ކ. މާލެ
|
5 ނޮވެންބަރ 2018 | ހޯމަ 04:29
ވާރލްޑް ޓްރެވަލް މާކެޓް
ވާރލްޑް ޓްރެވަލް މާކެޓް
މޯލްޑިވްސް އިންސައިޑަރ
ވާރލްޑް ޓްރެވަލް މާކެޓް
ވާރލްޑް ޓްރެވަލް މާކެޓްގައި ރާއްޖެއިން ބައިވެރިވެއްޖެ
ފެއަރ ކުރިއަށްދާނީ މި މަހުގެ 7 ވަނަ ދުވަހާއި ހަމައަށް
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ 65 ކުންފުންޏެއްގެ ފަރާތުން 169 މަންދޫބުން ވަނީ ބައިވެރިވެފައި

އިނގިރޭސި ވިލާތުގައި މި މަހުގެ 5 ވަނަ ދުވަހުން 7 ވަނަ ދުވަހަށް ކުރިއަށްދާ ވާރލްޑް ޓްރެވަލް މާކެޓް (ޑަބްލިއު.ޓީ.އެމް) ގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.

މި އަހަރުގެ ފެއަރގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ 65 ކުންފުންޏެއްގެ ފަރާތުން 169 މަންދޫބުން ވަނީ ބައިވެރިވެފައެވެ. މީގެ ތެރޭގައި ރިސޯޓްތަކާއި ގެސްޓް ހައުސް، ޓްރެވަލް އޭޖެންސީތަކުގެ އިތުރުން އެއަރލައިން އޮޕަރޭޓަރުންތައް ހިމެނެއެވެ. މި ފެއަރގައި ރާއްޖެ ތަމްސީލް ކުރައްވަނީ ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ އެމްބެސަޑަރ މުހައްމަދު ޝިއާން އަދި މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ އެކްޓިންގް މެނޭޖިންގ ޑައިރެކްޓަރ ހާރިސް މުހައްމަދުއެވެ.

މި ފެއަރގެ ތެރެއިން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރެވިގެންދާއިރު ފެއަރ އަށް ޒިޔާރަތް ކުރާ ފަރާތްތަކުގެ މެދުގައި މުބާރާތެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ މުބާރާތުން ހޮވޭ ފަރާތަކަށް މޯ ހޮޓެލްސް އެންޑް ރިސޯޓްސްގެ ފަރާތުން ރާއްޖޭގައި ޗުއްޓީ ދަތުރެއް ވަނީ ހުށަހަޅާފައެވެ.

މީގެ އިތުރުން މި ފެއަރގައި އެކި ޤައުމުތަކުން 5000 ބައިވެރިން ޓެކްނޮލޮޖީގެ ދާއިރާތައް ތަމްސީލް ކުރާއިރު 51000 ފަތުރުވެރިކަމާއި ބެހޭ މާހިރުން މި ސިނާއަތުގެ އިސް ކުންފުނިތަކާއި ނޫސްވެރިންނާއި އައިޓީ ދާއިރާގެ ނުފޫޒުގަދަ ފަރާތްތަކާއި ބައްދަލުކޮށް މުއާމަލާތް ކުރާނެއެވެ.

ޑަބްލިއު.ޓީ.އެމް އަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހިންގާ އެންމެ ބޮޑު އެއް ފެއަރއެވެ. މިއީ މި ފެއަރ ބާއްވާ 38 ވަނަ ފަހަރެވެ. އަދި މިއީ ރާއްޖޭން މި ފެއަރގައި ބައިވެރިވާ 34 ވަނަ ފަހަރެވެ.

މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ގޮސް ސެޕްޓެމްބަރު މަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެންމެ ގިނައިން ފަތުރުވެރިން ދެވަނަ އަށް ޒިޔާރަތްކޮށްފައިވަނީ އިނގިރޭސިވިލާތުންނެވެ. މިއަހަރުގެ ތެރޭގައި ޖުމްލަ 83،311 ފަތުރުވެރިން އިނގިރޭސިވިލާތުން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. އަދި މި ފެއަރގެ ސަބަބުން މި އަދަދު އިތުރުވެގެންދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

 

- ކޮމެންޓް