ކ. މާލެ
|
5 ނޮވެންބަރ 2018 | ހޯމަ 17:30
ޑރ އަފްރާޝީމް އަލީ އާއި ރިލްވާން އަދި ޔާމިން ރަޝީދު
ޑރ އަފްރާޝީމް އަލީ އާއި ރިލްވާން އަދި ޔާމިން ރަޝީދު
ގޫގުލް
ފުލުހުން
ޑރ އަފްރާޝީމް އާއި ރިލްވާން އަދި ޔާމިންގެ މައްސަލަ ރިވިއުކޮށް އަލުން ބަލަން ފުލުހުން ނިންމައިފި
ރިލްވާންގެ މައްސަލަ ރިވިއުކުރަން ނިންމާފައި މިވަނީ ފައިލްކޮށްފައި އޮތުމަށް ފަހު
އަފްރާޝީމްގެ މަރާލިކަމަށް ސާބިތުވެ ހުމާމް މަރަން ވަނީ ހުރިހާ ކޯޓަކުން ވެސް ނިންމާފައި
އިންތިޚާބީ ރައީސް ކެމްޕެއިން ދުވަސްވަރު ވިދާޅުވެފައިވަނީ މިމައްސަލަތައް އަލުން ބައްލަވާނެ ކަމަށް

އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް ޢަލީ އާއި ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަދި މަރާލާފައިވާ ޔާމިން ރަޝީދުގެ މަރުގެ މައްސަލަ ރިވިއުކޮށް އަލުން ބެލުމަށް ފުލުހުން ނިންމައިފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސއިން ބުނެފައިވަނީ ޑރ. އަފްރާޝީމާއި ޔާމިން ރަޝީދުގެ މަރުގެ މައްސަލަ އާއި ރިލްވާން ގެއްލުނު މައްސަލަ ރިވިއުކޮށް ފުލުހުންނަށް އިތުރަށް ކުރެވެން ހުރި ކަންކަން ކުރަމުންދާ ކަމަށެވެ.

ޑރ އަފްރާޝީމް އަލީ މަރާލި ކަމަށް ހ. ލޮބީ ހުސައިން ހުމާމްގެ މައްޗަށް ސާބިތުވެ އޭނާ މެރުމަށް ވަނީ ހުރިހާ ކޯޓަކުން ވެސް ނިންމާފައެވެ. އަދި އެ މައްސަލައިގާ ހައްޔަރު ކުރި އެހެން މީހުންގެ މައްޗަށް އެކަމުގެ އެއްވެސް ކަމެއް ސާބިތު ނުވެ އެ މީހުން ވަނީ މިނިވަންކޮށްފައެވެ. ނަމަވެސް އެ މައްސަލަ ނިމުނު އިރު ވެސް ރައްޔިތުންގެ މެދުގައި އުފެދިފައިވާ ބޮޑު ސުވާލަށް ވަނީ ޖަވާބު ނުލިބިއެވެ. އެއީ ހުމާމް އަފްރާޝީމް މަރަން ޖެހޭ އެއްވެސް ސަބަބެއް ނެތުމާއި އެމަރުގެ ފަހަތުގައި ވަނީ ކޮން ބައެއްކަން އެނގިފައި ނުވުމެވެ.

ނޫސްވެރިޔާ ރިލްވާން ގެއްލުމާ ގުޅޭ ގޮތުން ފުލުހުންގެ ތަހުގީގަށް މާބޮޑު ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. އަދި އޭނާ ދިރިހުރިތޯ ނުވަތަ ނޫންކަން ވެސް ފުލުހުންނަށް ހޯދިފައެއް ނުވެއެވެ. މީގެ އިތުރުން އެމައްސަލައިގާ ހައްޔރުކުރި ބައެއް މީހުން ދޫކޮށްލާފައިވާއިރު އެމައްސަލައިގާ ދައުވާ އުފުލި ޝަރީއަތް ހިންގުނު ފަރާތްތައް ވެސް ވަނީ މައްސަލަ ސާބިތު ނުވެ ކޯޓުން ސަލާމަތް ވެފައެވެ.

ރިލްވާންގެ އެކުވެރިޔާ ޔާމިން ރަޝީދު މަރާލި މައްސަލައިގެ ތަހުގީގަށް ބަޔަކު ހައްޔަރުކޮށްފައިވާއިރު އެ މައްސަލައިގެ ޝަރީއަތްތައް ވެސް ވަނީ ދިގުލައިގެން ގޮސްފައެވެ.

ފުލުހުން މި މައްސަލަތައް ރިވިއުކޮށް އަލުން ބަލަން ފަށާފައި މިވަނީ ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު މިހާރުގެ އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއަށް އިންތިޚާބު ކާމިޔާބު ވެއްޖެނަމަ އެމައްސަލަތައް އަލުން ބަލާނެ ކަމަށް ވައުދުވެވަޑައިގަންނަވާފައި ވަނިކޮށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް