ކ. މާލެ
|
28 އޮކްޓޯބަރ 2018 | އާދީއްތަ 21:17
އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި
އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި
ރާއްޖެ އެމްވީ
ރައްޔިތުންގެ މަޖިލިސް
ވޯޓުގައި ބައިވެރިވި މެމްބަރުން އިއްތިފާގުން ނޮވެމްބަރު 17ގައި ހުވާ ކުރަން ފާސްކޮށްފި
އިއްތިފާގު ވީ ވޯޓުގައި ބައިވެރިވި 68 މެމްބަރުން
މައްސަލަ ދިރާސާ ކުރީ ހަތް މެމްބަރުންގެ ކޮމެޓީއަކުން
އެ ކޮމެޓީގެ މުގައްރަރަކީ އަބްދުﷲ ޝާހިދު

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމު ހުވާ ކުރެއްވުމަށްޓަކާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނޮވެމްބަރު 17ގައި ބާއްވަންޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުން އެގޮތަށް ފާސްކުރީ ހޯމަ ދުވަހު ބޭއްވި އެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 63 މެމްބަރުންގެ އިއްތިފާގުންނެވެ.

ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ރައީސުލްޖުމްހޫރިއްޔާ ހުވާ ކުރައްވާ ތާރިހު ކަނޑައަޅާފައި ވަނީ ހުރިހާ އެންމެން އެއްބަސްވެގެން އެ މައްސަލާގައި ގޮތެއް ކަނޑައެޅުއްވުމަށް ރައީސް ސޯލިހު އިލްތިމާސް ކުރައްވާފައި ވަނިކޮށެވެ.

އެގޮތަށް ފާސްކުރީ ހުވާ ކުރެއްވުމުގެ ތާރީހާމެދު ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހުން ނެންގެވި ހަތް މެމްބަރުން ކޮމެޓީން ހުށަހެޅި ރިޕޯޓާއެކުގައެވެ. އެ ރިޕޯޓު މަޖިލީހުން ފާސް ކުރުމުގެ ކުރިން، ހަތް މެމްބަރުންގެ ވަގުތީ ކޮމެޓީގެ މުގައްރިރު އަބްދުﷲ ޝާހިދު ވަނީ އެ މައްސަލާގައި ތަފްސީލީ ގޮތެއްގައި ވާހަކަފުޅު ދައްކަވާފައެވެ.

އަބްދުﷲ ޝާހިދު ވިދާޅުވީ ރިޔާސީ އާ ދައުރު ފެށޭ މުއްދަތަކީ ނޮވެމްބަރު 17 ކަމުގައި ކަނޑައެޅީ، ރައީސް އަބްދުﷲ ޔާމީންގެ ފަސް އަހަރުގެ ރިޔާސީ ދައުރު ފެށިފައި ވަނީ 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ކަމަށް ވާތީ ކަމަށެވެ. އެ ދުވަހަކީ ރިޔާސީ އާ ދައުރު ފެށުނު ދުވަސް ކަމުގައި ކަނޑައެޅީ 2013 ވަނަ އަހަރު ސުޕްރީމް ކޯޓުން ކުރެއްވި ހުކުމަކާ ގުޅިގެން ކަމަށް އަބްދުﷲ ޝާހިދު ވިދާޅުވިއެވެ.

ދެހާސްތޭރަ ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން، ރައީސް ޔާމީންގެ ރިޔާސީ ދައުރު ފެށުނު ކަމަށް ކަނޑައަޅާފައި، މަޖިލީހުން އިގުރާރުވި ލިޔުމުގައި ސޮއި ކުރައްވާފައި ވަނީ އޭރުގެ މަޖިލީހުގެ ރައީސަކަށް ހުންނެވި ޝާހިދާއި އޭރުގެ އުއްތަމަފަނޑިޔާރު އަހުމަދު ފާއިޒު ހުސައިންނެވެ.

"17 ނޮވެމްބަރު 2013 އިން ފެށިގެން ކުރިއަށް އޮތް 5 އަހަރުގެ ދުވަހުގެ މުއްދަތަށް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް ގާނޫނުއަސާސީގެ 111 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ދިވެހިރާއްޖޭގެ ރައްޔިތުން އިންތިހާބު ކުރައްވާފައިވާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ގާނޫނުއަސާސީގެ ޖަދުވަލު 1 ގައި ނަންގަނެވިގެންވާ ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވައި، ގާނޫނުއަސާސީގެ 114 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ކުރައްވައިފިއެވެ. މި ހުވައި ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، އަދި އަހުރެމެންގެ ހާޒިރުގައި ހިޖުރީ ސަނަތުން 1435 ވަނަ އަހަރުގެ މުޙައްރަމް މަހުގެ 13 ވި [މީލާދީ ސަނަތުން 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވި] އާދީއްތަ ދުވަހުއެވެ،" މަޖިލީހުގެ އޭރުގެ ރައީސް ޝާހިދާއި އުއްތަމަ ފަނޑިޔާރު ފާއިޒު ސޮއި ކުރައްވާފައިވާ އިގުރާރުގައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް
28 އޮކްޓޯބަރ 2018 | އާދީއްތަ 17:24
constitution?
members are overriding the constitution?