ކ. މާލެ
|
6 ނޮވެންބަރ 2018 | އަންގާރަ 14:03
ދުޅަހެޔޮ ހަށިހެޔޮ އީދުގެ މައުލާުމާތު މީޑިޔާ އާއި ހިއްސާކުރުމަށް ކުރިއަށް ދިޔަ ބައްދަލުވުމުގެ ތެރެއިން
ދުޅަހެޔޮ ހަށިހެޔޮ އީދުގެ މައުލާުމާތު މީޑިޔާ އާއި ހިއްސާކުރުމަށް ކުރިއަށް ދިޔަ ބައްދަލުވުމުގެ ތެރެއިން
ރާއްޖެއެމްވީ
ރިޔާސީ ރޭސް
ދުޅަހެޔޮ ހަށިހެޔޮ އީދުގެ ނަމުގައި ކުޅިވަރު ފެސްޓިވަލެއް ބާއްވަނީ!
 މި ސްޕޯޓްސް ފެސްޓިވަލް އޮންނާނީ ނޮވެމްބަރު 18 އަދި 19 ގައި

އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާކުރެއްވުމާއި ގުޅިގެން ބާއްވާ އުފާފާޅުކުރުންތަކުގެ ތެރެއިން "ދުޅަހެޔޮ ހަށިހެޔޮ އީދު" ގެ ނަމުގައި ސްޕޯރޓްސް ފެސްޓިވަލެއް ބާއްވަން އިންތިޚާބީ ރައީސްގެ އޮފީހުން ނިންމަވައިފިއެވެ.

މި ސްޕޯޓްސް ފެސްޓިވަލް އޮންނާނީ ނޮވެމްބަރު 18 އަދި 19  ދެ ދުވަހުއެވެ. 18ވަނަ ދުވަހު މެންދުރު 2.00 އިން ހަވީރު 6.00 އަށް މި ސްޕޯޓްސް ފެސްޓިވަލްގެ ހަރަކާތްތައް ކުރިއަށްދާއިރު، މި ފެސްޓިވަލަކީ މާލޭގައި ދިރިއުޅޭ ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދާ ސްޕޯޓްސް ފެސްޓިވަލެއް ކަމަށް ސްޕޯޓްސް ފެސްޓިވަލް އިންތިޒާމް ކުރާ ކޮމިޓީއިން މައުލޫމާތުދެއެވެ.

ސްޕޯޓްސް ފެސްޓިވަލްގެ ތެރޭގައި19 ވަނަ ދުވަހުގެ ރޭ ހާއްސަ ފުޓްބޯޅަ މެޗެއް ގަލޮޅު ބޯޅަ ދަނޑުގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. ސްޕޯޓްސް ފެސްޓިވަލް އިންތިޒާމް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އަދި އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ މި ފުޓްބޯޅަ މެޗުގައި މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިންނާއި، ރާއްޖޭގެ ކުޅިވަރު ލެޖެންޑުން ގޮތުގައި ފާހަގަ ކޮށްލެވޭ ކުޅުންތެރިންގެ އިތުރުން ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިވަގުތުވެސް ހަރަކާތްތެރިވާ ބޭފުޅުން ކުޅުއްވާނެ ކަމަށެވެ.

"މި ހުރިހާ ހަރަކާތެއްގައި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާކަން ކުރެއްވި ބޭފުޅުންނާއި، އިންތިހާބުވެވަޑައިގެންނެވި އަޅުގަނޑުމެންގެ މި ވަގުތު ރައީސްކަމުގެ ހުވާކުރައްވަން ހުންނެވި އިބްރާހިމް މުހައްމަދު ސޯލިހާއި، އެ މަނިކުފާނުގެ ރަނިންމޭޓް ފައިސަލް ނަސީމް ވެސް ބައިވެރިވެވަޑައިގަންނަވާނެ" ޝިފާޒް ވިދާޅުވިއެވެ.

ސްޕޯޓްސް ފެސްޓިވަލް އިންތިޒާމް ކުރާ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބު އަލީ ނިޔާޒް ވިދާޅުވީ އިންތިޚާބީ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތާއި ގުޅިގެން މާލޭގައި ބާއްވާ މި ކުޅިވަރު ފެސްޓިވަލް ކުރިއަށް ދާނީ 18 ވަނަ ދުވަހުގެ މެންދުރު 2.00 އިން  ހަވީރު 5.50 އަށް ކަމަށެވެ. މި ސްޕޯޓްސް ފެސްޓިވަލްގައި މޫދާއި އެއްގަމުގައި ކުޅިވަރުތަށް ކުރިއަށް ދާނެ  ކަމަށާއި، މި ކުޅިވަރުތަކުގައި 17 އެސޯސިއޭޝަން އަކާއި، 15 އެންޖިއޯއަކުން ބައިވެރިވާނެ ކަމަށް އަލީ ނިޔާޒް ވިދާޅުވިއެވެ. 3000 އަދި 5000 އާއި ދެމެދުގެ އަދަދަކަށް މީހުން މި ސްޕޯޓްސް ފެސްޓިވަލްގައި ބައިވެރިވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް އަލީ ނިޔާޒް ވިދާޅުވިއެވެ.

 "މި އީދުގެ ހަރަކާތްތައް ހަތަރު ސަރަހަދެއްގައި ހިގަމުންދާނެ. މި ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ 18 ވަނަ ދުވަހުގެ 2.00ގައި ސްވިމިން ޓްރެކުގައެވެ. އެއަށް ފަހު ރާޅުގަނޑު ސަރަހައްދުގައި. އެއަށް ފަހު މޫދު ކުޅިވަރުތައް 1 ނަމްބަރު ފާލަން ސަރަހައްދުގައި. އަދި މިހާތަނަށް ކުޅެވޭ ހުރިހާ ކުޅިވަރުތައް ބައިވެރިވާ ގޮތަށް ހިންގޭ ހަރަކާތެއް ގޮތަށް އޮންނާނީ މާލޭ ކުޅިވަރު އެކުވެނީގެ ދަނޑުތަކެއްގައި " އަލީ ނިޔާޒް ވިދާޅުވިއެވެ.

އިންތިޚާބީ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތާއި ގުޅިގެން ބާއްވާ މި އުފާފާޅުކުރުންތަކުގެ ތެރެއިން 18 ވަނަ ދުވަހުގެ ރޭގަނޑު 8 އިން 11 އަށް ރިޔާސީ ޖާފަތް މާލޭ ރިންގް ރޯޑުގައި މާލޭގެ ރައްޔިތުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި، އަދި މި ޖާފަތް މާލޭގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށް ދާނެ ކަމަށް އިންތިޒާމް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ޝިފާޒް ވިދާޅުވިއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް