ކ. މާލެ
|
29 އޮކްޓޯބަރ 2018 | ހޯމަ 09:24
މެމްބަރު ރިޔާޒް ރަޝީދު މަޖިލީހުގައި ވާހަކަ ދައްކަވަނީ
މެމްބަރު ރިޔާޒް ރަޝީދު މަޖިލީހުގައި ވާހަކަ ދައްކަވަނީ
ގޫގުލް
ރިޔާޒް ރަޝީދު
އެކެއް ފެބްރުއަރީގެ އަމުރު ތަންފީޒް ކުރުން ނޫން ގޮތެއް ނޯންނާނެ: ރިޔާޒް ރަޝީދު
މިއަމުރަކީ ތަންފީޒް ނުކޮށް ހިފެހެއްޓޭނެ އަމުރެއް ނޫން.
އެ ދުވަހުން ފެށިގެން އަޅުގަނޑު ޓީވީއަށް އަރާ އެއް ވެސް ތަނެއްގައި ދިފާއެއް ނުކުރަން.
މިކަން ރަނގަޅު ނު ކުރާހާ ހިނދު ރައްޔިތުންގެ ހިތުގައި ނު ތަނަވަސްކަން އޮންނާނެ.

މިއަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުއްވި އަމުރު ތަންފީޒް ކުރުން ނޫން އެއްވެސް ގޮތެއް ނޯންނާނެ ކަމަށާއި އެ އަމުރު ތަންފީޒް ކުރަން ޖެހޭނެ ކަމަށް ޕީޕީއެމަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެއެވެ.

އާދީއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރުގެ ދެ ވަނަ ޖަލްސާގައި ވާހަކަ ދައްކަވަމުން ރިޔާޒް ވިދާޅުވީ ރައީސް ނަޝީދާއި ކާނަލް ނާޒިމް އަދި އަހްމަދު މަހްލޫފް ފަދަ ބޭފުޅުންނަށް ކުރައްވާފައިވާ ހުކުމަކީ ނާ އިންސާފުން ކޮށްފައިވާ ހުކުމްތަކެއް ކަމަށް ގިނަ ބަޔަކު ބުނަމުންދާއިރު އެފަދަ ހުކުމްތައް ރިވިއު ކުރުމާ މެދު ސުޕްރީމް ކޯޓަށް އިލްތިމާސް ކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިދޭ ކަމަށެވެ.

ރިޔާޒް ވިދާޅުވީ ސުޕްރީމް ކޯޓުން ވަނީ އެފަދަ ބޭފުޅުން ދޫކޮށްލެއްވުމަށް 1 ފެބްރުއަރީގައި އަމުރެއް ނެރެފައި ކަމަށެވެ.

"މިއަމުރަކީ ތަންފީޒް ނުކޮށް ހިފެހެއްޓޭނެ އަމުރެއް ނޫން. ތަންފީޒް ކުރަން ޖެހޭނެ. އެއީ ކުރެވޭނެ ކަމެއް ނޫން. އެ ދުވަހުން ފެށިގެން އަޅުގަނޑު ޓީވީއަށް އަރާ އެއްވެސް ތަނެއްގައި ދިފާއެއް ނުކުރަން. މިޤައުމުގެ އެއްވެސް މީހަކަށް ނުހުންނާނެ އެ ދިފާއު ކުރެވޭނެ. ނުކުރެވޭނެ ދިފާ އެއް. ސުޕްރީމް ކޯޓުން ނެރޭ އަމުރު، ކޯޓުތަކުން ނެރޭ އަމުރު ދިފާއު ކުރެވޭނެ އެއްވެސް މީހަކު ނުހުންނާނެ. ތަންފީޒް ކުރަން ޖެހޭނީ. އެއީ އެއަށް އޮތްގޮތް." ރިޔާޒް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް އެންމެ ބޮޑަށް ފާޑު ވިދާޅުވި އެއް މެމްބަރުކަން ފާހަގަ ކުރައްވަމުން ރިޔާޒް ވިދާޅުވީ ރައީސް ނަޝީދާއި ކާނަލް ނާޒިމާއި ޝައިޚް އިމްރާން މިނިވަން ކުރުމަށް އެ އަމުރުގައި ބުނެފައިވާ ކަމަށެވެ. އެހެން ނަމަވެސް އަލުން އަނބުރާ ސުޕްރީމް ކޯޓަށް ބަދަލުތަކެއް އައިސް އެހެން ގޮތަކަށް ރިވިއުކޮށް އެ އަމުރު ތަންފީޒް ކުރަން ނު ޖެހޭ ގޮތަށް ބަދަލު ކުރުމުން ރައްޔިތުންގެ މެދުގައި ޝައްކާއި ވަހުމް އުފެދިއްޖެ ކަމަށާއި އެހެންކަމުން އެކަން ރަނގަޅުކުރަން ޖެހޭ ކަމަށެވެ.

"މިކަން ރަނގަޅު ކުރަން ޖެހޭނެ. މިކަން ރަނގަޅު ނު ކުރާހާ ހިނދަކު ރައްޔިތުންގެ ހިތުގައި ނުތަނަވަސްކަން އޮންނާނެ." ރިޔާޒް ވިދާޅުވިއެވެ.

އެކެއް ފެބްރުއަރީގައި ނެރުނު އަމުރު ތަންފީޒް ނު ކޮށް އެއަމުރު ނެރުނުއިރު އުއްތަމަ ފަނޑިޔާރަކަށް ހުންނެވި ޢަބްދުﷲ ސައީދާއި އެކޯޓުގެ ފަނޑިޔާރު ޢަލީ ހަމީދު ވަނީ ހައްޔަރު ކޮށްފައެވެ. އަދިވެސް އެ ދެބޭފުޅުން ތިއްބެވީ ޖަލުގައެވެ. އޭގެ ފަހުން ވަނީ އެކޯޓުގެ އަމުރު ބަދަލުކޮށް ބައެއް ބައިތައް ބާތިލްކޮށްފައެވެ. އޭގެ ތެރޭގައި ދޫކޮށްލަން ސުޕްރީމް ކޯޓުން ބުނެފައިވާ ސިޔާސީ ކުށްވެރިން ކަމަށް ބުނާ މީހުން ދޫކޮށްލުން ވެސް ހިމެނެއެވެ.     

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް