ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ނިންމުން ބާތިލްކޮށް، އިލްހާމުގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފި އެވެ.
މެމްބަރު އިލްހާމްގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ މައްސަލާގައި ހުކުމް ކުރުމަށް ސުޕްރީމް ކޯޓުގައި ހޯމަ ދުވަހު ބޭއްވި ޝަރީއަތުގައި އިލްހާމްގެ ގޮނޑި ނުގެއްލޭ ކަމަށް ނިންމީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުންނެވެ.
މެމްބަރު އިލްހާމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ގާނޫނީ ވަކީލުން މައިގަނޑު ގޮތެއްގައި ވިދާޅުވެފައިވަނީ އިލްހާމްގެ ގޮނޑި ގެއްލިފައިވާ ކަމަށް ނިންމާފައިވަނީ "ފްލޯ ކޮރޮސިންގ"އާ ބެހޭ ގޮތުން ސުޕްރީމް ކޯޓުން 13 ޖުލައި 2017 ކޮށްފައިވާ ހުކުމުގެ ފަހުން ޕީޕީއެމްގެ ސްލޫކީ ކޮމެޓީން އިލްހާމްގެ ސްލޫކީ މައްސަލައެއް ބެލުމަށް ފަހު ޕީޕީއެމްގެ މެމްބަރު ކަމުން އިލްހާމު ވަކިކޮށްފައި ވާތީ، އެއީ ސުޕްރީމް ކޯޓުގެ 13 ޖުލައި 2017ގައި ކޮށްފައިވާ ހުކުމުގެ ފަހުން ހިނގާފައިވާ ކަމަކަށް ވާތީ ކަމަށެވެ.
ސުޕްރީމް ކޯޓުގެ އެ ހުކުމުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އެމެމްބަރަކު ނިސްބަތްވާ ޕާޓީން ވަކިކޮށްފިނަމަ، ނުވަތަ މެމްބަރު ވަކިވެއްޖެނަމަ، ނުވަތަ އެހެން ޕާޓީއަކަށް ގުޅިވަޑައިގެންފިނަމަ މެމްބަރު ކަމުގެ ގޮނޑި ގެއްލޭނެ ކަމަށެވެ.
އިލްހާމުގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނަނީ ޕީޕީއެމް ސުލޫކީ ކޮމެޓީން އިލްހާމްގެ މައްސަލައެއް ބަލައި އިލްހާމް އެ ޕާޓީން ވަކިކޮށްފައިވަނީ އިލްހާމް އެ ޕާޓީގެ މެމްބަރުކަމުން ވަކިވި ފަހުން ކަމަށެވެ. އަދި އިލްހާމު ޕީޕީއެމްގެ މެމްބަރު ކަމުން 09 ޖުލައި 2017ގައި ވަކިވެފައިވާކަން ޝަރީއަތަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކުންނާއި ދެފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގޭ ކަމަށެވެ.
މީގެއިތުރުން އިލްހާމް ޕީޕީއެމް މެމްބަރު ކަމުން ވަކި ކުރުމަށް ނިންމީ ކަމަށް ބުނާ މައްސަލައަކީ ވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުރުބާރު ނެތްކަމުގެ މައްސަލާގައި ސޮއިކުރުން ކަމަށްވާއިރު އެކަމެއް ހިނގާފައިވަނީ ވެސް 03 ޖުލައި 2017 ގައި ކަމަށެވެ. އެހެންކަމުން މަސީހުގެ އިތުބާރު ނެތްކަމަށް ބުނާ މައްސަލާގައި ސޮއި ކޮށްފައިވަނީ ވެސް ސުޕްރީމް ކޯޓުން 13 ޖުލައި 2017ގައި ނެރެފައިވާ ހުކުމުގެ ކުރިން ކަމަށެވެ. އެހެންކަމުން 13 ޖުލައި 2017 ގެ ކުރިން ހިނގާފައިވާ ކަމަކަށް ރިއާޔަތްކޮށް، މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ވެއެވެ.
އިލެކްޝަންސް ކޮމިޝަނުން 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް މީގެ އެއް އަހަރުކުރިން ނިންމާފައިވާ ނިންމުން އިލެކްޝަންސް ކޮމިޝަނުން ވަނީ ދާދި ފަހުން ބަދަލުކޮށް، އެ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ނިންމާފައެވެ. ނަމަވެސް މެމްބަރުންގެ ގޮނޑީގެ މައްސަލަތައް ސުޕްރީމް ކޯޓުގައި ކުރިއަށްދާތީ ސުޕްރީމް ކޯޓުން ވަނީ އިލެކްޝަންސް ކޮމިޝަނުގެ އެނިންމުން ބާތިލް ކަމަށް ނިންމާފައެވެ.
އެހެންކަމުން އިލެކްޝަންސް ކޮމިޝަނުގެ ސުޕްރީމް ކޯޓުގައި ވަކާލާތު ކުރައްވާފައި ވަނީ ވެސް އެކޮމިޝަނުން ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ ނިންމުމުގެ މައްޗަށެވެ.
ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ 12 މެމްބަރުންގެ ތެރެއިން 8 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މިވަނީ ހުކުމް ކޮށްފަ އެވެ. ސުޕްރީމް ކޯޓުން ގޮނޑި ނުގެއްލޭ ކަމަށް ހޯމަ ދުވަހު ނިންމާފައިވާ މެމްބަރުންނަކީ އިލްހާމުގެ އިތުރުން، ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު އާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އަދި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނުގެ ގޮނޑި އެވެ.
މިމަހުގެ 8 ވަނަ ދުވަހު ސުޕްރީމް ކޯޓުން ވަނީ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް އާއި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ އިތުރުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދުގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ވަނީ ނިންމާފަ އެވެ.
ސުޕްރީން ކޯޓުން ގޮނޑިއާ މެދު ގޮތެއް ނިންމާފައި ނުވާ ހަތަރު މެމްބަރުންނަކީ ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހުގެ އިތުރުން ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީގެ ގޮނޑީގެ މައްސަލަ އެވެ. އެ ހަތަރު މެމްބަރުން ގޮނޑީގެ މައްސަލައިގެ އަޑުއެހުންތައް ވަނީ ނިންމާލާފަ އެވެ. ދެން އޮންނާނީ އެމައްސަލަތަކުގައި ހުކުމް ކުރުމަށް ބޭއްވޭ ޝަރީއަތެވެ.