ކ. މާލެ
|
5 ނޮވެންބަރ 2018 | ހޯމަ 15:32
އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު
އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު
ރާއްޖެއެމްވީ
ހއ އިހަވަންދޫ
ރައީސް ޔާމީންގެ ސަރުކާރުގައި އިހަވަންދޫއަށް ވަނީ ވަރަށް ބޮޑަށް އިހުމާލުވެފައި: ކައުންސިލްގެ ރައީސް
އިންތިޚާބީ މަގާމު އަދާކުރުމުގެ ފުރުސަތު ދީފައެއް ނުވޭ
ބަނދަރުގެ ޖާގަ ކުޑަވެ، އޮޑިވެރިންނަށް އެކަމުގެ ތަކުލީފުތައް ވަނީ އުފުލަން ޖެހިފައި
މަސްވެރިން ކުރާ މަސައްކަތުގެ ހަމަ އަގު ނުލިބޭ

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހއ. އިހަވަންދޫއަށް ވަނީ ވަރަށް ބޮޑަށް އިހުމާލުވެފައި ކަމަށް އެރަށުގެ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުގައި ކައުންސިލްގެ ރައީސް ރަޝީދު ވިދާޅުވީ ތަރައްގީގެ ގިނަ މަޝްރޫއުތައް އެރަށުގައި ހިންގާނެ ކަމަށް މި ސަރުކާރު ވައުދުވި ނަމަވެސް އެއްވެސް ކަމެއް ރައްޔިތުން ބޭނުންވާ ގޮތަށް ކޮށްދީފައި ނުވާ ކަމަށެވެ. ރަޝީދު ވިދާޅުވީ ގިނަ ކަންކަމުން އެރަށުގެ ރައްޔިތުން މަހުރޫމްކޮށް، އިންތިޚާބީ އެއްވެސް މަގާމަކަށް އެމަގާމުގައި ދެމި ތިއްބެވި އެއްވެސް މީހަކަށް ހައްގު މަސްއޫލިއްޔަތު އަދާކުރުމުގެ ފުރުސަތު ދީފައި ނުވާ ކަމަށެވެ. އެގޮތުން މި ސަރުކާރުގެ އަނިޔާވެރިކަމާ އެކު ކައުންސިލް ދެ ފަހަރެއްގެ މަތިން 6 މަސް ދުވަހަށް ސަސްޕެންޑްކޮށްފައިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ސަރުކާރާއި، ސަރުކާރުގެ އެކިއެކި މުއައްސަސާތަކުން ދޭންޖެހޭ އެއްބާރުލުމާއި އެހީތެރިކަން ނުލިބުމުގެ ސަބަބުން ވަރަށް ގިނަ ދަތިތަކާއި ރައްޔިތުން ކުރިމަތިލާން ޖެހުނުކަން ފާހަގަ ކުރައްވައި ރަޝީދު ވިދާޅުވީ ކައުންސިލަރުންނަށް ރައްޔިތުންނާއި އެންމެ ގާތުން ދެވެން އޮތް ޚިދުމަތްތައް ހުއްޓުވުމަށް ރައީސް ޔާމީންގެ ސަރުކާރުގެ މުއައްސަސާތަކުން މަސައްކަތް ކުރި ކަމަށެވެ.

"އަޅުގަނޑުމެން ކައުންސިލަރުންނަށް ލިބިދޭ ބާރުތަކަށް މިސަރުކާރުން ވަނީ ވަރަށް ބޮޑަށް ހުރަސްއަޅާފަ. މިސާލަކަށް ގޯތިދޫކުރުން. މިރަށުގެ ރަށްރަށުގައި ބަންޑާރަ ގޯތި ދޫކުރަން އަޅުގަނޑުމެން މަސައްކަތް ފެށީމަ އެވެއްޖެ ހައުސިން މިނިސްޓްރީގެ މެންޑޭޓްގައި އޮތް ކަމަކަށް. އެކަމަކު މީގެ ކުރިން އެކަންކަން ކުރަމުން އައީ ރަށުގެ ކައުންސިލުން. އެއްވެސް މިންވަރެއް ބިމެއްދީ އެގްރިމެންޓެއް ހަދާ، އިއުލާން ކުރުމަކީ މަނާކަމެއް ކަން ކައުންސިލްތަކަށް ވަނީ އަންގާފައި،" ރަޝީދު ވިދާޅުވިއެވެ.

އިހަވަންދޫގައި ކުރަމުންދާ މަސްވެރިކަމަށް އަލިއަޅުއްވާލައްވާ ކައުންސިލްގެ ރައީސް ރަޝީދު ވިދާޅުވީ ޒަމާނަށް އަންނަ ބަދަލާއެކު އެދޯނިތައް ބޮޑުވެ އެދޯނިތަކުގައި ގެންގުޅޭ ސާމާނުތައް ގިނަވެ އަދި ދޯނި ބޭއްވުމަށްޓަކައި ފަޅުން ބޭނުންވާ ޖާގަ ވެސް ބޮޑުވާ ކަމަށެވެ. ނަމަވެސް ބަނދަރުގެ ޖާގައިގެ ދަތިކަމާ ހުރެ އޮޑިވެރިންނަށް އެކަމުގެ ތަކުލީފުތައް އުފުލަންޖެހިފައިވާ ކަމަށެވެ.

މީގެ އިތުރަށް ރަޝީދު ވިދާޅުވީ އެރަށުގެ މަސްވެރިންނަށް މަސައްކިރުމާއި އައިސް ލިބޭނެ ތަނަވަސް ގޮތެއް ވެސް ނެތް ކަމަށާއި، މަސްވެރިންނަށް ކުރާ މަސައްކަތުގެ ހަމައަގު ނުލިބޭ ކަމަށެވެ. އަދި ވިދާޅުވީ އޮޑިފަހަރު ބަނުމަށް އެރަށުގައި ބިންނެތް ކަމަށާއި، މިއީ ވެސް ނުހަނު ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.

"ފަޅަށް ވަންނައިރު ނެރުފައިކަށީގައި ނެރު ބައްތިއެއް ނުހުރޭ. ފަޅު އެހާމެ ތިލަ. އަދި އެހެންމެ ބަނދަރު ބޭނުންކުރާ ފަރާތްތަކަށް އެއްގަމު ތޮށި އުސްވީމަ އެ އުދަނގޫތައް ވެސް ތަހައްމަލު ކުރަމުންދޭ. މަސްވެރިންނަށް ހަފްތާ ބަންދާ ދިމާކޮށް މުޅި ބަނދަރު އޮޑިދޯނު ފަހަރުން ފުރިފައި. އަދި ބަނދަރުގެ އެއް ސަރަހައްދު ދަނި ހިކެމުން،" ރަޝީދު ވިދާޅުވިއެވެ.

ބަނދަރު ބޮޑުކޮށް މަރާމާތުކުރުމަށް 2016 ވަނަ އަހަރު 15 މިލިއަން ރުފިޔާގެ ބަޖެޓްގައި ހިމަނާފައިވާކަން ފާހަގަކުރައްވައި ރަޝީދު ވިދާޅުވީ އެމަސައްކަތް ކުރިއަށް ނުދާތީ ސަރުކާރުގެ މުއައްސަސާތަކުގެ ސަމާލުކަމަށް ގެނައި ނަމަވެސް އެއްވެސް ޖަވާބެއް ދީފައި ނުވާ ކަމަށެވެ.

ރަޝީދު ވިދާޅުވީ ރައީސް ޔާމިންގެ ވެރިކަމުގައި ބޮޑު އިހުމާލެއްވީ ނަމަވެސް 3300 މީހުން ދިރިއުޅެމުން އަންނަ އިހަވަންދޫއަށް އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ތަރައްގީގެ މަޝްރޫއުތައް ހިންގި އެރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ލިބޭނެ ކަމާމެދު އުންމީދު ކުރާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް