ކ. މާލެ
|
3 ނޮވެންބަރ 2018 | ހޮނިހިރު 22:37
ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު
ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު
މުހައްމަދު ޝަރުހާން
ނަސްރުގެ ދުވަސް
ކޮރަޕްޝަނާއި ނުފޫޒުން މިގައުމު ސަލާމަތް ކުރުމަށް މަސައްކަތް ކުރަންޖެހޭ: ޑިފެންސް މިނިސްޓަރު
ނުފޫޒުގެ ބޭނުންކޮށްގެން ދިވެހި ގައުމިއްޔަތުގެ ބަދަލު ގެނެވިދާނެ ކަމުގެ އިންޒާރުގެ ރަގަބީލު އަޅަމުންދޭ
މިމައްސަލަތައް ހައްލުކުރުމަށް ނަޒާހަތްތެރިކަމާ ބެހޭ ނިޒާމުތައް ހަރުދަނާ ކުރަންޖެހޭ

ކޮރަޕްޝަން މަދުކޮށް ނުފޫޒުގެ ބޭނުން ކުރުން ހުއްޓާލައި، އާހިތްވަރަކާއެކު މިގައުމު އާރާސްތު ކުރުމުގެ މަސައްކަތް މިއަދު ކުރަންޖެހިފައިވާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވީ މާއްދިއްޔަތާއި ނުފޫޒުގެ ބޭނުންކޮށްގެން ދިވެހި ގައުމިއްޔަތުގެ ބަދަލު ގެނެވިދާނެ ކަމުގެ އިންޒާރުގެ ރަގަބީލު އަޅަމުންދާ ކަމަށެބެ. މިއީ ނުހަނު ކަންބޮޑުވާންޖެހޭ މައްސަލައެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

އާޝޯހުވެ ކަންބޮޑުވާ މިންވަރަށް ކޮރަޕްޝަނާއި މާދިއްޔަތުގެ ނުފޫޒު މިމުޖުތަމައުގެ ތެރޭގައި އަށަގަނެފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މިއީ ހަމައެކަނި މިއަދު ހިނގަމުންދާ ކަމެއް ނޫން ކަމަށާއި، މިއީ މާކުރީއްސުރެ ދައްކަމުންދާ ވާހަކައެއް ކަމަށެވެ.

"މިދެންނެވި ހާލަތުތައް ތަކުރާރުވަމުންދަނީ އޭގެ ޒާތުގައި ތިމާގެ ވިސްނުމާއި ފިކުރާ އަގީދާ ބަލިކަށިވެ އާންމު އުސޫލުތަކާއި ހަމަތަކާއި، ގާނޫނީ އިމުގެ ބޭރުން ތިމާގެ އަބުރާ އިއްޒަތާއި ޝަރަފާއި އިއްޒަތް ވެއްޔާ މޮޑެލާ އަދި އަމިއްލަ އެދުމާއި ދަހިވެތިކަން ތިމާ އިސްކުރުމުން." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވީ މިމައްސަލަތައް ހައްލުކުރުމަށް ދައުލަތުގެ ހުރިހާ މުއައްސަސާތަކުންނާއި ރައްޔިތުންނާއި ރައްޔިތުންގެ ހާދިމުން އަމިއްލަ ޖަމާއަތްތަކުންނާއި، ވަކިވަކި ފަރުދުން ﷲ ސުބްހާނަހޫ ވަތައާލާއަށް ބިރުވެތިވެ ނަޒާހަތްތެރިކަމާ ބެހޭ ނިޒާމުތައް އިތުރަށް ހަރުދަނާ ކުރަންޖެހޭ ކަމަށެވެ. އަދި ކޮރަޕްޝަން މަދުކޮށް ނުފޫޒުގެ ބޭނުން ކުރުން ހުއްޓާލުމާއެކު އާހިތްވަރަކާއެކު މިގައުމު އާރާސްތު ކުރުމުގެ މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އެހެން ނޫން ނަމަ މިގައުމުގެ ސިޔާދަތުގެއްލި ދިވެހިން އަޅުވެތި ވެދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

އެހެންކަމުން މާތްވެގެންވާ އިސްލާމްދީނާއި ގައުމު ސިޔާދަތާއި މިނިވަންކަމާއި އިސްތިގުލާލާއި، ރައްޔިތުންގެ މަސްލަހަތުތަކަށް ރައްކާތެރިވުމަށްޓަކައި ކޮރަޕްޝަނާއި ދުރުހެލިވެ، ނުފޫޒުން އެއްވެސް ކަމެއް ނުކުރުމުގެ މަތިވެރި އަޒުމުގައި ތިއްބެއްވުމަށް މިނިސްޓަރު ވަނީ އިލްތިމާސްކުރައްވާފައެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ވެރިން ހިޔާތާއި ބޮޑެތި ވައްކަންތައް ކޮށްފައިވާކަން ތުހްމަތުކުރާއިރު، މިއީ އެފަދަ ތުހްމަތުތަކެއްގެ ވާހަކަ ޑިފެންސް މިނިސްޓަރު ޝަރީފު ދެއްކެވި ފުރަތަމަ ފަހަރެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް