ކ. މާލެ
|
3 ނޮވެންބަރ 2018 | ހޮނިހިރު 23:29
އިމްރާން އޭނާގެ އަނބިކަނބަލުންގެ ގައިގައި ބައްދާލަނީ
އިމްރާން އޭނާގެ އަނބިކަނބަލުންގެ ގައިގައި ބައްދާލަނީ
ރާއްޖެ އެމްވީ
ޝެއިހް އިމްރާން އަބްދުﷲ
ޑީލަށް ނޫނެކޭ ބުނުމުގެ ބާރަކަށްވީ ދޮށީ ދެ ދަރިންނާއި އަންހެނުން: އިމްރާން
ޑީލު ހުށަހެޅީ ކާކު ކަމެއް، ހުށަހެޅި ކަންތައްތަކެއް ވިދާޅެއް ނުވޭ
ކޯލިޝަން ފަސް އަހަރު ދެމެހެއްޓޭނެ ކަމަށް ވިދާޅުވި
ގެއްލުމަށްވުރެ ޖަލުން ލިބުނު ފައިދާ ބޮޑު ކަމަށް ވިދާޅުވި

ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް، ސަރުކާރުން ޑީލުތަކެއް ހުށަހެޅި ކަމަށާއި އެ ޑީލުތަކަށް ނޫނެކޭ ބުނުމުގެ ބާރަކަށްވީ އޭނާގެ ދޮށީ ދެ އަންހެން ދަރިންނާއި އަނބިކަނބަލުން ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވީ ޖަލުން މިނިވަންވުމަށް ސަރުކާރުން ޑީލްތަކެއް ހުށަހެޅި ކަމަށާއި ނަމަވެސް އޭނާއަކީ ގަބޫލު ކުރާ ހަމަތައް ދޫކޮށްލެެއްވުމަށްފަހު، ޑީލަކަށް ދާނެ މީހެއް ނޫން ކަމަށެވެ. ސަރުކާރުން ހުށަހެޅި ޑީލުތަކަށް އެއްބަސްވިނަމަ، އަރައިނުގަނެވޭ ވަރުގެ އަނދަވަޅަކަށް ވެއްޓުނީސް ކަމަށް އިމްރާން ވިދާޅުވިއެވެ.

ސަރުކާރުން ހުށަހެޅި ކަންކަމާ ގުޅޭ ގޮތުން އޭނާގެ ދޮށީ ދެ އަންހެން ދަރިންގެ ހިޔާލު ހޯއްދެވި ކަމަށާއި އެ ކުދިން ދެއްވި ޖަވާބަށްފަހު "އެ ކަން ގަބޫލު ކުރުމަށްވުރެ، ޖަލުގައި އޮތުން ވެސް މާ ހެޔޮކަން ބޮޑު" ކަމަށް އެކަން ހުށަހެޅި މީހުންނަށް ދެންނެވި ކަމަށް އިމްރާން ވިދާޅުވިއެވެ.

"އެ ނިންމުން ނިންމައި ދިނުމަށް އެންމެ ބޮޑު ބާރަކަށް ވެގެންދިޔައީ އަޅުގަނޑުގެ ދެ އަންހެން ދަރިންނާއި އަޅުގަނޑުގެ އަންހެނުން. އަޅުގަނޑު ނިންމުމެއް ނިންމުމުގެ ކުރިން ދެ ދަރިންނާ ސުވާލު ކުރިން ކޮބައިތޯ ބޭނުންވާ ގޮތަކީ. މީޑިއާގައި އައި ކޮންމެ ވެސް ގޮތަކަށް އަޅުގަނޑުގެ ދެ ދަރިން ވަރަށް ސާފުކޮށް ދީފައި ހުރި ޖަވާބު. އޭގެ މައްޗަށް ބިނާކޮށް ވަރަށް ކުރުކުރު ޖަވާބެއް ދިނިން. މިފަދަ ކަމެއް ގަބޫލު ކުރުމަށްވުރެ، ޖަލުގައި އޮތުން ވެސް މާ ހެޔޮކަން ބޮޑޭ،" އިމްރާން ވިދާޅުވިއެވެ.

އިމްރާންގެ އާއިލާ

ސަރުކާރުން ލީޑުގެ ގޮތުގައި ހުށަހެޅި ކަންތައްތަކެއް އިމްރާން ވިދާޅެއް ނުވެއެވެ. އަދި އެ ޑީލު ހުށަހެޅީ ސަރުކާރުގެ ކޮން ބޭފުޅެއް ކަމަށް އިމްރާން ވިދާޅެއް ނުވެއެވެ. ޓެރަރިޒަމްގެ ކުށް ސާބިތުވެ، 12 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް، ދެ އަހަރާއި އަށް މަސް ފަހުން  އިމްރާން ހުކުމް ތަންފީޒު ކުރެއްވުމަށް މަޑުޖައްސާލުމަށް ސުޕްރީމް ކޯޓުން އަމުރު ކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ޖަލުގައި ހޭދަ ކުރެއްވި ދުވަސްތަކުގެ ތަޖުރިބާ ހިއްސާ ކުރައްވަމުން އިމްރާން ވިދާޅުވީ "ޖަލުން ލިބުނު ގެއްލުމަށް ވުރެ، ލިބުނު ފައިދާ ބޮޑު" ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ޖަލަށް ވަނީ ހައްގު މަސައްކަތާގެން ނުކުތުމުގެ އަޒުމުގައި ކަމަށެވެ. ޖަލުގައި ހޭދަ ކުރެއްވި ތިން އަހަރަކީ ހަޔާތުގައި ނުލިބޭފަދަ ތިން އަހަރު ކަމަށާއި ޖަލުގައި ދުވަސްތައް ހޭދަ ކުރެއްވީ ބޭނުންވާ ގޮތަށް ކަމަށް ޝެއިހް ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ޖަލަށްލުމުން ލިބުނު ގެއްލުމަށްވުރެ އިރާދަ ކުރެއްވިއްޔާ ފައިސާ ކިތަންމެހޭ ވެސް ބޮޑު. ޖަލުން ލިބުނު އެންމެ ބޮޑު ފައިދާތަކަކީ ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގައި މަސައްކަތް ކުރާ މީހަކަށް، ދިވެހިރާއްޖޭ ހަގީގަތުގައި ފެންނަނީ ޖަލުން،" ޝެއިހް ވިދާޅުވިއެވެ.

"އަޅުގަނޑުގެ ހަޔާތުގައި ނުލިބޭފަދަ ތިން އަހަރު ކަމަށް ބުނެވިދާނެ. އަޅުގަނޑު ސީދާ ބޭނުންވާ ކަންކަން ކުރުމަށް ހުސްވެގެން އެހާ ފަހި ފުރުސަތެއް އަޅުގަނޑަކަށް ނުލިބޭ. އަޅުގަނޑުގެ މިނިވަންކަން ޖަލުގައި މާ ބޮޑޭ. ޖަލުގައި މާ މިނިވަނޭ."

އިމްރާން ވިދާޅުވީ ޖަލުން ފެނުނު އެންމެ ހިތާމަވެރި މަންޒަރަކީ ކުރު މުއްދަތަކަށް ޖަލަށްލާ މީހުން ވެސް ޖަލުން ނުކުމެގެން އަންނަ އިރު ބޮޑު ކުށްވެރިއަކަށްވުމަށް މަގުފަހިވާ ގޮތަށް ކަންތައްތައް އިންތިޒާމު ކުރެވިފައިވާތީ ކަމަށެވެ. ބަދަލު ކުރަންޖެހޭ ވަރަށް ގިނަ ކަންތައްތައް ޖަލުގައި އެބަހުރި ކަމަށާއި އެކަންކަން ރަނގަޅުކޮށްފިނަމަ ކުރިއެރުންތަކެއް ލިބޭނެ ކަމަށް ޝެއިހް ވިދާޅުވިއެވެ.

ކޯލިޝަން ރޫޅުމަކީ ސަރުކާރު ދެމެހެއްޓުމަށް އޮތް ހުރަހެއް ކަމަށް ފާހަގަ ކުރައްވައި އިމްރާން ވިދާޅުވީ ފަސް އަހަރުގެ މުއްދަތަށް ކޯލިޝަން ދެމެހެއްޓެވުމަށް ގުޅިފައިވާ ޕާޓީތަކުން މަސައްކަތް ކުރާނެ ކަމަށެވެ. އިމްރާން ވިދާޅުވީ ކޯލިޝަނެއްގެ ގޮތުގައި ގުޅިފައިވާ ޕާޓީތަކުން މަސައްކަތް ކުރަން ފެށިތާ ތިން އަހަރުވެފައިވާ ކަމަށާއި ލިބުނު ތަޖުރިބާއާއެކު ފަސް އަަހަރަށް ކޯލިޝަން ދެމިއޮންނާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

"ތިން އަހަރުން ފެށިގެން މަސައްކަތް ކުރަމުން މިދަނީ އެކުވެރި ރޫހެއްގައި. އަޅުގަނޑުމެން އެންމެންނަށް ލިބިފައިވާ ތަޖުރިބާގެ މަތީގައި. ލީޑަރުން މިވަނީ ވަރަށް ހަންބޯވެފައި. އެ ލީޑަރުންނަށް އެނގިވަޑައިގަންނަވާނެ އަނެއް ބޭފުޅަކާ މުއާމަލާތް ކުރައްވާނެ ގޮތް... އެހެންވީމަ އެ ތަޖުރިބާތަކުގެ މައްޗަށް ބިނާކޮށް ރައްޔިތުން އުންމީދު ކުރާ އެދޭ ފަސް އަހަރު އަޅުގަނޑުމެންނަށް ގެނެސްދެވޭނެ،" މީގެ ހަތް އަހަރު ކުރިން ފެށިގެން އަދާލަތު ޕާޓީގެ ރައީސްގެ މަގާމު ފުރުއްވަމުން ގެންދަވާ އިމްރާން ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް