ލަންކާގެ ބޮޑުވަޒީރުކަމުން ވަކިކުރެވުނު ރަނިލް ވިކްރަމަ ސިންހަގެ ކެބިނެޓުގެ ވަޒީރެއް ކަމަށްވާ އަރްޖުނާ ރަނަތުންގަ އަށް ޙަމަލާދޭން މަސައްކަތް ކުރި ބަޔަކަށް އޭނާގެ ބޮޑީގާޑުން ޙަމަލާދިނުމާއި ގުޅިގެން އޭގެ ތެރެއިން އެކަކު މަރުވެއްޖެއެވެ.
ރަނަތުންގާގެ ބޮޑީގާޑުންގެ ގޮތުގައި މަސައްކަތްކުރަނީ ލަންކާގެ ސްޕެޝަލް ޓާސްކް ފޯސްގެ ސިފައިންނެވެ. ރަނަތުންގާގެ ޙިމާޔަތުގައި ސިފައިން ބަޑި ޖެހުމުގެ ސަބަބުން އިތުރު ބަޔަކަށް ވެސް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.
ކުއްލި ގޮތަކަށް މީގެ ދެ ދުވަސް ކުރިން ލަންކާގެ ބޮޑުވަޒީރު ކަމުން ރަނިލް ދުރުކޮށް، ރައީސް މައިތިރިޕާލާ ސިރިސޭނާ ވަނީ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ ބޮޑުވަޒީރު ކަމަށް އައްޔަން ކުރައްވާފައެވެ. ނަމަވެސް ރަނިލް އަށް ތާއީދުކުރާ ފަރާތްތަކުން ބުނަނީ ރާޖަޕަކްސަ ބޮޑުވަޒީރު ކަމަށް އައްޔަންކުރީ ޤާނޫނާއި ޚިލާފަށް ކަމަށެވެ. އަދި ލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ކަރޫ ޖަޔަސޫރިޔާ ވަނީ އަދިވެސް ބޮޑުވަޒީރަކީ ރަނިލްކަމަށް އެމަނިކުފާނު ޤަބޫލުފުޅުކުރައްވާކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ރަނިލްގެ އިނާޔަތްތައް ކަނޑާލުމަށް ރައީސް ސިރިސޭނާ ނިންމެވި ނިންމެވުމަށް ފާޑުވިދާޅުވެ، މައްސަލަ ވަކި ގޮތަކަށް ނިމެންދެން ރަނިލްގެ އިނާޔަތްތައް އެމަނިކުފާނަށް ދިނުމަށް ޖަޔަސޫރިޔާ ވަނީ ސިރިސޭނަ އަށް ސިޓީ އަކުން ދަންނަވާފައެވެ.
ހޯމަ ދުވަހު އައު ކެބިނެޓް އިއުލާންކުރައްވާނެ ކަމަށް ރައީސް ސިރިސޭނާ ވަނީ ވިދާޅުވެފައެވެ.
އަނެއްކޮޅުން ރަނިލްގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީން ބުނީ އަދި ވެސް ބޮޑުވަޒީރަކީ ރަނިލް ކަމަށާއި، ސަރުކާރު ހިންގަން ދަތިކުރާ ފަރާތްތަކަށް ސިޔާސީ މަސްރަހު، ހަމަޔަކަށް އެޅުކުން ފިޔަވަޅު އަޅާނެކަމަށެވެ. ޔޫއެންޕީ އިން ބުނަނީ ރަނިލްއަށް ޤާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ އެބައޮތް ކަމަށެވެ. އެހެން ނަމަވެސް ނޮވެމްބަރު 16 ވަނަ ދުވަހާއި ހަމަޔަށް ޤާނޫނު ހަދާ މަޖިލިސް ބަންދުކުރުމަށް ސިރިސޭނާ ވަނީ ނިންމަވާފައެވެ. އެކަމާއި ގުޅިގެން ވެސް މަޖިލީހުގެ ރައީސް ކަރޫ ޖަޔަސޫރިޔާ ވަނީ ނުރުހުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ ޤާނޫނު ހަދާ މަޖިލިސް ހުއްޓުވާފައި ބޭއްވޭނީ މަޖިލީހުގެ ރައީސްގެ ބަހެއް އެކަމުގައި ހިމެނިގެންކަމަށެވެ.