އީރާނާ އެކު ދުނިޔޭގެ ބާރުތަކުން 2015 ވަނަ އަހަަރު ވީ އެއްބަސްވުމަށް ފަހު އުވާލި ދަތިކުރުމުގެ ހުރިހާ ފިޔަވަޅުތަކެއް އަލުން އިއާދަކުރުމަށް އެމެރިކާގެ ސަރުކާރުން ނިންމައިފިއެވެ.
ވައިޓް ހައުސްއިން ބުނީ މިއީ "އިރާނަށް މިހާތަނަށް އަޅާ އެންމެ ވަރުގަދަ ފިޔަވަޅުތައް" ކަމަށާއި އަދި މި ފިޔަވަޅުތައް އަމާޒުކުރަނީ އިރާނުގެ ހަކަތަ އާއި، ޝިޕިންގ އަދި ބޭންކިންގ ދާއިރާއަށް ކަަމަށެވެ.
އެމެރިކާ ވަނީ މެއި މަހުގެ ތެރޭގައި ނިއުކްލިއަރ އެއްބަސްވުމުން ވަކިވެ އީރާނަށް އަޅާފައި އޮތް ދަތިކުރުމުގެ ފިޔަވަޅުތައް އޯގަސްޓް މަހުގެ ކުރީކޮޅު އިޔާދަކޮށްފައެވެ.
ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި އެެމެރިކާ އާއި، ރަޝިއާ އާއި، ޗައިނާ އާއި، ފްރާންސާއި، އިނގިރޭސިވިލާތާއި، ޖަރުމަނު ވިިލާތުން، އީރާނާ އެކު، ވި ނިއުކްލިއަރ އެއްބަސްވުން ގާއިމް ކުރީ 2015 ވަނަ އަހަރުއެވެ.
މި އެއްބަސްވުމުގެ ދަށުން އީރާނުން ވަނީ އެ ގައުމުގެ ނިއުކްލިއަރ ހަރަކާތްތައް މަދުކުރުމަށް އެއްބަސްވެފައެވެ. އަދި އޭގެ ބަދަލުގައި އެ ގައުމަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ލުއިކުރުމަށް ދުނިޔޭގެ ބާރުތަކުން ވަނީ އެއްބަސްވެފައެވެ.
ރައީސް ޓްރަމްޕް ވިދާޅުވެފައި ވަނީ އެ އެއްބަސްވުމަކީ އެއް ފަރާތަކަށް ޖެހިފައިވާ އެއްބަސްވުމެއް ކަމަށެވެ.
އޯގަސްޓު މަހުގެ ހަތްވަނަ ދުވަހުންފެށިގެން ފިޔަވަޅު އަޅާފައިވާ ދާއިރާތަކުގެ ތެރޭގައި:
-އީރާނު ސަރުކާރާ އެކު އެމެރިކާ ޑޮލަރުގެ މުއާމަލާތްކުރުން
-އިރާނުގެ ރަނާއި އެހެނިހެން މައުދަނުގެ ވިޔަފާރި
-ގްރެފައިޓް، އެލުމެނިއަމް، ދަގަނޑު، ބޯޓުދެލި، ސޮފްޓްވެއަރ ބޭނުންކޮށްގެން ކުރެވޭ އިންޑަސްޓްރިއަލް ބޭނުންތައް
-އީރާނުގެ ފައިސާ، ރިއާލް ބޭނުންކޮށްގެން ހިންގޭ މުއާމަލާތްތައް
-އީރާނުގެ ދަރަނީގެ މުއާމަލާތްތައް
-އިންޖީނު އުޅަނދު އުފެއްދުމުގެ އިންޑަސްޓްރީ
އީރާނަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅި ނަމަވެސް އަށް ގައުމަކުން އީރާނުގެ ތެޔޮ އެތެރެކުރުމަށް އަށް ގައުމަކަށް އެއްވެސް ހުރަހެއް ނޯންނާނެއެވެ. އެމެރިކާގެ ނިންމުމަށް ތާއިދުކުރި ޔޫރަޕްގެ ގައުމުތަކުން ވަނީ އީރާނާ އެކު ސައްހަ ވިޔަފާރިތައް ކުރަމުންދާ އެ ގައުމުގެ ވިޔަފާރި ކުންފުނިތައް ހިމާޔަތްކުރާނެ ކަމަށް ބުނެފައެވެ.
ޓީވީ ސިލްސިލާ ގޭމް އޮފް ތްރޯންގައި "ވިންޓަރ އަންނީ" ކަމަށް ބުނާ ބުނުމަށް އިޝާރާތްކުރައްްވައި "ދަތިކުރުމުގެ ފިޔަވަޅުތައް އަންނަނީ" ކަމަށް ވިދާޅުވެ ރައީސް ޓްރަމްޕް ހުކުރު ދުވަހު ވަނީ ޓްވީޓެއް ކުރައްވާފައެވެ.
މެއި މަހުގެ ތެރޭގައި ނިއުކްލިއަރ އެއްބަސްވުމުން އެމެރިކާ ވަކިވުމަށް ފަހު އެ ގައުމުން އީރާނަށް ދަތިކުރުމުގެ ފިޔަވަޅުތައް އިއާދަ ކުރަމުންދާއިރު މި ފަހަރުގެ ފިޔަވަޅަކީ އީރާނުގެ އިގްތިސާދަށް އަމާޒުކުރެވިގެން އަޅާފައިވާ ފިޔަވަޅަކަށް ވުމުން މިއީ އެންމެ މުހިއްމު ފިޔަވަޅު ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
ދަތިކުރުމުގެ ފިޔަވަޅުތައް އިއާދަކުރުމަކުން އީރާނުން ކަންބޮޑު ނުވާ ކަމަށް އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވި ކަމަށް ރޮއިޓަރސްގައި ރިޕޯޓްކޮށްފައި ވެއެވެ.