ކ. މާލެ
|
1 ނޮވެންބަރ 2018 | ބުރާސްފަތި 21:54
މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ޕީޕަލް މެގަޒިން
ރައްޔިތުންގެ މަޖިލިސް
އެންޓި ޑިފެކްޝަން ގާނޫނު ބާތިލް ކުރުމަށް މަޖިލީހުން ފާސްކޮށްފި
އެންޓި ޑިފެކްޝަން ބިލް މަޖިލީހަށް ހުށަހެޅީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ނިހާނު
އެންޓި ޑިފެކްޝަން ގާނޫނު ބާތިލް ކުރުމަށް މަޖިލީހަށް ހުށަހެޅީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު ރިޔާޒު ރަޝީދު
އެންޓި ޑިފެކްޝަން ގާނޫނު ފާސްކުރީ 36 މެމްބަރުންގެ ވޯޓުން، ބާތިލް ކުރީ 37 މެމްބަރުންގެ ވޯޓުން

ޕާޓީ ބަދަލު ކުރާ މެމްބަރުންނާއި ޕާޓީން ވަކިކުރާ މަޖިލިސް މެމްބަރުން ގޮނޑި ގެއްލޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަންގެ ގާނޫނު ބާތިލްކުރަން ރައްޔިތުންގެ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އެންޓި ޑިފެކްޝަން ގާނޫނު ބާތިލް ކޮށްފައި ވަނީ 37 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ. ބާތިލް ކުރަން ނުފެންނަ ކަމަށް 17 މެމްބަރަކު ވޯޓް ދެއްވިއިރު، ވަކި ގޮތަކަށް ވޯޓް ދެއްވަން ބޭނުންނުވާ 5 މެމްބަރުން ތިއްބެވިއެވެ.

އެންޓި ޑިފެކްޝަން ގާނޫނު ބާތިލް ކުރުމަށް މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު ރިޔާޒު ރަޝީދުއެވެ.

ސަރުކާރުގެ ފަރާތުން ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ހުށަހެޅުއްވި އެންޓި ޑިފެކްޝަން ބިލް މަޖިލީހުން ފާސްކުރީ 39 މެމްބަރު ހާޒިރުވި ޖަލްސާއެއްގައި 36 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ. 

އެންޓި ޑިފެކްޝަން ގާނޫނަކީ ބާތިލް ގާނޫނެއް ކަމަށް ކަނޑައެޅުމަށް ސުރީމް ކޯޓަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހުށަހެޅި ސުޕްރީމް ކޯޓުން ނިންމީ އެއީ ސައްހަ ގާނޫނެއް ކަމަށެވެ.

އެންޓި ޑިފެކްޝަންގެ ގާނޫނަކީ ރައްޔިތުން ސީދާ އަމަލުކުރަން ލާޒިމު ގާނޫނެއް ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމްގައި ބުނެފައި ވަނީ އެ ގާނޫނު ފާސްކުރަން ޖެހޭނީ މަޖިލީހުގެ ޖުލްމަ އަގުލަބިއްޔަތުގެ ދެބައިކުޅަ އެއްބައި މެމްބަރުން ހާޒިރުވެ ތިބޭ، ޖަލްސާއެއްގައި ކަމަށެވެ. ނަމަވެސް މަޖިލީހުން އެ ބިލު ފާސްކުރީ 39 މެމްބަރުން ހާޒިރުވެވަޑައިގެންނެވި ޖަލްސާއެއްގައި ކަމަށާއި އެ އަދަދަކީ އެ ގާނޫނު ފާސްކުރެވޭނެ ގާނޫނީ އަދަދެއް ނޫން ކަމަށެވެ. ގާނޫނުއަސާސީއާ ހަވާލާދީ ހުކުމްގައި ބުނެފައި ވަނީ އެ ބިލު މަޖިލީހުން ފާސްކުރަން ޖެހޭނީ 43 މެމްބަރުން ހާޒިރުވެ ތިބޭ ޖަލްސާއެއްގައި ކަމަށެވެ.

ނަމަވެސް އެ ބިލު މަޖިލީހުން ފާސްކުރީ "ޑޮކްޓަރިން އޮފް ނެސަސިޓީ" ނުވަތަ "ހާލަތުލް ޟަރޫރާ"ގެ ދަށުން، ކަމަށް ދައުލަތުން ޝަރީއަތުގައި ފާހަގަކޮށްފައި ވާތީ، ފަނޑިޔާރުން ވަނީ އެއީ އަމަލު ކުރެވިދާނެ ހާލަތެއް ކަމަށް ކަނޑައަޅާފައެވެ. ފަނޑިޔާރުން ފާހަގަ ކުރެއްވި ގޮތުގައި ހާލަތުލް ޟަރޫރާއަކީ އިޔާދަ ނުކުރެވޭ ފަދަ ހާލަތެއް ދިމާވެއްޖެ ނަމަ، އަމަލު ކުރެވިދާނެ ގޮތެއް ކަމަށެވެ. އެ ހާލަތުގެ ދަށުން އަމަލު ކުރުމަކީ ގުރުއާނާއި އިސްލާމީ ޝަރިއްޔާ އާއި ކީރިތި ރަސޫލާގެ ސުންނަތުންނާއި އިލްމުވެރިންގެ އިޖުމާއަތުން ސާބިތުވާ ކަމެއް ކަމަށް ފަނޑިޔާރުން ކުރެއްވި ހުކުމްގައިވެއެވެ.

ފްލޯ ކްރޮސިންގއާ ބެހޭ ވާހަކަ ނުވަތަ އެންޓި ޑިފެކްޝަން ގާނޫނެއްގެ ވާހަކަ ދެކެވެން ފެށީ، މަޖިލީހުގެ ސާފު މެޖޯރިޓީ ސަރުކާރަށް ގެއްލެމުންދާތީ އެވެ. އަދި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމާ ގުޅިގެންނެވެ. 

ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމްގެ މަޖިލިސް މެމްބަރުންތަކެެއް އެ ޕާޓީ ދޫކޮށް ދިއުން ހުއްޓުވުމަށް، އެންޓި ޑިފެކްޝަންގެ ގާނޫނު މަޖިލީހަށް ހުށަހެޅީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކެވެ. މިއަހަރުގެ މާޗު މަހުގެ 13 ވަނަ ދުވަހު އެ ބިލު މަޖިލީހުން ފާސްކުރީ ޕީޕީއެމްގެ 36 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. ރައީސް އަބްދުﷲ ޔާމީން އެ ބިލު ތަސްދީގު ކުރައްވާފައި ވަނީ މާޗު މަހުގެ 14 ވަނަ ދުވަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މިނެޓު ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް