ބޮޑުވަޒީރުކަމުގެ މަގާމުން ވަކިކުރި ސްރީލަންކާގެ ކުރީގެ ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންހައަށް ތާއީދުކޮށް އެތައް ހާސް ބަޔަކު ވެރިރަށް ކޮލަމްބޯގައި މުޒާހަރާ ކޮށްފިއެވެ.
ރަނިލްގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީން(ޔޫއެންޕީ) އަންގާރަ ދުވަހު ކުރި މުޒާހަރާ ފަށާފައިވަނީ އެ މަނިކުފާނުގެ ރަސްމީ ގެކޮޅު ކުރިމަތީގައެވެ.
ބޮޑުވަޒީރުކަމުގެ މަގާމުން ވަކިކުރުމަށް ފަހު އެ މަގާމަށް ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އައްޔަން ކުރައްވާފައިވާއިރު ރަނިލް އަދިވެސް ދިރިއުޅުއްވަނީ ރަސްމީ ގެކޮޅުގައެވެ.
"މަގާމުން ވަކިކުރުމާ އަޅުގަނޑުމެން ދެކޮޅު ރައްޔިތުން ސިރިސެނާއަށް ވޯޓްދިނީ މިގޮތަށް ކަންތައްކުރާކަށް ނޫން" އެއްވެފައިވާ މީހުންނާ މުޚާތަބް ކުރައްވައި ރަނިލް ވިދާޅުވިއެވެ.
"ރައީސް އެ ކުރެއްވި ކަންތަކަށް އަޅުގަނޑުމެން ދެކޮޅު ހަދާނަން"
ވަރަށް އަވަސްގޮތަކަށް ރާވާލެވިގެން ބޭއްވި މުޒާހަރާގައި އެތައް ހާސް ބަޔަކު ބައިވެރިވެފައިވާއިރު މުޒާހަރާގެ ބައިވެރިންތިބީ ޔޫއެންޕީގެ ކުލަ ކަމަށްވާ ފެހި ކުލައިގެ ތޮފިއަޅައިގެންނެވެ.
މުޒާހަރާއާ ގުޅިގެން އެތައް މަގެއް ވަނީ ބަންދު ކޮށްފައެވެ.
ސްރީލަންކާގެ ސިޔާސީ މަސްރަހު ހޫނުވެގެންދިޔައީ މިދިޔަ ހުކުރު ދުވަހު ބޮޑުވަޒީރުކަމުގެ މަގާމުން ރަނިލް ވިކްރަމަ ސިންހަ ވަކިކޮށް ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތު ތަކެއް ކުރެވޭ ކުރީގެ ރައީސް މަހިންދަ ރާޖަ ޕަކްސަ މަގާމަށް އައްޔަން ކުރެއްވުމާއެކުއެވެ.
ބޮޑުވަޒީރުކަމުގެ ހުވައި ރާޖަޕަކްސަ ކުރެއްވީ ޤާނޫނާއި ޚިލާފަށް ކަމަށް ރަނިލް ވިދާޅުވެއެވެ.