ކ. މާލެ
|
31 އޮކްޓޯބަރ 2018 | ބުދަ 14:30
ތިނަދޫ ދާއިރާ މަޖިލިސްގައި ތަމްސީލް ކުރައްވާ ދެ މެމްބަރުން މުޅޯށި ދައްކަވާލައްވަނީ
ތިނަދޫ ދާއިރާ މަޖިލިސްގައި ތަމްސީލް ކުރައްވާ ދެ މެމްބަރުން މުޅޯށި ދައްކަވާލައްވަނީ
ޓްވިޓަރ
ރައްޔިތުންގެ މަޖިލިސް
ތިނަދޫ ދާއިރާގެ ދެ މެމްބަރުން މަޖިލިސް ޖަލްސާއަށް ވަޑައިގެންނެވީ 'މުޑޯއްޓަކާ' އެކު!
'ހުކު މޮޑޯޓި' މަޖިލީހަށް ގެންދެވީ ނިހާނަށް ހަދިޔާއެއްގެ ގޮތުގައި ވެދުން ކުރުމަށް

ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމްކޯޓުން ކަނޑައެޅުމުން ތިނަދޫ ދާއިރާގެ ދެ މެމްބަރުން ބުދަ ދުވަހުގެ މަޖިލިސް ޖަލްސާއަށް ވަޑައިގެންނެވީ "ހުކު މޮޑޯއްޓަކާ" ( ހުސް މުޅޯށި) އެކު އެވެ.

އަހަރެއްހާ ދުވަސް ފަހުން ތިނަދޫ ދާއިރާގެ ދެ މެމްބަރުން ކަމަށްވާ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދު ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލިސް ޖަލްސާއަށް ވަޑައިގެންނެވީ ދެ މުޅޯއްޓާ އެކުއެވެ.

މަޖިލިސް ތެރެއަށް ވަދެވަޑައިގެންނެވުމުގެ ކުރިން މީޑިޔާއަށް މައުލޫމާތު ދެއްވަމުން ދެ މެމްބަރުން ވިދާޅުވީ "ހުކު މޮޑޯޓި" ތަކާ އެކު މަޖިލީހަށް ވަޑައިގެންނެވީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕް ލީޑަރ އަހްމަދު ނިހާން ހުސެއިން މަނިކު ތިނަދޫގެ ރައްޔިތުން "ހުކު މޮޑޯޓި" ތަކެއްގެ ގޮތުގައި ސިފަކޮށްފައިވާތީ، އޭނާއަށް ތިނަދޫ ރައްޔިތުން މި ހަދިޔާ އަރުވަން ބޭނުންވާތީ ކަމަށެވެ.

ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ވިދާޅުވީ ރިޔާސީ ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ތިނަދޫ ރައްޔިތުން "ހުކު މޮޑޯޓި" ތަކެއްގެ ގޮތުގައި ސިފަކުރައްވާފައިތީ، ތިނަދޫގެ ރައްޔިތުންގެ އެކަމާ ވަރަށް ބޮޑަށް ދެރަވެފައިވާ ކަމަށެވެ.

"ހުކު މޮޑޯޓެއް" ކަމަށް ނިހާން ވިދާޅުވެފައި ވަނީ ތިނަދޫ ދާއިރާގެ މެމްބަރުނަކީ އެއްވެސް ކަމެއް ނުވާ ބައެއްގެ ގޮތުގައި ސިފަކޮށްދެއްވުމުގެ ގޮތުންނެވެ.

ތިނަދޫ ދާއިރާގެ ދެ މެމްބަރުން "ހުކު މޮޑޯޓެއް" އެރުވުމުން އެއަށް ރައްދުދެއްވަމުން ނިހާން ކޮށްފައިވާ ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ކިތަންމެ ވެދުމެއް ކުރިޔަސް އެމްޑީޕީ ސަރުކާރުގައި ތިނަދޫއަށް ގެނެސްދީފައިވާ ތަރައްގީ މިހާރު ތިނަދޫ ދާއިރާ އިން ނުދެއްކޭނެ ކަމަށެވެ.

ސުޕްރީމްކޯޓުގެ ހުކުމަކާ އެކު ގޮނޑި ގެއްލިގެން މަޖިލިސްގައި ތިނަދޫ ދާއިރާ ތަމްސީލް ނުކުރެވޭތާ އަހަރެއްހާ ދުވަސް ފަހުން، އަންގާރުދުވަހު ސުޕްރީމްކޯޓުން ވަނީ އެ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ހުކުމްކޮށްފައެވެ.

- ކޮމެންޓް