ކ. މާލެ
|
6 ނޮވެންބަރ 2018 | އަންގާރަ 17:23
ޅައިމަގުން ގަވާއިދާ ހިލާފަށް ގިނަ ރުއްތަކެއް ކަނޑާ ބޭރުކުރާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯއެއް
ޅައިމަގުން ގަވާއިދާ ހިލާފަށް ގިނަ ރުއްތަކެއް ކަނޑާ ބޭރުކުރާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯއެއް
ރާއްޖެއެމްވީ
ރުއްގަސް ކެނޑުން
ރަށްރަށުން ރުއްގަސް ނަގައި އެހެން ރަށްރަށަށް ގެންދިއުމުގެ ހުއްދަ ކައުންސިލްތަކަކަށް ނުދެވޭނެ: އީޕީއޭ
ރަށްރަށުން ގިނަ އަދަދެއްގެ ރުއްގަސް ނަގައި، ރިސޯޓުތަކާއި ހިއްކާފައިވާ ބިންތަކުގައި ދަނީ އިންދަމުން
ރުއްގަސް ނަގައި އެއް ރަށުން އަނެއް ރަށަށް ގެންދެވޭނީ އީޕީއޭގެ ހުއްދަ ލިބިގެން

ރާއްޖޭގެ ރަށްރަށުން ރުއްގަސް ނަގައި އެހެން ރަށްރަށަށް ގެންދިއުމުގެ ހުއްދަ އެ ރަށެއްގެ ކައުންސިލަށް ނުދެވޭނެ ކަމަށް އެންވަޔަރަންމެންޓް ޕްރޮޓެކްޝަން އެޖެންސީ ބުނެފިއެވެ.

އީޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފަހަކަށް އައިސް ރާއްޖޭގެ ރަށްރަށުން ގިނަ އަދަދެއްގެ ރުއްގަސް ނަގައި، ރިސޯޓުތަކާއި ހިއްކާފައިވާ ބިންތަކުގައި އިންދުމަށް ގެންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އީޕީއޭ އިން ބުނީ ރުއްގަސް ނަގައި އެހެން ރަށްރަށަށް ގެންދެވޭނީ "ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ގާނޫނު"ގެ ދަށުން އެކުލަވާލާފައިވާ ރުށްގަސް ކެނޑުމާއި، އުފުރުމާއި، ކޮނެގެން އަދި އެއްރަށުން އަނެއްރަށަށް ގެންދިއުމާއި ބެހޭ ގަވާއިދުގެ 05 ވަނަ މާއްދާގެ (ހ)ގެ ދަށުން އެ އެޖެންސީގެ ހުއްދަ ލިބިގެން ކަމަށެވެ.

ނަމަވެސް ހަމައެކަނި ކައުންސިލުގެ ހުއްދައަކަށް ރިޢާޔަތްކޮށް ގަވާއިދާ ހިލާފަށް ގިނަ ފަރާތްތަކުން މި މަސައްކަތްކުރަމުން ގެންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި، އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް އީޕީއޭ އިން ބުންޏެވެ.

އީޕީއޭ އިން ބުނީ ރުއްގަސް ނަގައި އެއް ރަށުން އަނެއް ރަށަށް ގެންދެވޭނީ އެ އެޖެންސީގެ ހުއްދަ ލިބިގެންކަން، ރިސޯޓް ތަރައްގީ ކުރާ ފަރާތްތަކުންނާއި ކޮންޓްރެކްޓަރުން އަދި ކައުންސިލްތަކުން ޔަގީން ކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

އެގޮތުން ރުއްގަސް ނެގުމުގައި ފާސްކުރެވިފައިވާ މުއްދަތު ހަމަނުވާ އީއައިއޭއެއް އޮތް ނަމަ ރުއްގަސް ނަގަނީ އެ އީއައިއާ އެއްގޮތްތޯ ނުވަތަ ރުއްގަސް ގަވާއިދުގެ ދަށުން ދޫކުރެވިފައިވާ ހުއްދައާ އެއްގޮތްވާ ގޮތަށްތޯ ބަލަން ޖެހޭ ކަމަށާއި، ދޫކުރެވިފައިވާ ހުއްދައިގެ ދަށުން ނެގުމަށް ހުއްދަ ދެވިފައިވާ ރުއްގަހުގެ އަދަދު ކަށަވަރުކޮށް އެ އަށް ވުރެ ގިނައިން ނުނެގުން ފަދަ ކަން ކަމަށް ބަލަންޖެހޭ ކަމަށެވެ. އަދި ރުއްގަސް ނެގުމަށް ހުއްދަ ދެވިފައިވާ ސަރަހައްދުން ބޭރުން އެއްވެސް ރުއްގަހެއް ނަގާފައިވޭތޯ ބެލުމާ އެކު ރުއްގަހާ އެކު ރަށްރަށުން ގިނަ އަދަދެއްގެ ކަޅު ފަސް ބޭރުނުކުރުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރަށް އީޕީއޭއިން ބުނީ ލިޔެކިޔުންތަކާއި ހުއްދަތައް ފުރިހަމަނުކޮށް ރުއްގަސް ކަނޑައި ނުވަތަ ނަގައި އެރަށުން އަނެއް ރަށަށް އުފުލާ ފަރާތްތައް ގާނޫނު ތަންފީޒުކުރާ ފަރާތްތަކުގެ އެހީގައި ހުއްޓުވާނެ ކަމަށާއި، ގަވާއިދުގެ ދަށުން ފިޔަވަޅު އަޅަމުންދާ ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް