ކ. މާލެ
|
29 އޮކްޓޯބަރ 2018 | ހޯމަ 23:49
މެމްބަރު ސައުދުﷲ
މެމްބަރު ސައުދުﷲ
ޓްވިޓަރ
މެމްބަރުންގެ ގޮނޑީގެ މައްސަލަ
ސައުދުﷲގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި
ގޮނޑި ގެއްލުނު ކަމަށް ބުނާ 12 މެމްބަރުންގެ ތެރެއިން 8 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމް ކޮށްފި
މާދަމާ ބާކީ ހަތަރު މެމްބަރުންގެ ގޮނޑިއާމެދު ގޮތެއް ނިންމާނެ
12 މެމްބަރުންގެ މައްސަލައަކީ ދާދި އެއްގޮތަކަށް ކަންކަން ހިނގާފައިވާ މައްސަލަތަކެއް

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ނިންމުން ބާތިލްކޮށް، ސައުދުﷲގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފި އެވެ.

މެމްބަރު ސައުދުﷲގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ މައްސަލާގައި ހުކުމް ކުރުމަށް ސުޕްރީމް ކޯޓުގައި ހޯމަ ދުވަހު ބޭއްވި ޝަރީއަތުގައި ސައުދުﷲގެ ގޮނޑި ނުގެއްލޭ ކަމަށް ނިންމީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުންނެވެ.

މެމްބަރު ސައުދުﷲގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ގާނޫނީ ވަކީލުން މައިގަނޑު ގޮތެއްގައި ވިދާޅުވެފައިވަނީ ސައުދުﷲގެ ގޮނޑި ގެއްލިފައިވާ ކަމަށް ނިންމާފައިވަނީ "ފްލޯ ކޮރޮސިންގ"އާ ބެހޭ ގޮތުން ސުޕްރީމް ކޯޓުން 13 ޖުލައި 2017 ކޮށްފައިވާ ހުކުމުގެ ފަހުން ޕީޕީއެމްގެ ސްލޫކީ ކޮމެޓީން ސައުދުﷲގެ ސްލޫކީ މައްސަލައެއް ބެލުމަށް ފަހު ޕީޕީއެމްގެ މެމްބަރު ކަމުން ސައުދުﷲ ވަކިކޮށްފައި ވާތީ، އެއީ ސުޕްރީމް ކޯޓުގެ 13 ޖުލައި 2017ގައި ކޮށްފައިވާ ހުކުމުގެ ފަހުން ހިނގާފައިވާ ކަމަކަށް ވާތީ ކަމަށެވެ. 

ސުޕްރީމް ކޯޓުގެ އެ ހުކުމުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އެމެމްބަރަކު ނިސްބަތްވާ ޕާޓީން ވަކިކޮށްފިނަމަ، ނުވަތަ މެމްބަރު ވަކިވެއްޖެނަމަ، ނުވަތަ އެހެން ޕާޓީއަކަށް ގުޅިވަޑައިގެންފިނަމަ މެމްބަރު ކަމުގެ ގޮނޑި ގެއްލޭނެ ކަމަށެވެ.

ސައުދުﷲގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނަނީ ޕީޕީއެމް ސުލޫކީ ކޮމެޓީން ސައުދުﷲގެ މައްސަލައެއް ބަލައި ސައުދުﷲ އެ ޕާޓީން ވަކިކޮށްފައިވަނީ ސައުދުﷲ އެ ޕާޓީގެ މެމްބަރުކަމުން ވަކިވި ފަހުން ކަމަށެވެ. އަދި ސައުދުﷲ ޕީޕީއެމްގެ މެމްބަރު ކަމުން 10 ޖުލައި 2017ގައި ވަކިވެފައިވާކަން ޝަރީއަތަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކުންނާއި ދެފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގޭ ކަމަށެވެ. 

މީގެއިތުރުން ސައުދުﷲ ޕީޕީއެމް މެމްބަރު ކަމުން ވަކި ކުރުމަށް ނިންމީ ކަމަށް ބުނާ މައްސަލައަކީ ވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުރުބާރު ނެތްކަމުގެ މައްސަލާގައި ސޮއިކުރުން ކަމަށްވާއިރު އެކަމެއް ހިނގާފައިވަނީ ވެސް 03 ޖުލައި 2017 ގައި ކަމަށެވެ. އެހެންކަމުން މަސީހުގެ އިތުބާރު ނެތްކަމަށް ބުނާ މައްސަލާގައި ސޮއި ކޮށްފައިވަނީ ވެސް ސުޕްރީމް ކޯޓުން 13 ޖުލައި 2017ގައި ނެރެފައިވާ ހުކުމުގެ ކުރިން ކަމަށެވެ. އެހެންކަމުން 13 ޖުލައި 2017 ގެ ކުރިން ހިނގާފައިވާ ކަމަކަށް ރިއާޔަތްކޮށް، މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ވެއެވެ. 

އިލެކްޝަންސް ކޮމިޝަނުން 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް މީގެ އެއް އަހަރުކުރިން ނިންމާފައިވާ ނިންމުން އިލެކްޝަންސް ކޮމިޝަނުން ވަނީ ދާދި ފަހުން ބަދަލުކޮށް، އެ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ނިންމާފައެވެ. ނަމަވެސް މެމްބަރުންގެ ގޮނޑީގެ މައްސަލަތައް ސުޕްރީމް ކޯޓުގައި ކުރިއަށްދާތީ ސުޕްރީމް ކޯޓުން ވަނީ އިލެކްޝަންސް ކޮމިޝަނުގެ އެނިންމުން ބާތިލް ކަމަށް ނިންމާފައެވެ. 

އެހެންކަމުން އިލެކްޝަންސް ކޮމިޝަނުގެ ސުޕްރީމް ކޯޓުގައި ވަކާލާތު ކުރައްވާފައި ވަނީ ވެސް އެކޮމިޝަނުން ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ ނިންމުމުގެ މައްޗަށެވެ.

ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ 12 މެމްބަރުންގެ ތެރެއިން 8 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މިވަނީ ހުކުމް ކޮށްފަ އެވެ. ސުޕްރީމް ކޯޓުން ގޮނޑި ނުގެއްލޭ ކަމަށް ހޯމަ ދުވަހު ނިންމާފައިވާ މެމްބަރުންނަކީ ސައުދުﷲ އިތުރުން، ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު އާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު އާއި އަދި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނުގެ ގޮނޑި އެވެ.

މިމަހުގެ 8 ވަނަ ދުވަހު ސުޕްރީމް ކޯޓުން ވަނީ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް އާއި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ އިތުރުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދުގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ވަނީ ނިންމާފަ އެވެ. 

ސުޕްރީން ކޯޓުން ގޮނޑިއާ މެދު ގޮތެއް ނިންމާފައި ނުވާ ހަތަރު މެމްބަރުންނަކީ ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހުގެ އިތުރުން ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީގެ ގޮނޑީގެ މައްސަލަ އެވެ. އެ ހަތަރު މެމްބަރުން ގޮނޑީގެ މައްސަލައިގެ އަޑުއެހުންތައް ވަނީ ނިންމާލާފަ އެވެ. ދެން އޮންނާނީ އެމައްސަލަތަކުގައި ހުކުމް ކުރުމަށް ބޭއްވޭ ޝަރީއަތެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް