ކ. މާލެ
|
3 ނޮވެންބަރ 2018 | ހޮނިހިރު 18:17
ސީލައިފް ގްލޯބަލް
ސީލައިފް ގްލޯބަލް
ފާތިމަތު ޝަނާ މުހައްމަދު
ސީލައިފްގެ މައްސަލަ
ސީ ލައިފް އިން އޮޅުވާލައިގެން ފްލެޓް ވިއްކި 182 މީހެއްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅަނީ
މައްސަލަ ފުލުހުން ވެސް ދަނީ ބަލަމުން
މައްސަލައިގައި އެޗްޑީސީއާ މެދު ފިޔަވަޅު އެޅުމަށް ވެސް ހުށަހަޅާނެ
ސީ ލައިފްއަށް ފްލެޓް އެޅުމަށް ހަވާލު ކުރީ 2014 ވަނަ އަހަރު

ފްލެޓް ވިއްކާނެ ކަމަށް ބުނެ ސީ ލައިފް ގްލޯބަލް އިން ގިނަ ބައެއްގެ އަތުން ފައިސާ ނަގާފައިވާ މައްސަލައާ ގުޅިގެން އެ ފައިސާ ހޯދުމަށް 182 މީހެއްގެ ފަރާތުން މި ހަފްތާގެ ތެރޭގައި ސިވިލް ކޯޓަށް ހުށަހަޅާނެ ކަމަށް ގާނޫނީ ވަކީލު މަރިޔަމް ޝޫނާނާ ވިދާޅުވެއްޖެއެވެ.

ޝުނާނާ ވިދާޅުވީ، މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުން ލަސްވެގެން ދިޔައީ ލިބުނު އާ ހެއްކާއި ގަރީނާ އިން އިތުރަށް ދިރާސާ ކުރަންޖެހޭ ކަންކަން ފާހަގަކުރެވެމުންނެވެ.

ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުގެ މަސައްކަތް ކުރިއަށްގެންދާއިރު، މި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނާއި ފުލުހުންނަށް ވެސް ވަނީ ހުށަހަޅާފައެވެ.

ސިވިލް ކޯޓަށް މައްސަލަ ހުށަހަޅަނީ މަކަރާއި ހީލަތުން އާންމު ގިނަ ރައްޔިތުންގެ އަތުން ފައިސާ ނަގާފައި ވާތީ ސީލައިފްގެ ޑިރެކްޓަރުންގެ އަތުން އެފައިސާ އަނބުރާ ހޯދުމަށެވެ. ފަރުދީ ހައިސިއްޔަތުން ޒިންމާދާރު ކުރުވުމައި އެޗްޑީސީން މި ކަން ބަލަންވާވަރަށް ނުބެލުމާއި އެކުންފުންޏާ ފްލެޓް ހަވާލު ކުރުމަށް ދިން އިރު އެކުންފުންޏަކީ މިފަދަ މަސައްކަތެއް ކުރުމުގެ ފައިނޭންޝިއަލް ކެޕޭސިޓީ ހުރި ކުންފުންޏެއްތޯ ބަލާފައި ނެތުމާއި އާންމުންގެ އަތުން ފައިސާ ނެގުމަށް ހުއްދަދިން އިރު އެކަން މޮނީޓަރކޮށް ފަހުން އެކަށީގެންވާ ފިޔަވަޅު އެޅިފައިނުވާތީ، އެޗްޑީސީއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ހުށަހަޅާނެ ކަމަށް ޝުނާނާ ވިދާޅުވިއެވެ.

މީގެ އިތުރުން ފައިސާ އަނބުރާ ހޯދުމުގެ އިތުރަށް ފައިސާ ނުދީ ގިނަ ދުވަސްތަކެއްވުމުން އެކަމުން ލިބުނު ގެއްލުންތައް ހޯދުމަށް ވަކި ވަކި މީހުންނަށް ދައުވާ ކުރުމުގެ ފުރުސަތަށް ވެސް އެދޭނެ ކަމަށް ޝުނާނާ ވިދާޅުވިއެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހު ސީ ލައިފްގެ އިތުރު މައްސަލައެއް ވެސް ދެ މީހެއްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވެއެވެ.

