ކ. މާލެ
|
2 ނޮވެންބަރ 2018 | ހުކުރު 18:29
މޭޑޭގެ އެއްވުމުގައި ޝެއިހް އިމްރާން ވާހަކަދައްކަވަނީ
މޭޑޭގެ އެއްވުމުގައި ޝެއިހް އިމްރާން ވާހަކަދައްކަވަނީ
ހަވީރު
ޝެއިހް އިމްރާން
އިންތިހާބީ ރައީސް އެދިވަޑައިގަންނަވާގޮތަކަށް ހިދުމަތްކޮށްދޭނަން: ޝެއިހް އިމްރާން
އަމިއްލަ މަސްލަހަތަށްވުރެ އިސްކުރައްވާނީ ޤައުމީ މަސްލަހަތުކަމަށް ވިދާޅުވި

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެދިވަޑައިގަންނަވާގޮތަކަށް ސަރުކާރު ދެމެހެއްޓުމަށާއި، ސަރުކާރަށް ހިދުމަތްކުރުމުގައި ހުންނަވާނެކަމަށް އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ. 

ބުރާސްފަތި ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައު ސަރުކާރުގެ އެއްވެސް މަޤާމަކުން ފެނިގެން ހިނގައިދާނެތޯ ކުރެވުނު ސުވާލަށް ޖަވާބުދެއްވަމުން ޝެއިހް އިމްރާން ވިދާޅުވީ އައު ސަރުކާރު އެކުލަވާލުމުގެ މަޝްވަރާތައް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރިއަށްގެންދަވާނެކަމަށް ގަބޫލުފުޅުކުރައްވާކަމަށެވެ. އަދި އަމިއްލަ މަސްލަހަތަށްވުރެ އިސްކުރައްވާނީ ޤައުމީ މަސްލަހަތުކަމަށްވެސް ސެއިހް ވިދާޅުވި އެވެ. 

"އެހެންކަމުން ރައީސް އެދިވަޑައިގަންނަވާގޮތަކަށް، އިނގޭތޯ. އެއީ ކޮންމެ ހިސާބެއްކަމުގައިވިނަމަވެސް އެދިވަޑައިގަންނަވާގޮތަކަށް އެ ސަރުކާރު ދެމެހެއްޓުމާއި، ސަރުކާރުގެ ވައުދުތައް ފުއްދުމުގައި އަޅުގަނޑު މަސައްކަތްކުރާނަން. އެ ސާބިތުކަމާއެކުގައި އަޅުގަނޑު މިހުރީ" ޝެއިހް ވިދާޅުވި އެވެ. 

ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއްކުރެވޭއިރު، އެ ތުހުމަތުތައް ތަހުޤީޤްކުރުމަށް އެމަނިކުފާނު ހައްޔަރުކުރަންޖެހޭތޯ އާއި، އެ ކަންކަން ތަހުޤީޤްކުރާނީ ކޮންގޮތަކަށްތޯ ސުވާލުކުރުމުން ޝެއިހް އިމްރާން ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށްވެސް ކުރެވޭ ހުރިހާ ތަހުމަތެއްގައި އެމަނިކުފާނު ޖަވާބުދާރީކުރުވައި، އިންސާފު ޤާއިމްކުރާނީ ޤާނޫނު އަސާސީއާއި، ޤާނޫނީ އިމުގެ ތެރެއިން ކަމަށެވެ. އަދި ޤާނުނުގެ ކުރިމަތީގައި އެއްވެސް މީހަކު އިސްތިސްނާ ނުވާނެކަމަށް ޝެއިހް ވިދާޅުވި އެވެ. 

"އެކުރެވޭ ތުހުމަތަކީ އޭގައި ހަޤީޤަތެއް އޮތް ތުހުމަތެއްކަމުގައިވާނަމަ އަޅުގަނޑު ދަންނަވާނީ އެ ހަޤީޤަތާއި ރައީސް ޔާމީންވެސް ބައްދަލުކުރައްވާނެއޭ" ޝެއިހް ވިދާޅުވި އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 މިނެޓު ކުރިން
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް