ކ. މާލެ
|
2 ނޮވެންބަރ 2018 | ހުކުރު 20:19
އިސްލާމީ މަރުކަޒު
އިސްލާމީ މަރުކަޒު
ގޫގުލް
ހުކުރު ޚުތުބާ
ނަޞްރު ލިބޭނީ ﷲގެ ދީނަށް ނަޞްރު ދީގެން: ޚުތުބާ
ނަސްރާ ކާމިޔާބީއަކީ މާތްﷲއަށް ތެދުވެރި، އިޚްލާސްތެރި މުއުމިންތަކުންނަށް ﷲ ދެއްވާ ނިއުމަތެއް
ނަޞްރު ހޯދުމަށް ލިބިފައިވާ އެންމެ ބާރުގަދަ ހަތިޔާރަކީ ދުޢާ، ނަމަވެސް ގިނަ ބަޔަކު މިވަރުގަދަ ހަތިޔާރުގެ މަތިން ވަނީ ހަނދާން ނެތިފައި

ނަޞްރު ލިބޭނީ ﷲގެ ދީނަށް ނަޞްރު ދީގެން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކަށް މިއަދު އިއްވި ހުކުރު ޚުތުބާގައި ބުނީ ނަސްރާ ކާމިޔާބީއަކީ މާތްﷲއަށް ތެދުވެރި، އިޚްލާސްތެރި މުއުމިންތަކުންނަށް ﷲ ދެއްވާ ނިއުމަތެއް ކަމަށެވެ.

އިލްމުވެރިންނާއި ހަވާލާދީ ޚުތުބާގައި ބުނީ މާތް ﷲއަށް ނަސްރު ދިނުމަކީ އެކަލާނގެ ދީން ގާއިމްކޮށް، އެކަލާނގެ ޝަރީއަތް ތަންފީޒު ކުރުމާއި، ﷲގެ ފޮތަށާއި، ﷲގެ ރަސޫލާގެ ސުންނަތަށް އަމަލުކުރުމެވެ. އަދި ކާފިރުން ކިތަންމެ ނުރުހުންވެ ކިތަންމެ ބޮޑެތި ތުހުމަތުތަކެއް މުސްލިމުންގެ ބޮލުގައި އެޅުވިޔަސް އެކަމާމެދު ދެރަވާކަށް ނުޖެހޭ ކަމަށް ޚުތުބާގައި ބުންޏެވެ.

ނަޟްރު ލިބޭނީ ގަބޫލުކުރާ ހަރުދަނާ އުޟޫލެއްގެ މަތީގައި ސާބިތުވެ ތިބެގެންކަން ފާހަގަކުރައްވައި ޚުތުބާގައި ބުނީ އެއީ އިމާންކަމާއި، އިސްލާމްކަމުގެ އަޤީދާ ކަމަށެވެ. މިއުސޫލުން އެއްކިބާ ކުރުމަށް ދުޝްމަނުން މަސައްކަތް ކުރާނެތީ އެކަމަށް ރައްކުވެރިވުމަށް މާތްﷲ ވަނީ އަންގަވާފައިވާ ކަމަށެވެ. އަދި މުސްލިމުން އެއް އުއްމަތެއްގެ ގޮތުގައި އަބަދުވެސް ދެމި ތިބުމަށާއި، ބައިބައިވެގެން ނުދިއުމަށް އަމުރު ކުރެއްވިއެވެ.

މާތްﷲ ވަހީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގަވަނީ "އަދި ތިޔަބައިމީހުން ދެބަސްވެ އަރާރުންނުވާށެވެ.! (ދެބަސްވެ އަރާރުންވާނަމަ) ތިޔަބައިމީހުން ފިނޑިވެ، ތިޔަބައިމީހުންގެ ބާރުނެތި ހިނގައިދާނެއެވެ.

ކީރިތި ރަސޫލާގެ ރިސާލަތު ފާޅުވުމާއެކު ހައްގާއި ބާތިލާ ދެމެދުގައި ކުރިމަތިލުންތައް ވަނީ ފެށިފައިވާކަން ފާހަގަކުރައްވައި ޚުތުބާގައި ބުނީ މިކުރިމަތިލުންތައް ޤިޔާމަތާ ހަމައަސް ދެމިގެންދާނެ ކަމަށެވެ. އެގޮތުން ނަޟްރު ދެއްވާނީ އެކަމަށްޓަކައި މާއްދީ ބާރުން ވެސް ތައްޔާރުވުމުން ކަމަށާއި، ނަޞްރު ހޯދުމަށްޓަކައި މުސްލިމުންނަށް ބާރުގެ ވަސީލަތްތައް ހާސިލްކުރަން ޖެހޭ ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

"މާތްﷲ ވަހީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވަނީ އެއުރެންނާ ދެކޮޅަށް ތިޔަބައިމީހުންނަށް ކުޅަދާނަވީހައި ބާރެއް ތިޔަބައިމީހުން ތައްޔާރުކުރާށެވެ! އަދި އަސްތައްވެސް ބަނދެ ތައްޔާރު ކުރާށެވެ! އެކަމުން ﷲގެ އަދުއްވުންނާއި، ތިޔަބައިމީހުންގެ އަދުއްވުންނާއި، އެއުރެންނޫން އެހެންބަޔަކު ބިރުގެންނެވުމަށްޓަކައެވެ. ތިޔަބައިމީހުންނަކަށް އެއުރެންނެއް ނޭނގޭނެވެ. ﷲ، އެއުރެން ދެނެވޮޑިގެންވެތެވެ. އަދި ﷲގެ މަގުގައި ތިޔަބައިމީހުން ހޭދަކުރާ އެއްޗެއް، ތިޔަބައިމީހުންނަށް ފުރިހަމަޔަށް ލިބޭނެތެވެ. އަދި ތިޔަބައިމީހުންނަށް ބޭއިންސާފެއް ނުކުރައްވާހުށްޓެވެ.

ޚުތުބާގައި ބުނީ ދުޝްމަނުންގެ މައްޗަށް ނަޞްރު ހޯދޭނީ ސަބަބުތަކުގައި ހިފަހައްޓައިގެން ކަމަށާއި، މުސްލިމުންނަށް މާތްﷲ ނަޞްރު ދެއްވާނެކަން ގަބޫލުކޮށް އެކަމަށްޓަކައި މާތްﷲއަށް ދުޢާކޮށް ވަކީލުކޮށްގެން ކަމަށެވެ.

ރާއްޖެއާ ބެހޭ ގޮތުން އިބްނު ބަތޫތާ ލިޔުއްވާފައިވާ ދަތުރުނާމާއަށް އަލިއަޅުއްވާލައްވާ ޚުތުބާގައި ބުނީ ދިވެހީންގެ ހަތިޔާރަކީ ދުޢާ ކަމަށެވެ. އަދި އެ މީހުންގެ ހަށިގަނޑު ނިކަމެތި ބަޔެއްކަމުގައި ވިޔަސް އެ މީހުންގެ ރަށްތައް ލޫޓުވާން އަންނަ ބޭރުގެ ފޭރޭމީހުން ބަލިވެގެން ދަނީ އެމީހުންގެ ދުޢާގެ ސަބަބުން ކަމަށެވެ.

ޚުތުބާގައި ބުނީ ނަޞްރު ހޯދުމަށް ލިބިފައިވާ އެންމެ ބާރުގަދަ ހަތިޔާރަކީ ދުޢާ ކަމަށާއި، މާތްﷲއަށް އިޚްލާސްތެރިވެ އެކަލާނގެ ޙަޟްރަތާ ކުއްތަންވެވުނު ވަރަކަށް ދުޢާ އިޖާބަ ކުރެއްވުން އަވަސްވެގެންވާ ކަމަށެވެ. ނަމަވެސް މުސްލިމުންގެ ގިނަ ބަޔަކު މިއަދު މިވަރުގަދަ ހަތިޔާރުގެ މަތިން ހަނދާން ނެތިފައިވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް