ކ. މާލެ
|
6 ނޮވެންބަރ 2018 | އަންގާރަ 10:52
ސޮފްވާން ރައީސް މައުމޫނާއެކު މެލޭޝިޔާގައި
ސޮފްވާން ރައީސް މައުމޫނާއެކު މެލޭޝިޔާގައި
ޓްވިޓަރ
ކުރީގެ ރައީސް މައުމޫން
ސޮފްވާން ވި ގުރުބާނީ ބަލައިގަންނަން: ރައީސް މައުމޫން
ފުލުހުން ސޮފްވާން ހޯދީ ރިޝްވަތުގެ މައްސަލާގައި
ސޮފްވާންގެ ގުރުބާނީ ވަރަށް ބޮޑަށް ބަލައިގަންނަ ކަމަށް ވިދާޅުވި
އަދުލުއިންސާފު ގާއިމު ކުރަން ހުރަސް އެޅުމުގެ ދައުވާ ވެސް އޭނާގެ މައްޗަށް އުފުލި

ރިޝްވަތުގެ ތުހުމަތުތަކުގައި ފުލުހުން ހޯދި ރައީސް މައުމޫންގެ ކުރީގެ ޕާސަނަލް އެސިސްޓަންޓް އަހުމަދު ސޮފްވާނާއި ރައީސް މައުމޫން ބައްދަލު ކުރައްވައިފިއެވެ.

ސޮފްވާނާއި ބައްދަލު ކުރެއްވުމަށް ފަހު ރައީސް މައުމޫން ވިދާޅުވީ ސޮފްވާނަކީ ވަފާތެރި މީހެއް ކަމަށާއި އާއިލާއާއި ދުރުގައި ދޮޅު އަހަރު ހޭދަކޮށްފައިވާ ކަމަށެވެ. އަދި އެގުރުބާނީ ބަލައިގަންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

ސޮފްވާން އަކީ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހު ބޭރު ކުރުމަށް ދިއްގަރު ދާއިރާގެ މެމްބަރު އަދި ރައީސް މައުމޫންގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ކުރެވުނު ރިޝްވަތުގެ ތުހުމަތުތަކުގައި ފުލުހުން ހޯދި އެކެކެވެ. އެހެން ނަމަވެސް ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ކުރިން ވަނީ ރާއްޖެ ދޫކޮށް ގޮސްފައެވެ. 2017 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި އޭނާ ހޯދުމަށް ފުލުހުން އެކި ފަހަރު މަސައްކަތް ކޮށްފައިވާއިރު، ސޮފްވާން ހޯދުމަށް ފުލުހުން ބައިނަލްއަޤްވާމީ ފުލުހުންގެ އިދާރާ އިންޓަރޕޯލްގައި ވެސް އެދުނެވެ. އެހެން ނަމަވެސް ފިލައިގެން އުޅޭ މީހުން ހޯދުމަށް އިންޓަރޕޯލްއިން ނެރޭ ރެޑް ނޯޓިސް ނެރެދީފައެއް ނުވެއެވެ. ތަހުގީގަށް ހާޒިރު ނުވުމުން އަދުލުއިންސާފު ގާއިމު ކުރަން ހުރަސް އެޅުމުގެ ދައުވާ ވެސް އޭނާގެ މައްޗަށް އުފުލާފައިވެއެވެ. 

ސޮފްވާން އަނބުރާ ރާއްޖެ އައުމުގެ އެއްވެސް ހުރަހެއް ނެތް ކަމަށް އިމިގްރޭޝަނުން  މިދިޔަ މަހުގެ ތެރޭގައި ވަނީ ބުނެފައެވެ. 

ރައީސް މައުމޫން މެލޭޝިއާއަށް ވަޑައިގެންފައިވަނީ މީގެ ދެހަފްތާ ކުރިން "މެޑިކަލް ޗެކަޕެއް" ހެއްދެވުމަށެވެ. ބެލެވޭ ގޮތުގައި އެމަނިކުފާނާއި އެކު ސޮފްވާން އެނބުރި ރާއްޖެ އަންނާނެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް