ކ. މާލެ
|
30 އޮކްޓޯބަރ 2018 | އަންގާރަ 21:53
ދިއްދޫ ކައުންސިލްގެ ބައެއް މެންބަރުން ރަށުގެ ބައެއް ދިމަދިމާ ބައްލަވާލައްވަނީ
ދިއްދޫ ކައުންސިލްގެ ބައެއް މެންބަރުން ރަށުގެ ބައެއް ދިމަދިމާ ބައްލަވާލައްވަނީ
ޓްވިޓަރ
ދިއްދޫ ކައުންސިލު
ފިނޭންސް މިނިސްޓްރީގެ މައްޗަށް ދައުވާ ކުރުމަށް ދިއްދޫ ކައުންސިލުން ނިންމައިފި
ދައުވާ ކުރަން ނިންމީ ކައުންސިލުން ދޭން ޖެހޭ ޚިދުމަތް ދިނުމަށް ހުރަސްއެޅޭތީ

ދިއްދޫ ކައުންސިލުން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ފިނޭންސް މިނިސްޓްރީގެ ސަބަބުން ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ބުނެ އެމިނިސްޓްރީއާ ދެކޮޅަށް ދައުވާ ކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ދިއްދޫ ކައުންސިލުން ފާސްކޮށްފިއެވެ.

ދިއްދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ހާޝިމް ހުށަހަޅުއްވައި އެކައުންސިލްގެ މެމްބަރު ޒުހުރާ ތާއީދުކުރި ހުށަހެޅުމުގައި ވަނީ ދިއްދޫ ކައުންސިލްގެ އޮނިގަނޑުގައި ހިމެނިފައިވާ 4 ވަޒީފާއަށް މުވައްޒަފުން ނެގުމުގެ ހުއްދައަށް އެދި ވޭތުވެދިޔަ އެތައް އަހަރުންސުރެ އެކި ފަހަރުމަތިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށާއި ދައުލަތުގެ ކަމާ ބެހޭ ހުރިހާ އިދާރާތަކަށް ދިއްދޫ ކައުންސިލުން ތަކުރާރުކޮށް ސިޓީ ފޮނުވިފައި ވިޔަސް، އެއިން ގިނަ ސިޓީތަކަށް ޖަވާބު ދެއްވާފައި ނުވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 24 ވަނަ މާއްދާގެ ދަށުން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ދިއްދޫ ކައުންސިލްގެ މައްޗަށް ލާޒިމްކުރާ ޚިދުމަތްތައް ދިނުމުގައި ހުއްޓުން އަރައި، ދަތިވެ، އަދި ލަސްވެ، ނުވަތަ އެ ޚިދުމަތް އެންމެ އެކަށީގެންވާ ގޮތަށް ނުދެވޭ ގޮތް ދިމާވެފައިވާ ކަމަށެވެ.  އަދި މިއީ ދިއްދޫ ކައުންސިލްގެ ވާޖިބު އަދާކުރުމަށް ދައުލަތުގެ މުއައްސަސާތަކުން އަޅުއްވާފައިވާ ހުރަހެއް ކަމަށް ދިއްދޫ ކައުންސިލަށް ޤަބޫލު ކުރެވޭ ކަމަށެވެ. އެހެންކަމުން އެކަމުގައި ފިނޭންސް މިނިސްޓްރީއާއި ކަމާ ބެހޭ ދައުލަތުގެ އިދާރާތަކުގެ މައްޗަށް ދަޢުވާކޮށް، މި ވަޒީފާތަކަށް މުވައްޒަފުން ހޯދުމަށް ކުރަން ޖެހޭ އެންމެހާ ޤާނޫނީ މަސައްކަތްތައް ދިއްދޫ ކައުންސިލުން ކުރުމަށް ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.

ދިއްދޫ ކައުންސިލަކީ އެކައުންސިލުން ނިންމި ނިންމުންތަކާހުރެ ކުރިން ސަސްޕެންޑް ވެސް ކޮށްފައިވާ ކައުންސިލެކެވެ. އަދި އެކައުންސިލްގެ ރައީސް ޢަލީ ހާޝިމް ހައްޔަރުވެސް ކޮށްފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް