ކ. މާލެ
|
31 އޮކްޓޯބަރ 2018 | ބުދަ 18:15
ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުގެ ބައެއް މެމްބަރުން
ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުގެ ބައެއް މެމްބަރުން
މަޖިލިސް
އެންޓި ޑިފެކްޝަން ގާނޫނު
އެންޓި ޑިފެކްޝަންގެ ގާނޫނު އުވާލަން ކޮމެޓީން ފާސްކޮށްފި
އެގޮތަށް ފާސްކުރީ ބިލު ދިރާސާ ކުރަން ހޮއްވެވި ކޮމެޓީން
ކޮމެޓީގެ އިއްތިފާގުން ފާސްކުރީ ގާނޫނު ބާތިލު ކުރަން
މާދަމާގެ ޖަލްސާއަށް އެ މައްސަލަ އެޖެންޑާ ކުރާނެ ކަމަށް ބެލެވޭ

ޕާޓީ ބަދަލު ކުރާ މެމްބަރުންނާއި ޕާޓީން ވަކިކުރާ މަޖިލިސް މެމްބަރުން ގޮނޑި ގެއްލޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަންގެ ގާނޫނު އުވާލަން، އެ މައްސަލަ ދިރާސާ ކުރަން ހޮއްވެވި ވަގުތީ ކޮމެޓީން ފާސްކޮށްފިއެވެ.

އެގޮތަށް ފާސްކޮށްފައި ވަނީ އެންޓި ޑިފެކްޝަންގެ ގާނޫނު އުވާލަން ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ހުށަހެޅުއްވި ބިލު ދިރާސާ ކުރަން ނެގި ވަގުތީ ހަތް މެމްބަރުންގެ ވަގުތީ ކޮމެޓީންނެވެ. އެ ކޮމެޓީގެ މުގައްރިރަކީ ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދެވެ.

އިލްހާމް "ރާއްޖެއެމްވީ"އަށް ވިދާޅުވީ އެ ކޮމެޓީން ބުދަ ދުވަހު ބޭއްވި ބައްދަލުވުމަށް ހަ މެމްބަރަކު ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ކަމަށާއި ހުރިހާ މެމްބަރުން ވެސް އިއްތިފާގުވެވަޑައިގެންނެވީ ރިޔާޒު ރަޝީދު ހުށަހެޅުއްވި ގޮތަށް އެ ގާނޫނު ބާތިލު ކުރަން ފެންނަ ކަމަށެވެ.

އެންޓި ޑިފެކްޝަންގެ ގާނޫނު އުވާލުމުގެ މައްސަލަ ދިރާސާ ކުރަން ނެގި ހަތް ވަގުތީ ކޮމެޓީގައި ހިމެނިވަޑައިިގަންނަވަނީ ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ކަނޑިތީމު ދާއިރާގެ މެމްބަރު މުހައްމަދު ހުސައިން އާއި ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ އާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފާއި އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހުގެ އިތުރުން ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާއެވެ.

އެންޓި ޑިފެކްޝަންގެ ގާނޫނު އުވާލަން ފާސްކޮށް، އެ ކޮމެޓީން ތައްޔާރު ކުރި ރިޕޯޓު ބުރާސްފަތި ދުވަހުގެ ރޭ ބާއްވާ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކުރާނެ ކަމަށް ބެލެވެއެވެ.

ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމްގެ މަޖިލިސް މެމްބަރުންތަކެެއް އެ ޕާޓީ ދޫކޮށް ދިއުން ހުއްޓުވުމަށް، އެންޓި ޑިފެކްޝަންގެ ގާނޫނު މަޖިލީހަށް ހުށަހެޅީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކެވެ. މިއަހަރުގެ މާޗު މަހުގެ 13 ވަނަ ދުވަހު އެ ބިލު މަޖިލީހުން ފާސްކުރީ ޕީޕީއެމްގެ 36 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. ރައީސް އަބްދުﷲ ޔާމީން އެ ބިލު ތަސްދީގު ކުރައްވާފައި ވަނީ މާޗު މަހުގެ 14 ވަނަ ދުވަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ގަޑިއިރު ކުރި
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް