ކ. މާލެ
|
5 ނޮވެންބަރ 2018 | ހޯމަ 18:46
އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ލިޔުމެއްގައި ސޮއި ކުރައްވަނީ
އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ލިޔުމެއްގައި ސޮއި ކުރައްވަނީ
ރާއްޖެ އެމްވީ
ސޯލިހު ހުވާ ކުރެއްވުން
ހުވާ ކުރާ ރަސްމިއްޔާތު އާންމުކޮށް ހުޅުވާ ނުލައި، 11،500 މީހުންނަށް ދައުވަތު ދޭން ނިންމައިފި
އާންމުކޮށް ހުޅުވާ ނުލަން ނިންމީ ސެކިއުރިޓީ ސަބަބުތަކަށްޓަކާ
ހުވާ ކުރެއްވުން އޮތީ 17 ވަނަ ދުވަހުގެ ހަވީރު
ރަސްމިއްޔާތަށް ޖޮއިންޓް ކޮމެޓީއެއް އުފައްދާފައިވޭ

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރައްވާ ރަސްމިއްޔާތު އާންމުކޮށް ހުޅުވާލައިގެން ނުބޭއްވުމަށް ނިންމައި، އެ ރަސްމިއްޔާތަށް 11،500 މީހުންނަށް ދައުވަތު ދޭން ނިންމައިފިއެވެ.

މި މަހުގެ 17 ވަނަ ދުވަހު ގައުމީ ފުޓްބޯޅަދަނޑުގައި ބޭއްވުމަށް ނިންމާފައިވާ ހުވާކުރުމުގެ ރަސްމިއްޔާތުގެ އިންތިޒާމުތައް ރައްޔިތުންގެ މަޖިލީހާ ގުޅިގެން ކުރިއަށް ގެންދިއުމަށް އިންތިހާބީ ރައީސް އުފައްދާފައިވާ އިނޮގްރޭޝަން ކޮމެޓީން ހޯމަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި ބުނީ އާންމުކޮށް ހުޅުވާލައިގެން އެ ރަސްމިއްޔާތު ނުބޭއްވުމަށް ނިންމީ ސެކިއުރިޓީ ސަބަބުތަކަށްޓަކާ ކަަމަށެވެ.

އެ ކޮމެޓީގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވީ ހުވާކުރާ ރަސްމިއްޔާތުގައި އެކި ދައުލަތްތަކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެތީ، އެބޭފުޅުންގެ ސަލާމަތީ ކަންކަން ބަލަހައްޓަވާ ފަރާތްތަކުން އެދެނީ ދައުވަތު އަރުވާ ބޭފުޅުން އެކަނި އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވޭ ގޮތް ހެދުމަށް ކަމަށެވެ.

"އެކިއެކި ދައުލަތްތަކުގެ ހެޑް އޮފް ސްޓޭޓުން ބައިވެރިވެވަޑައިގަންނަވާނެ. އެގޮތުން ބައިވެރިވެވަޑައިގަންނަވާ ހެޑް އޮފް ސްޓޭޓުން ބައިވެރިވެވަޑައިގަންނަވާއިރު، އެބޭފުޅުންގެ ސެކިއުރިޓީ އާއި ސަލާމަތީ އެންމެހައި ކަންކަން އެންމެ ފުރިހަމައަށް ބެލެހެއްޓޭނެ ގޮތަކަށް، އެބޭފުޅުންގެ ފަރާތްޕުޅުން ވެސް އެބޭފުޅުން ތަމްސީލު ކުރައްވާ ސަރުކާރުތަކުންނާއި އަޅުގަނޑުމެން ވެސް ސެކިއުރިޓީގެ އެކިއެކި ބޭފުޅުންގެ މަޝްވަރާ އާއި ލަފައަކީ ދައުވަތު އެރުވޭ ބޭފުޅުންނަށް ހަމައެކަނި ހުޅުވާލައިގެން ބައިވެރިވެވޭ ގޮތަށް ގަލޮޅު ދަނޑުގައި ހުވާ ކުރުމުގެ ރަސްމިއްޔާތު ގެންދިއުން،" ހަސަން ލަތީފު ވިދާޅުވިއެވެ.

ހުވާ ކުރުމުގެ ރަސްމިއްޔާތު ފަށާނީ މި މަހުގެ 17 ވަނަ ދުވަހުގެ ހަވީރު 5:00 ގައި ކަމަށް ހަސަން ވިދާޅުވިއެވެ. އެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ޕާޓީތަކަށް ވެސް ވަކިވަރަކަށް ދައުވަތު ދޭނެ ކަމަށާއި އޭގެ އިތުރުން ބޭރުގެ އިއްޒަތްތެރިންނާއި ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރުންނަށް ވެސް ދައުވަދު ދޭނެ ކަމަށް ހަސަން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިންތިހާބީ ރައީސް ހުވާ ކުރައްވާ ރަސްމިއްޔާތަކީ މިހާތަނަށް އެންމެ ގިނަ ބަޔަކު ބައިވެރިވާ ރަސްމިއްޔާތަކަށްވުމުން، އެ ރަސްމިއްޔާތުގެ ކަންކަން ކުރިއަށް ގެންދިއުމަށް މުއައްސަސާތަށް ގުޅިގެން ޗޮއިންޓް ކޮމެޓީއެއް އުފައްދާފައިވާ ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހާއި އިންތިހާބީ ރައީސް އުފެއްދެވި އިނޮގްރޭޝަން ކޮމެޓީ އާއި ރައީސް އޮފީހާއި ފޮރިން މިނިސްޓްރީ އާއި ސިފައިންނާއި ފުލުހުން ހިމެނޭ ގޮތަށް ޖޮއިންޓް ކޮމެޓީއެއް އުފައްދާފައިވާ ކަމަށް ހަސަން ވިދާޅުވިއެވެ.

(ތަފްސީލު އަންނަނީ...)

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް