށްފައިވާ މަސައްކަތަކީ މުޅި ރާއްޖޭގައި ބިންވަޅު ނެގިފައިވާ މަސައްކަތެކެވެ. އަދި މިދިޔަ ދިގު ދުވަސްތަކުގައި އައްޑޫ ސިޓީން ކޮށްފައިވާ މަސައްކަތަކީ މުޅި ދުނިޔެ ސިއްސުވާލާފައިވާ މަސައްކަތެއް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އައްޑޫ ސިޓީގެ މިލްކުވެރިންނަކީ އިތުރު އެއްވެސް ބައެއް ނޫން ކަމަށާއި، އައްޑޫ ރައްޔިތުން ކަމަށެވެ. އައްޑޫ ސިޓީ ހިންގާނެ ގޮތާއި ހިންގާނެ މިންތައް ބަޔާން ކުރާނީ ވެސް، ކަނޑައަޅާނީ ވެސް އައްޑޫ ރައްޔިތުން ކަމަށެވެ. އެއީ ލާމަރުކަޒީ އުސޫލުގެ ދަށުން ކަމަށާއި އެއީ މާލޭގައި ފިނި ކޮޓަރީގައި އިންނަވާ މިނިސްޓަރަކަށް އެނގިވަޑައިގަންނަވާނެ ކަމެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ 50 ގެ އަހަރުތަކުގައި ރާއްޖެ އާއި އިނގިރޭސި ވިލާތާ އެކު ވެސް އެއްބަސްވެވިގެން ދިޔައީ އައްޑޫ ހިންގަން ވާނީ އައްޑޫ ރައްޔިތުންގެ މެދުގައި ޑިމޮކްރަސީގެ ތެރެއިން ކަމަށެވެ. އެއީ ލާމަރުކަޒީ އުސޫލުން ކަމަށާއި އެކަން ހީނަރުވެފައި ވަނިކޮށް ލާމަރުކަޒީ އުސޫލުން ޤައުމު ހިންގުމުގެ ބާރު ލިޔުނު 5 ވަނަ ބާބަކީ އައްޑޫ ދަރިއެއް ކަމަށްވާ، އޭރު ވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުހައްމަދު އަސްލަމް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މިސިޓީއަކީ މުއްސަނދި ސިޓީއެއް ކަމަށާއި މި ސިޓީއަކީ އިންޑިޔާ ކަނޑުގެ މެދުގައި އޮތް އަތޮޅެއް ކަމަށެވެ. މިއަތޮޅު މުހިއްމުވަނީ ހަމައެކަނި ދިވެހި ރާއްޖެއަށް ނޫން ކަމަށާއި މުޅި އިންޑިޔާ ކަނޑުގެ ހަމަޖެހުމަށް މިއައްޑޫ ސިޓީ މުހިއްމުވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ތިޔަބޭފުޅުން ވިސްނަވާ ތިޔަބޭފުޅުން ބައްލަވާ. މި ދުނިޔެ، އިންޑިޔާ ކަނޑުގައި ފިނި ހަނގުރާމައެއް އުފެދެމުން އެބައާދޭ. އައްޑޫ ރައްޔިތުންނަށް މިކަން ސާފުވާނެ. އިންޑިޔާ އާއި ޗައިނާގެ ނުރުހުންތައް އެ ދެ ބައިމީހުންގެ އުދާސްތައް އެންމެ ފަހުން ތަހައްމަލް ކުރާނެ އަދި އެންމެ ފަހުން ހަމަޖެހުމަކަށް ގެންނާނޭ ތަނަކީ ވެސް އަޅުގަނޑަށް ފެންނަ ފެނުމުގައި މިއައްޑޫ އަތޮޅު. މި އައްޑޫ ސިޓީ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އައްޑޫ ސިޓީއަށް ނަޒަރު ހިންގާ މިސިޓީއާ މެދު ވިސްނަނީކީ ހަމައެކަނި ދިވެހިރާއްޖޭގެ ރައްޔިތުން ނޫން ކަމަށާއި މި ސިޓީގެ ކަންކަން މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ކިތައްމެ ބަޔަކު ބަލަމުންދާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އެތައް ޤައުމަކުން އެކަން ބަލަމުންދާއިރު އައްޑޫ ސިޓީ އިން އިނޑިޔާ ކަނޑުގެ ހަމަޖެހުން ހޯދުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެއް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ޒަމާނުންސުރެ ފެށިގެން ދިވެހިރާއްޖޭގެ އެކުވެރިންނަކީ އިންޑިޔާ ކަމަށާއި އިންޑިޔާގެ ހަމަޖެހުމާއި އިންޑިޔާގެ ސަލާމަތާއި ރައްކާތެރިކަމަކީ ދިވެހިރާއްޖޭގެ ސަލމާތާ ރައްކާތެރިކަމާ ގުޅިފައި ހުރި ކަމެއް ކަމަށެވެ. އަދި އައްޑޫ ސިޓީގެ ރައްޔިތުންނަކީ ހަމައެކަނި ދިވެހިރާއްޖޭގެ މަސްލަހަތާ ގުޅިފައިވާ ބައެއް ނޫންކަން އަބަދުވެސް ވިސްނަވަން ޖެހޭނެ ކަމަށާއި އިންޑިޔާ ކަނޑުގެ މަސްލަހަތާ ވެސް މާބޮޑަށް ގުޅިފައިވާ ބައެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް