މި އަހަރުގެ ފުރަތަމަ ހަ މަސް ނިމުނުއިރު ދައުލަތް ހިންގުމުގެ ހަރަދުގެ ގޮތުގައި 12 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފިއެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ފުރަތަމަ ހަ މަހާ އަޅާ ބަލާއިރު މި އަހަރުގެ ފުރަތަމަ ހަ މަހުގެ ދައުލަތުގެ ހަރަދު 3.1 ބިލިއަން ރުފިޔާ އަށް ވަނީ އިތުރުވެފައެވެ. އަދި މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ތެރޭގައި ހޭދަކޮށްފައި ވަނީ ހަތް ބިލިއަން ރުފިޔާއެވެ. މި އަހަރަށް ކަނޑައަޅާފައިވާ ބަޖެޓަކީ 27.9 ބިލިއަން ރުފިޔާއެވެ.
ދައުލަތުގެ ރިކަރަންޓް ހަރަދު 1.5 ބިލިއަން ރުފިޔާ އިތުރުވެފައިވާއިރު ރިކަރަންޓް ހަރަދުތަކަށް މުޅި އަހަރަށް 16 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. ރީކަރަންޓް ހަރަދު އިތުރުވެގެން ދިއުމުގެ މައިގަނޑު ސަބަބަކީ ސަރުކާރުގެ އިދާރީ ކަންކަމާއި، ހިންގުމުގެ ހަރަދުތައް މި އަހަރުގެ ތެރޭގައި ގިނަވެފައިވުމުން ކަމަށް އެ ރިޕޯޓުގައި ހާމަކޮށްފައިވެއެވެ.
މީގެ އިތުރުން ދައުލަތުގެ ކެޕިޓަލް ހަރަދު 1.6 ބިލިއަން ރުފިޔާއަށް މައްޗަށް ގޮސްފައި ވަނީ ސިނަމާލެ ބްރިޖާއި ދަރުމަވަންތަ ހޮސްޕިޓަލް ފަދަ ތަރައްގީގެ ޕްރޮޖެކްޓްތައް ކުރިޔަށް ގެންގޮސްފައި ވާތީއެވެ. އެފަދަ ކަންތައްތަކުގައި ހޭދަ ކުރުމަށް ދައުލަތުން މި އަހަރަށް ކަނޑައަޅާފައި ވަނީ 11 ބިލިއަން ރުފިޔާއެވެ.
ނިމިގެން ދިޔަ ހަ މަސްތެރޭގައި ދައުލަތުގެ އާމްދަނީ ވަނީ 760.1 މިލިއަން ރުފިޔާ އިތުރުވެފައިވާއިރު އޭގެ މައިގަނޑު ސަބަބަކީ ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެފައިވުން ކަމަށް އެމްއެމްއޭ އިން ބުނެއެވެ.