ކ. މާލެ
|
31 އޮކްޓޯބަރ 2018 | ބުދަ 13:55
އީސީގެ މެމްބަރު އަދި ތަރުޖަމާނު އަހުމަދު އަކްރަމް
އީސީގެ މެމްބަރު އަދި ތަރުޖަމާނު އަހުމަދު އަކްރަމް
މުހައްމަދު ޝަރުހާން
އިލެކްޝަންސް ކަމިޝަން
ރައީސް ޔާމީންގެ ކެމްޕެއިންގެ ދަތުރުތަކަށްވާ 4.8 މިލިއަން ރުފިޔާ ޕާޓީގެ ފައިސާއިން އުނިކުރެވޭކަށް ނެތް: އީސީ
އެޑްވާންސްކޮށް ދައްކަން އެއްބަސްވި 4.8 މިލިއަން ރުފިޔާ ދެއްކުމަށް ޕީޕީއެމް އަށް ތަކުރާރުކޮށް އެންގި
ޕާޓީގެ ފައިސާ އުނިކުރެވޭނީ ކޯޓަކުން އަންގައިގެން ނޫނީ ގާނޫނު ލާޒިމް ކުރާނަމަ
އެ ފައިސާ ޕާޓީ ފައިސާ އިން ދައްކައިދިނުމަށް އައިލެންޑް އޭވިއޭޝަނުން ވަނީ އީސީ އަށް ހުށަހަޅާފައި

ނިމިދިޔަ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވެ ވަޑައިގެންނެވި ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިނަށް ކުރި ފްލައިޓް ދަތުރުތަކަށްވާ 4.8 މިލިއަން ރުފިޔާ ޕާޓީގެ ފައިސާ އިން އުނިކުރަން ހުށަހެޅި ހުށަހެޅުން ގަބޫލު ނުކުރުމަށް އިލެކްޝަންސް ކަމިޝަނުން ނިންމައިފިއެވެ.

އައިލެންޑް އޭވިއޭޝަނުން އީސީއަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ ޕީޕީއެމްގެ މެމްބަރުން ވައިގެ މަގުން އުފުލުމަށްޓަކައި އެ ކުންފުންޏާއި ޕާޓީއާ ދެމެދު މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 16 ގައި "އެއާ ޓްރާންސްފާ އެގްރިމެންޓުގައި" ސޮއިކޮށްފައިވާ ކަމަށެވެ. އެ އެއްބަސްވުމަކީ އެޑްވާންސް ޕޭމެންޓް އުސޫލުން 4.8 މިލިއަން ރުފިޔާ ދައްކާ ގޮތަށް ދެ ފަރާތުން އެއްބަސްވެފައިވާ އެއްބަސްވުމެއް ކަމަށެވެ. އެތައް ފަހަރެއްގެ މަތިން އެފައިސާ ދެއްކުމަށް އަންގާފައިވާ ކަމަށާއި އެހެން ނަމަވެސް އެފައިސާ މިހާތަނަށް ވެސް ދައްކާފައި ނުވާ ކަމަށެވެ.

އީސީގެ މެމްބަރު އަދި ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވީ އައިލެންޑް އޭވިއޭޝަނުން އެދުނު ގޮތަށް ޕާޓީގެ ފައިސާއިން އެ އަދަދު އުނިކުރެވެން ނެތް ކަމަށް އީސީން ނިންމާފައިވާ ކަމަށެވެ. އެގޮތަށް ނިންމާފައި ވަނީ ޕާޓީގެ ފައިސާ އުނިކުރެވޭނީ ކޯޓަކުން އަންގައިގެން ނޫނީ ގާނޫނު ލާޒިމް ކުރާ ނަމަ ކަމަށް އަކްރަމް ވިދާޅުވިއެވެ.

އީސީގެ އިތުރުން ފިނޭންސް މިނިސްޓްރީއަށް ވެސް އައިލެންޑް އޭވިއޭޝަނުން ވަނީ އެމައްސަލަ ހުށައަޅާފައެވެ. އެ މައްސަލަ ހުށަހަޅަންޖެހުނީ ޕީޕީއެމަށް އެތައް ފަހަރަކު މަތިން އެދުމުން ވެސް، އެޕާޓީގެ ފަރާތުން އެއްވެސް ކަހަލަ ޖަވާބެއް ނުލިބުމުން ކަމަށް އައިލެންޑް އޭވިއޭޝަނުން ވަނީ ބުނެފައެވެ.

ސެޕްޓެމްބަރު 12 ވަނަ ދުވަހު ސައިޒު ދައްކާލަން ކަމަށް ބުނެ އެޕާޓީން ބޭއްވި ޖަލްސާއަށް ވަނީ ރާއްޖޭގެ އެކި ހިސާބުތަކުގެ ރައްޔިތުން މާލެ ގެނެސްފައެވެ. އެދުވަހަށް ރައްޔިތުން މާލެ ގެނެސްފައި ވަނީ އައިލެންޑް އޭވިއޭޝަނުގެ ފްލައިޓްތައް ޗާޓަރަށް ހިފައިގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް