ކ. މާލެ
|
2 ނޮވެންބަރ 2018 | ހުކުރު 17:23
ވޭތުވެދިޔަ ދެ ދައުރު ވިލިމާލެ ދާއިރާ ތަމްސީލު ކުރެއްވީ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކު
ވޭތުވެދިޔަ ދެ ދައުރު ވިލިމާލެ ދާއިރާ ތަމްސީލު ކުރެއްވީ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކު
ގޫގުލް
އަހުމަދު ނިހާން ހުސައިން މަނިކު
ވިލިމާލެ ގޮނޑިއަށް ވާދަނުކުރައްވަން ނިހާން ނިންމަވައިފި
ވާދަނުކުރައްވަން ނިންމެވީ ޒުވާން ޖީލަކަށް ފުރުސަތު ދިނުމަށް

ވޭތުވެދިޔަ ދެ ދައުރުގައިވެސް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ގޮނޑި ތަމްސީލްކުރެއްވި މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކު އިތުރު ދައުރަކަށް އެދާއިރާގެ ގޮނޑިއަށް ކުރިމަތި ނުލައްވާނެ ކަމަށް ވިދާޅުވެއްޖެއެވެ.

އޮންލައިން ނޫސް "އަވަސް" އިން ގެނެސްދޭ "އަވަސް ހުކުރު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ އެ ނިންމުމަކީ 2014 ވަނަ އަހަރު ނިންމި ނިންމުމެއް ކަމަށެވެ.

ނިހާންއަކީ މާލޭ ދާއިރާގެ ގޮނޑިއެއް ކާމިޔާބު ކުރެއްވި އަތޮޅުތެރެއަށް ނިސްބަތްވާ ހަމައެކަނި ބޭފުޅާ އެވެ. އޭނާ އުފަންވެ އުޅެ ބޮޑުވީ ގދ. ތިނަދޫގަ އެވެ. ނަމަވެސް މިހާރު ނިހާންއަކީ ވިލިމާލޭގެ ރަށްވެހިކަން އޮންނަ ބޭފުޅެކެވެ.

ނިހާން ވިދާޅުވީ ވިލިމާލެ ދާއިރާއަށް ވާދަނުކުރުމަށް ނިންމެވީ ދެ ދައުރަށްފަހު ޒުވާނަކަށް ފުރުސަތު ދޭން ކަމަށެވެ. އަދި ދެ ދައުރަށްފަހު ޒުވާން ޖީލަކަށް ގޮނޑި ދޫކޮށްލުމުގެ ހިތްވަރު މެންބަރުންގެ ކިބައިގައި ހުންނަންޖެހޭނެ ކަމަށް ނިހާން ވިދާޅުވިއެވެ.

"ދިހަ އަހަރުގެ ދައުރަކަށްފަހު އަނެއް ޔޫތް ޖެނަރޭޝަނަށް ގޮނޑި ދޫކޮށްލުމުގެ ހިތްވަރު ހުންނަން ޖެހޭނެއޭ، މިއިން ގޮނޑިއަކަށް އަރައިފި މީހަކު މިއީ ފައިބަން އެނގޭ ބައެއް ނޫން، އެ ހެޔޮ ވެރިކަމުގެ ގޮނޑިއަށް އެރުވިޔަސް، އަނެއްކާވެސް އަނެއް ދައުރެއް ހޯދަން ކޮންމެ ވެސް ގޮތަކުން އެކަން ވޭތޯ މި ބަލަނީ،" ނިހާން ވިދާޅުވި އެވެ.

ވިލިމާލެ ދާއިރާއަށް ވާދަ ނުކުރެއްވިޔަސް ރައްޔިތުންގެ މަޖްލީހުގެ އިންތިޚާބުގައި އެހެން ދާއިރާއަކަށް ނިހާން ވާދަކުރެއްވުމަކީ ވަރަށް ގާތް ކަމެކެވެ. އެގޮތުން ނިހާން ވާދަކުރައްވާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ އޭނާގެ އުފަން ދާއިރާ ކަަމަށްވާ ތިނަދޫ ދެކުނު ދާއިރާއަށެވެ.

އެކަމާއި ގުޅޭގޮތުން އަދި އެއްޗެއް ވިދާޅުވެފައި ނުވިނަމަވެސް މިފަހަކަށް އައިސް ތިނަދޫގައި ނިހާން ވަނީ ކެމްޕެއިން ގިނަ ހަރަކާތްތަކެއް ވެސް ހިންގަވާފައެވެ.

"އަޅުގަނޑު 2019 ވަނަ އަހަރު އިންތިހާބު ކާމިޔާބުކޮށް މަޖިލީހުގެ މެންބަރެއްގެ ގޮތުގައި އިނުމަށް މަސައްކަތް ކުރާނަން، ﷲ އިރާދަކުރެއްވިއްޔާ ކޮންމެވެސް ތާކުން މަސައްކަތްކޮށްގެން އަޅުގަނޑު މަޖިލީހަށް ވަންނާނަން، ވަދެވޭތޯ މަސައްކަތް ކުރާނަން" ނިހާން ވިދާޅުވިއެވެ.

އެންމެފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި ރިޔާސީ އިންތިހާބުގައި ވިލިމާލެއިން ޕީޕީއެމްއަށް ލިބުނު ނާކާމިޔާބީގެ ޒިންމާ ނަންގަވާ ކަމަށް ނިހާން ވިދާޅުވިއެވެ. ނިހާން ވިދާޅުވި ގޮތުގައި ދާއިރާއިން މެޖޯރިޓީ ގެއްލުމުގެ އެންމެ ބޮޑު ސަބަބަކީ އޭނާ ވިލިމާލޭގައި ދިރިނޫޅުމެވެ.

ނިހާން ވިދާޅުވި ގޮތުގައި ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްއަށް ވިލިމާލެ ކުރިން ވެސް ކާމިޔާބުވެފައެއް ނުވެ އެވެ. ދެހާސް ސާދަވަނަ އަހަރު ބޭއްވި އިންތިހާބުގައި ވެސް ކާމިޔާބުކުރީ އެމްޑީޕީ އެވެ. ނަމަވެސް އޭގެ ދުވަސްކޮޅެއް ފަހުން ބޭއްވި މަޖިލިސް އިންތިހާބުގައި ނިހާން ގޮނޑި ކާމިޔާބު ކުރެއްވީ 60 ޕަސެންޓް ވޯޓާއެކުކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ނިހާން ވިދާޅުވި ގޮތުގައި ބަލިވުން އެއީ ސިޔާސީ ހަގީގަތެވެ. މަލްޓި ޕާޓީ ޑިމޮކްރަސީއެއްގައި އަބަދު މޮޅުވާނެ ކަމަށް ބަލައިގެން ނުކުތުމަކީ ވަރަށް ބޮޑު ސިޔާސީ މިސްޓޭކެއް ކަމަށާއި ބަލިވެފަ ގަދަވުމުގެ ހިތްވަރު ނެތިއްޔާ ސިޔާސީ ކަންކަން ކުރުމުގެ ބޭނުމެއް ނެތް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 މިނެޓު ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
2 ނޮވެންބަރ 2018 | ހުކުރު 19:51
ވަކަބެ
ފަޝީހަތް ނުވެ ތިވަރު ވިސނި ކަމަށްޓަކާ އުފާ ކުރަން. ޒުވާނުންނަށް ދޫ ކުރަންޔާ ކީއްކުރަން އެހެން ދާއިރާއަކަށް ކުރިމަތި ލަނީ...އެ ދާއިރާގަ ތިއަށްވުރެ ޒުވާނަކު ނެތީބާ އަނެއްކާ.....މަ ހަމަ ހީހީ ހަލަކު... ވަރަށް ސަލާމް..