ކ. މާލެ
|
4 ނޮވެންބަރ 2018 | އާދީއްތަ 19:11
މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު
މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު
މުހައްމަދު ޝަރުހާން
ރައްޔިތުންގެ މަޖިލީހުގެ ޕްރެސް
65 އަހަރު ފުރުމަކުން މަޖިލީހުގެ ރައީސްކަމުގެ މަގާމުގައި ހުންނެވުމުގައި ގާނޫނީ ހުރަހެއް ނެތް: މަޖިލިސް
މަޖިލީހުގެ ނައިބު ރައީސަށް ވެސް ޒިންމާ އަދާކުރެވޭނެ
މަޖިލީހުން ނިންމާ ގޮަތަކަށް ވެސް ކަންކަން ކުރިއަށް ގެންދެވިދާނެ
މަޖިލީހަށް 18 އަހަރުން މަތީ ފަރާތްތަކަށް ކުރިމަތި ލެވޭ، ކޮންމެ މެމްބަރަކަށްވެސް މަޖިލީހުގެ ރައީސް ކަމަށް ކުރިމަތި ލެވޭ

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް 65 އަހަރު ވުމަކުން އެމަގާމުގައި ދެމި ހުންނެވުމުގެ ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު އަދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޫސަ އެގޮތަށް ވިދާޅުވީ ރައީސް އޮފީހުގެ ލީގަލް އެފެއާރޒު މިނިސްޓަރު އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވި ވާހަކައަކާ ގުޅިގެންނެވެ.

އާޒިމާ އޭނާގެ ފޭސްބުކްގައި ލިޔުއްވާފައިވާ ޕޯސްޓެއްގައި ވަނީ ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން އިސްތިއުފާ ދެއްވައިފިނަމަ، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށެވެ، އެހެންކަމުން މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ހުންނަވާ ބޭފުޅަކުވެސް ރައީސުލްޖުމްހޫރިއްޔާގެ ކިބައިގައި ހުންނަންޖެހޭ ޝަރުތު ފުރުހަމަވާން ޖެހޭނެ ކަމަށެވެ. އެގޮތުން މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް ދާދިފަހުން އައްޔަން ކުރެއްވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އަށް 65 އަހަރު ފުރިފައިވާތީ ގާސިމްގެ އެމަގާމާމެދު އާޒިމާ ވަނީ ސުވާލު އުފައްދަވާފަ އެވެ.

މޫސަ ވިދާޅުވީ މަޖިލީހުގެ ރައީސަކީ ދިމާވާ ހާލަތެއްގައި އެ ޒިންމާ އަދާކުރައްވަންޖެހޭ ފަރާތެއް ކަމުން އެއީ ގާނޫނީ ހުރަހަކަށް ވާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި އަދި މަޖިލީހުގެ ރައީސަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމު ފުރުއްވުމަށް ގާނޫނީ ހުރަހެއް އޮތްނަމަ، މަޖިލީހުގެ ނައިބު ރައީސް ވެސް އެ ޒިންމާ ނަންގަވަން ހުންނަވާނެ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ގަރާރެއްގެ ދަށުން ވެސް ކަންކަން ނިންމުމުގެ ބާރު މަޖިލީހަށް ލިބިގެންވާ ކަމަށްވެސް މޫސަ ވިދާޅުވި އެވެ. 

މޫސަ ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް 18 އަހަރުން މަތީގެ އުމުރުގެ ޝަރުތު ފުރިހަމަވާ ފަރާތްތަކަށް މެމްބަރުކަމަށް ކުރިމަތި ލެވޭއިރު، ރައްޔިތުންގެ ރައީސް ކަމުގެ މަގާމަށް ވާދަކުރުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެމްބަރަކަށް ވެސް ލިބިގެންވާ ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް