އިންޑޮނޭޝިއާގެ ޖަކާޓާ އިން ޕަންގކަލް ޕިނޭންގް އަށް ނައްޓާލިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވެއްޓުނު ލަޔަން އެއަރގެ ފްލައިޓް ޖޭޓީ 610، އެ ދަތުރަށް ފުރުމުގެ ކުރިން ވެސް ބޯޓުގެ ބައެއް އާލާތްތަކަށް މައްސަލަ ދިމާވެފައިވާކަން ބީބީސީއަށް ލިބިފައިވާ ބޯޓުގެ ޓެކްނިކަލް ލޮގުން އެނގޭ ކަމަށް އެ އެޖެންސީން ބުނެފިއެވެ.
ހޯމަ ދުވަހު ވެއްޓުނު ބޯއިންގ 737 ގެ މި ބޯޓް ވެއްޓުނުއިރު ބޯޯޓުގައި 189 މީހުން ދަތުރުކުރަމުން ދިޔައެވެ.
އޮފިޝަލުން ބުނެފައި ވަނީ އެއްވެސް މީހަކު ދިރިހުއްޓާ ފެނިދާނެކަމުގެ އުއްމީދު ކުޑަ ކަމަށެވެ.
ޓެކްނިކަލް ލޮގްގައި ބުނެފައިވާ ގޮތުގައި ބޯޓުގެ ބައެއް އިންސްޓްރަމެންޓްތައް ހުރީ ބަރޯސާ ނުވެވޭ ހާލަތެއްގައެވެ.
ވައިދަތުރުކުރާ ބާރުމިން އަންގައިދޭ އިންސްޓްރުމެންޓަށް ބަރޯސާ ނުވެވޭއިރު ބޯޓު އޮތް އުސްމިން ދެނެގަންނަ އިންސްޓްރުމެންޓްތަކުގެ ތެރެއިން ކެޕްޓަންގެ އަތުގައި އޮތް އިންސްޓްރުމެންޓާއި ފަސްޓް އޮފިސަރގެ އަތުގައި އޮތް އިންސްޓްރުމެންޓުން ދައްކާ ގޮތް ދަފާތުވާ ކަމަށެވެ.
ބީބީސީން ބުނެފައި ވަނީ ލަޔަން އެއަރގެ ބަހެއް ލިބިފައި ނުވާ ކަމަށެވެ.
ބޯއިންގ 737 މެކްސް ގެ ފަހުގެ ބޯޓެއްގެ މިފަދަ ބޮޑު އެކްސިޑެންޓެއް ރިޕޯޓްކުރެވުނު މިއީ ފުރަތަމަ ފަހަރެވެ.
ލަޔަންގެ ޗީފް އެގްޒެކްޓިވް އެޑްވާޑް ސިރައިތް ކުރިން ވިދާޅުވެފައި ވަނީ ބާލީގެ ޑެންޕާސާއިން ޖަކާޓާއަށް ދަތުރުކުރި އިރު ޓެކްނިކަލް މައްސަލަތަކެއް ހުރި ކަމަށާއި ނަމަވެސް އެ މައްސަލަ ހައްލު ކުރި ކަމަށެވެ.މައްސަލައަކީ ކޮބައި ކަމެއް ވިދާޅެއްނުވެއެވެ.
ލަޔަން އެއަރއިން ބޯއިންގ 737 މެކްސް8 ގެ 11 ބޯޓް ގެންގުޅޭއިރު އެއިން އެއްވެސް ބޯޓަކުން އެފަދަ ޓެކްނިކަލް މައްސަލައެއް ފެނިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. ބޯޓުތައް ގްރައުންޑް ކުރުމުގެ ވިސްނުމެއް ނެތް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ފްލައިޓް ޖޭޓީ 610 ހޯމަ ދުވަހު ޖަކާޓާއިން ފުރާފައި ވަނީ ޖަކާޓާގެ ގަޑިން 6:20 ގައެވެ.
ބޯޓް ފުރިތާ ގަޑިއެއްގެ އިރު ފަހުން ޕަންގކަލް ޕިނާންގެ ޑިޕާޓީ އަމީރް އެއަރޕޯޓަށް ބޯޓް ޖެއްސުމަށް އޮތް ނަމަވެސް ބޯޓް ފުރިތާ 13 މިނެޓްގެ ތެރޭގައި ވަނީ ބޯޓާ ގުޅުން ކެނޑިފައެވެ. އެއާއެކު ޖަކާޓާގެ ސޮއެކާނޯ-ހައްޓާ އެއަރޕޯޓަށް ބޯޓު ޖެއްސުމަށް އެންގިފައި ވެއެވެ.