މައްސަލަ ހުށަހެޅި ގާނޫނީ ވަކީލު ފާތިމަތު ބަދޫރާ ވިދާޅުވީ، މައްސަލަ ހުށަހަޅާފައި ވަނީ މަކަރާއި ހީލަތާއި އޮޅުވާލުމެއްގެ ތެރެއިން ސީ ލައިފް އަށް ގިނަ އަދަދެއްގެ ފައިސާ ހޯދާފައި ވާތީއެވެ.

ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ ސީ ލައިފް އަށް ބުކިންގ ފީއަށް 50000ރ. ދައްކައި ޑައުން ޕޭމެންޓްގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދެއްކި މީހެއްގެ އިތުރަށް ބުކިންގ ފީއަށް 50000ރ. ދައްކައި ޑައުންޕޭމެންޓަށް ހަތަރު ލައްކަ ރުފިޔާ ދައްކާފައިވާ މީހެއްގެ މައްސަލަ ކަމަށެވެ.

ސީލައިފްގެ ފަރާތުން 180 އަށް ވުރެ ގިނަ މީހުންގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގާފައިވާ އިރު އަދި މިހާތަނަށް އެކުންފުނިން އިމާރާތް ކުރާ އެއްވެސް ފްލެޓެއްގެ އަމަލީ މަސައްކަތެއް ނުކުރެއެވެ.

އޮޅުވާލުންތަކެއްގެ ތެރެއިން ގިނަ ބައެއްގެ އަތުން ފައިސާ ހޯދާފައިވާ އިރު ސީލައިފް އިން ފައިސާ ނެގި އެކި ފަރާތްތަކާ އެގްރީމެންޓް ވެސް ކުރެވިފައި ވަނީ އެކި ގޮތްގޮތަކަށެވެ. އެގޮތުން ތިން ރޫމް އެޕާޓްމެންޓް 3 މިލިއަން ރުފިޔާއަށް ވިއްކުމަށް ބައެއް ފަރާތްތަކާ އެގްރީމެންޓް ކުރެވިފައިވާ އިރު އަނެއްބައި ފަރާތްތަކާ ތިން ރޫމް އެޕާޓްމެންޓް އެއް މިލިއަން ރުފިޔާ އަށް ވެސް ވިއްކުމަށް އެގްރީމެންޓް ކުރެވިފައި ވެއެވެ.

ސީލައިފް ގްލޯބަލް އަށް ހުޅުމާލޭގައި ގިނަ އަދަދެއްގެ ފްލެޓްތަކެއް އެޅުމަށް 2014 ވަނަ އަހަރުގެ މަރޗު މަހުގެ 13 ވަނަ ދުވަހު ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހަވާލު ކޮށްފައިވެއެވެ. އެ އަހަރުގެ އޭޕްރީލް މަހު އެ މަޝްރޫއުގެ ބިންގާ އަޅުއްވައި ދެއްވާފައި ވަނީ ރައީސް އަބްދުﷲ ޔާމީނެވެ. އެޗްޑީސީން އެ ކުންފުންޏާ ހަވާލުކުރީ ކޮންޓްރެކްޓަރ ފައިނޭންސުގެ އުސޫލުން 3000 ހައުސިން ޔުނިޓް އެޅުމަށެވެ. ދިވެހިން ހިތްޖެހޭ ފަދަ މޮޑެލްއަކާ އެކު ބުކިން ފީއެއްގެ ގޮތުގައި 50000ރ. ދައްކާ ގޮތަށް ފްލެޓް ގަތުމަށް ހުޅުވާލުމާ އެކު ގިނަ ބަޔަކު ފޯމް ނެގުމަށް ކިޔު ޖެހުނެވެ.

ސީލައިފްގެ މެނޭޖިން ޑިރެކްޓަރަކީ އަހުމަދު މޫސާ މުހައްމަދު (އައްމަޓީ)އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ޝާނީ
- ކޮމެންޓް