އެމެރިކާއަށް އެތެރެވުމަށް ފައި މަގުގައި ދަތުރު ކުރަމުންދާ މެދުތެރޭ އެމެރިކާ ސަރަހައްދުގެ ޤައުމުތަކުގެ އެތައް ހާސް ރެފިއުޖީން ހިމެނޭ ޤާފިލާތަކުގެ ތެރެއިން ފުރަތަމަ ގާފިލާ މެކްސިކޯގެ ވެރިރަށް މެކްސިކޯއަށް ހިނގައްޖެއެވެ.
ގާތް ގަނޑަކަށް 450 އެއްހާ މީހުން ހިމެނޭ މި ގާފިލާގައި ގިނައީ ފިރިހެނުންނާއި ފިރިހެން ކުދިންނެެވެ. އެ މީހުންނަށް ވަނީ ސްޓޭޑިއަމްތަކުން ބޯހިޔާވަހިކަން ދީފައެވެ.
ކެރަވާންގެ ނަންދީފައިވާ މި ގާފިލާ އަކީ މީގެ ހަފްތާތަކެއް ކުރިން ހޮންޑިއުރަސްއިން ދަތުރުފެށި ގާފިލާއެކެވެ.
މިހާރު ގާފިލާގެ މެމްބަރުންގެ އަދަދު 5،000 އާ ގާތްކުރެއެވެ.
އެމެރިކާގެ ރައީސް ވަނީ އެގައުމަށް ރެފިއުޖީން އެތެރެވުން ހުއްޓުވުމަށް ސަރަހައްދީ ރޮނގުގެ ކައިރިއަށް ސިފައިން ފޮނުވާނެ ކަަމަށް ވިދާޅުވެފައެވެ.
ރެފިއުޖީންގެ ޤާފިލާ ހުއްޓުވުމަށް އެމެރިކާއާއި މެކްސިކޯ ގުޅޭ ސަރަހައްދީ ރޮނގު ކައިރިއަށް އެމެރިކާގެ 5،200 ސިފައިން ފޮނުވުމަށް އެ ގައުމުން ވަނީ ނިންމާފައެވެ.
ރައީސް ޑޮނަލްޑް ޓްރަމްްޕް ކުރިން ވިދާޅުވެފައި ވަނީ އެ ގައުމު ހިފަން އަންނަ ހިޖުރަވެރިންނާއި އެމެރިކާގެ ސިފައިން ބައްދަލުކުރާނެ ކަމަށާއި އެ މީހުން ތިބީ ތައްޔާރަށް ކަމަށެވެ.
އެމެރިކާގެ މިޑްޓަރމް އިންތިޚާބު އަންގާރަ ދުވަހު ބާއްވާއިރު މައި ދެ ޕާޓީން ވެސް ދަނީ ރެފިއުޖީންގެ މައްސަލަ ސިިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރާ ކަމަށް އެއް ބަޔަކު އަނެއް ބަޔަކަށް ތުހުމަތު ކުރަމުންނެވެ.