ކ. މާލެ
|
1 ނޮވެންބަރ 2018 | ބުރާސްފަތި 20:34
ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތަށް ވާދަކުރައްވާނެ ކަމަށް ބެލެވޭ ޤާސިމް އާއި އަބްދުއްރަހީމް
ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތަށް ވާދަކުރައްވާނެ ކަމަށް ބެލެވޭ ޤާސިމް އާއި އަބްދުއްރަހީމް
މުހައްމަދު ޝަރުހާން
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ އާ ރައީސް ހޮވުމުގެ ޖަލްސާ މިރޭ
މަޖިލީހުގެ މިހާރުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދު އަމިއްލަފުޅަށް ވަނީ އިސްތިއުފާދެއްވާފައި

ރައްޔިތުންގެ މަޖިލީހުގެ އާ ރައީސެއް ހޮވުމުގެ ޖަލްސާ މިރޭ (1 ނޮވެމްބަރ 2018) 9.15 ގައި ބޭއްވުމަށް އެޖެންޑާކޮށްފިއެވެ.

މަޖިލީހުގެ އާ ރައީސެއް ހޮވުމުގެ ޖަލްސާ މިރޭ ބާއްވަން ހަމަޖެއްސީ މަޖިލީހުގެ މިހާރުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދު އަމިއްލަފުޅަށް އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ.

މަޖިލީހުގެ ރައީސް މަސީހު އަމިއްލަފުޅަށް އިސްތިއުފާދެއްވާފައިވާތީ، މަޖިލީހުގެ ކަންކަން މިވަގުތު ކުރިއަށް ގެންދަވަނީ މަޖިލިސްގެ ނައިބްރައީސް، ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކުގެ ބެއްލެވުމުގެ ދަށުންނެވެ.

މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ މަސީހު އިސްތިއުފާދެއްވައި ފޮނުއްވާފައިވާ ސިޓީ ލިބިވަޑައިގެންފައިވާތީ، މަޖިލީހުގެ އާ ރައީސެއް ހޮވުމުގެ ޖަލްސާ މިރޭ ބާއްވާނެ ކަމަށެވެ.

މަޖިލީހުގެ ރައީސް މަސީހު އަމިއްލަފުޅަށް އިސްތިއުފާދެއްވާފައިވާތީ، އެކަމަށް އިޝާރާތްކުރައްވަމުން މޫސާ ވިދާޅުވީ މަސީހު އެ ދެއްކެވީ ޑިމޮކްރަސީގެ ރީތި މިސާލެއް ކަމަށެވެ.

މަސީހު އަމިއްލަފުޅަށް އިސްތިއުފާދެއްވާފައިވާނީ، ރައްޔިތުންގެ މަޖިލީހުގެ 43 މެމްބަރުންގެ ސޮޔާއެކު މަސީހުގެ އިތުބާރުނެތް ކަމުގެ މައްސަލައެއް ގުޅިފައިވާ ޕާޓީތަކުން މަޖިލީހަށް ހުށަހަޅައި، އެ މައްސަލަ އެޖެންޑާކުރެވިފައި ވަނިކޮށެވެ.

މަޖިލީހުގެ އައު ރައީސަކަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ގެނައުމަށް ގުޅިފައިވާ ކޯލިޝަނުން ވަނީ ތާއީދުކޮށްފައިވާއިރު، މަޖިލީހުގެ މެންބަރުންގެ އަޣުލަބިއްޔަތު މިހާރު އޮތް ގޮތުން ޤާސިމް އެ މަޤާމަށް އިންތިޚާބު ވުމަކީ ވަރަށް ގާތް ކަމެކެވެ. 

މަޖިލީހުގެ ރިޔާސަތު ހުސްވެފައިވާއިރު، ނޫސްވެރިންގެ ސުވާލަކަށް ޖަވާބު ދެއްވަމުން މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަޤާމުގައި މިހާރު ހުންނެވި މޫސާ މަނިކު ވަނީ މަޖިލީހުގެ ރިޔާސަތަށް ކުރިމަތި ނުލައްވާނެ ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން މަޖިލީހުގެ ރިޔާސަތަށް، ޤާސިމާއި ވާދަކުރައްވާނެ ކަމަށް ބެލެވެނީ ވެރިކަންކުރާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ޕާލިމެންޓްރީ ގްރޫޕްގައި ހިމެނިވަޑައިގަންވާ، ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: ދާދި ދެންމެ
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް