ކ. މާލެ
|
29 އޮކްޓޯބަރ 2018 | ހޯމަ 13:47
ޕީޕީއެމް އޮފީސް ދޮރުމަތީގައި މުޒާހަރާކުރަނީ
ޕީޕީއެމް އޮފީސް ދޮރުމަތީގައި މުޒާހަރާކުރަނީ
ޙުސައިން ޙަސަން
ޕީޕީއެމްގެ މައްސަލަ
ޕީޕީއެމްގެ މައްސަލަ ސިވިލް ކޯޓުން ބެލުން ހުއްޓުވައި ފައިލް ސުޕްރީމް ކޯޓަށް
ދައުވާގައި އެދިފައި ވަނީ ޕާޓީ ހިންގުމުގެ ބާރުތައް ޕީޕީއެމްގެ މުސްތަޝާރާ ހަވާލުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށް

ވެރިކަން ކުރާ މައި ޕާޓީ ޕީޕީއެމް ހިންގުމުގެ ބާރުތައް އަނބުރާ ހޯދުމަށް އެ ޕާޓީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ސިވިލް ކޯޓަށް ހުށައެޅި މައްސަލަ އެ ކޯޓުން ބެލުން ހުއްޓުވައި އެ މައްސަލައިގެ ފައިލް ސުޕްރީމް ކޯޓަށް ގެންގޮސްފިއެވެ. 

އެ ދައުވާގައި އެދިފައި ވަނީ ޕާޓީ ހިންގުމުގެ ބާރުތައް ޕީޕީއެމްގެ މުސްތަޝާރާ ހަވާލުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށެވެ. 

ޕީޕީއެމްގެ ހިންގުން މިހާރުގެ ރައީސް އަބްދުﷲ ޔާމީނާ ހަވާލުކޮށްފައި ވަނީ ސިވިލް ކޯޓުގެ އަމުރެއްގެ ދަށުންނެވެ. ސިވިލް ކޯޓުން 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހު ކުރި އަމުރެއްގައި ބުނެފައި ވަނީ އެ އަމުރު ނެރުނު ވަގުތުން ފެށިގެން ކުރިއަށް ހިނގާ 24 ގަޑިއިރުގެ ތެރޭގައި ޕާޓީގެ މުސްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީންގެ ރިޔާސަތުގައި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށް ފަހު ޕީޕީއެމް ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން ކައުންސިލުން ގޮތްތަކެއް ނިންމުމަށެވެ. މި އަމުރާ ގުޅިގެން ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށް ފަހު އެ ދުވަހުން ފެށިގެން ޕީޕީއެމްގެ ހިންގުން ރައީސް ޔާމީނާ ހަވާލުކުރަން ޕީޕީއެމްގެ ކައުންސިލުން ވަނީ ނިންމާފަ އެވެ. ޕީޕީއެމް ހިންގުމުގެ ބާރުތައް ރައީސް ޔާމީންއާ ހަވާލުކޮށްފައި ވަނީ ވެސް ޕީޖީ ގްރޫޕުގެ ދެ މެންބަރުން ހުށަހެޅު މައްސަލައަކާ ގުޅިގެންނެވެ.

ޕީޕީއެމްގެ އަސާސީ ގަވައިދު ބުނާ ގޮތުން ޕާޓީގެ މުސްތަޝާރަކީ ޕާޓީ ހިންގުމުގައި އެއްވެސް ދައުރެއް އޮންނަ މީހެއް ނޫނެވެ. އެހެންކަމުން ޕީޕީއެމުން މީގެ ދުވަސްކޮޅެއް ކުރިން ވަނީ ކޮންގްރެސްއެއް ބާއްވައި އާ ލީޑާޝިޕެއް އިންތިހާބުކޮށްފައެވެ. ނަމަވެސް އެ ގައުމީ ބައްދަލުވުމާއި އެ ބައްދަލުވުމުގައި ނިންމި ނިންމުންތައް ބަލައި ނުގަންނަ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. އަދި މިހާރު އޮތް ލީޑާޝިޕާ އެއްވެސް މުއާމަލާތެއް ނުކުރަން ވެސް ވަނީ ނިންމާފައެވެ. އަދި ރައީސް މައުމޫނުގެ ފަރާތުން ޕާޓީއާ ގުޅޭ މައްސަލަ އިލެކްޝަންސް ކޮމިޝަނަށް ވެސް ވަނީ ހުށަހަޅާފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް