ކ. މާލެ
|
2 ނޮވެންބަރ 2018 | ހުކުރު 07:52
ޝައިޚް އިމްރާން ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލިސް ބައެއް މެމްބަރުންނާއިއެކު
ޝައިޚް އިމްރާން ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލިސް ބައެއް މެމްބަރުންނާއިއެކު
އަދާލަތު ޕާޓީ
ޝައިޚް އިމްރާން
ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހާއި ޝައިޚް އިމްރާން ބައްދަލުކުރައްވައިފި
ރައީސް ނަޝީދު ވަޑައިގަތުމުގެ އުފަލުގައި ބޭއްވި މަރުޙަބާ ދެންނެވުމުގެ ހަރަކާތްތަކުގައިވެސް ބައިވެރިވެވަޑައިގަތް

ޢަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲގެ މައްޗަށް އިއްވާފައިވާ 12 އަހަރުގެ ޖަލު ޙުކުމް ތަންފީޒުކުރުން ލަސްކުރުމުގެ އަމުރު ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ނެރުމާއިއެކު، ބުރާސްފަތި ދުވަހުގެރޭ އެޕާޓީގެ މަޝްވަރާ މަޖިލީހާއި ޝައިޚް އިމްރާން ބައްދަލުކުރައްވައިފިއެވެ.

މިނިވަން ވެވަޑައިގެން ޕާޓީގެ އޮފީހަށް ފުރަތަމަ ފަހަރަށް ވަޑައިގެން ޝައިޚް އިމްރާން ވަނީ ޕާޓީގެ އިސް ބޭފުޅުންނާއިއެކު އުފާ ފާޅުކުރައްވާފައެވެ. އަދި މީގެ އިތުރުން ޕާޓީގެ އޮފީހުގައި އެމަނިކުފާނު ވަނީ ނޫސްވެރިންނާއިވެސް ބައްދަލުކުރައްވާފައެވެ.

ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހާއި ބައްދަލުކުރެއްވުމަށް ޕާޓީގެ އޮފީހަށް ވަޑައިގަތުމުގެ ކުރިން ޝައިޚް ޢިމްރާން ވަނީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މާލެ ވަޑައިގަތުމުގެ އުފަލުގައި މަޖީދީ މަގުގައި ބޭއްވި އުފާފާޅުކުރުމުގެ ޙަރަކާތްތަކުގައި އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙާއިއެކު ބައިވެރިވެވަޑައިގެންފައެވެ. އަދި އެސަރަހައްދުގައި ތިބި އާއްމުންނާއި ބައްދަލުކުރައްވައި، ފޮޓޯވެސް ނެންގެވިއެވެ. 

ޖަލު ޙުކުމުގައި ހުންނެވިއިރު ބައެއް ފަހަރު ޝައިޚް އިމްރާން ހުންނެވީ ގޭ ބަންދުގައެވެ. އަދި ގޭ ބަންދުގައި ހުންނަވާ ދުވަސްވަރު ޕާޓީގެ ކަންކަން ގޭގައި ހުންނަވައިގެން ކުރެއްވިނަމަވެސް ފާއިތުވި 3 އަހަރު ތެރޭ އެމަނިކުފާނަށް ޕާޓީގެ އޮފީހަށް ޙުކުމުގެ ސަބަބުން ވަޑައިގެންނެވިފައެއް ނުވެއެވެ.

ޝައިޚް އިމްރާން މިނިވަންވުމާއިއެކު ވެރިކަމާއި ހަވާލުވާ ކޯލިޝަންގެ 4 ލީޑަރުން ވަނީ މިނިވަން ވެފައެވެ. ރައީސް ނަޝީދާއި، ޝައިޚް އިމްރާންގެ އިތުރުން މަޖިލިސް ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް މިވަގުތު މާލޭގައި ތިއްބެވިއިރު ރައީސް މައުމޫން ހުންނެވީ ބޭސްފަރުވާއަށް ވަޑައިގެން މެލޭޝިއާގައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް