ކ. މާލެ
|
30 އޮކްޓޯބަރ 2018 | އަންގާރަ 14:23
ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު
ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު
ރާއްޖެއެމްވީ
ރައްޔިތުންގެ މަޖިލިސް
ސަރުކާރު ބަދަލުވާއިރު ބަޖެޓް ތައްޔާރުކުރުމުގެ ފުރުސަތު އައު ސަރުކާރަށް ލިބޭ ގޮތަށް ގާނޫނު ބަދަލުކުރަންޖެހޭ: ކުއްޓި ނަޝީދު
 5 އަހަރުން އެއް އަހަރު ދައުރު ބަދަލުވާއިރު އެއަށް މާލިއްޔަތު ގާނޫނުގައި ޚާއްސަ ހާލަތެއް ގާއިމްކޮށްދީފައެއް ނެތް
ސަރުކާރު ބަދަލުވާ އިރު މިހާރު އޮތް ސަރުކަރުން ބަޖެޓް ހެދުމަކީ ހަމަޖެހޭ ކަމެއް ނޫން

ސަރުކާރު ބަލުވާއިރު ބަޖެޓް ތައްޔާރުކުރުމުގެ ފުރުސަތު އައު ސަރުކާރަށް ލިބޭ ގޮތަށް މާލިއްޔަތު ގާނޫނަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ތިންވަނަ ޖަލްސާގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2019 ވަނަ އަހަރުގެ ބަޖެޓް، މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމޮ ގޮތުގެ ރިޕޯޓްގެ ބަހުސް މަރްހަލާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ 5 އަހަރުން އެއް އަހަރު ދައުރު ބަދަލުވާއިރު އެއަށް ޚާއްސަ ހާލަތެއް މާލިއްޔަތު ގާނޫނުގައި ގާއިމްކޮށްދީފައި ނެތް ކަމަށެވެ.

ނަޝީދު ވިދާޅުވީ މާލިއްޔަތު ގާނޫނުގެ 32 ވަނަ މާއްދާއަށް ބަދަލެއް ގެންނަން ޖެހޭ ކަމަށެވެ. އަދި ގާނޫނު އަސާސީގައި އޮތީ މާލީ އަހަރު ފެށުމުގެ ކުރިން ދައުލަތުގެ ބަޖެޓް ފާސްކުރަންވާނޭ ކަމަށް އޮތުމުން އަހަރު ފެށުމުގެ ކުރިން ބަޖެޓް ފާސްކުރެވޭނެ ގޮތަށް އާ ސަރުކާރަށް ފުރުސަތު ދެވެންޖެހެނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. 

ނަޝީދު ވިދާޅުވީ ހިގަމުންދާ މާލީ އަހަރު ހުސްވުމުގެ އެއް މަސް ކުރިން ބަޖެޓް މަޖިލީހަށް ހުށަހަޅަންޖެހޭ ކަމަށް ނިންމާފައި ވަނީ 2006 އަދި 2007 ވަނަ އަހަރު ރައްޔިތުންގެ މަޖިލިސް މެމްބަރުން ހެދި ގަވާއިދަކުން ކަމަށެވެ. ނަމަވެސް ދާދި ފަހުން އެ ގަވާއިދު އަނެއްކާ ވެސް މަޖިލިސް މެމްބަރުން ބަދަލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ގަވާއިދު ބަދަލުކޮށްފައި ވަނީ ސްކޫލް ކުދިންގެ ޗުއްޓީއާ ދިމާކޮށް މަޖިލިސް މެމްބަރުން، މަޖިލީހުގެ ބޮޑު ޗުއްޓީއަށް ދިއުމަށް އޭގެ އެއް މަސްކުރިން ބަޖެޓް ފާސްކުރުމުގެ ބޭނުމުގައި ކަމަށެވެ.

އެކެއް ނޮވެމްބަރުގެ ކުރިން މަޖިލީހަށް ބަޖެޓް ހުށަހަޅަން ގަވާއިދަށް ބަދަލު ގެނައުމުގެ ސަބަބުން ފިނޭންސް މިނިސްޓްރީއަށް ވެސް މިހާރު ބޮޑު ޕްރެޝަރެއް އުފުލަންޖެހިފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. 

"އަޅުގަނޑުމެންގެ އެ ގާނޫނެއް ނުދަނޭ، އަޅުގަނޑުމެން ދަންނަވަން މި އުޅޭ އެއްޗަކީ 5 އަހަރުން އެއް އަހަރު ރިޔާސީ އިންތިޚާބެއް އޮންނާނެ ކަމެއް. އާ ސަރުކާރެއް އަތުވެދާނެ ކަމެއް. ސިޔާސަތުތައް ބަދަލުވެދާނެ ކަމެއް. އެހެންވީމަ އަޅުގަނޑުމެން އެ ގާނޫނަށް ވެސް އެ ޖާގަދޭންޖެހޭ ކޮންމެވެސް ވަރަކަށް ލަސް ވަގުތެއްގައި އެ މީހުންނަށް (އާސަރުކާރަށް) އެކަން ކުރެވޭނެ ގޮތެއް ވުން،" ނަޝީދު ވިދާޅުވިއެވެ.

މޮޅު ގާނޫނީ ވަކީލެއްގެ ގޮތުގައި ވެސް މަޝްހޫރުކަން ހޯއްދަވާފައިވާ ނަޝީދު ވިދާޅުވީ ސަރުކާރު ބަދަލުވާ އިރު މިހާރު އޮތް ސަރުކާރުން ބަޖެޓް ހުށަހެޅުމަކީ މާ ހަރުދަނާ ކަމެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ. އަދި ވަގުތީ ހައްލެއް ހޯދުމަށްޓަކައި 100 ދުވަހުގެ ޕްރޮގްރާމްތަކަކަށްވާ ޚަރަދެއް އޭގެ ތެރޭގައި ހިމަނުއްވައިގެން މުޅި މަންޒަރު ފެންނާނެ ކަމެއް ކަމަކަށް ގަބޫލުނުކުރެއްވޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ފަސް އަހަރުން އެއް އަހަރު ވެރިކަން ބަދަލުވާ ނަމަ ބަޖެޓް ހުށަހެޅުމުގެ ފުރުސަތު ދިގުދަންމާލުމަށް މި އަހަރުގެ ތަޖުރިބާ އިން ފިލާވަޅެއް ލިބިގަންނަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
30 އޮކްޓޯބަރ 2018 | އަންގާރަ 14:00
ޖާދޫ
މިއީ ކާކުތަ؟