ކ. މާލެ
|
28 އޮކްޓޯބަރ 2018 | އާދީއްތަ 22:40
ރައީސް ނަޝީދު ލަންކާގައި ނޫސްވެރިންނާއި ބައްދަލުކުރައްވަނީ
ރައީސް ނަޝީދު ލަންކާގައި ނޫސްވެރިންނާއި ބައްދަލުކުރައްވަނީ
ރާއްޖެ އެމްވީ
ރައީސް ނަޝީދު މިނިވަންކުރުން
ރައީސް ނަޝީދުގެ މައްސަލަ ސުޕްރީމް ކޯޓުން އަވަސް ކޮށްދިނުމަށް އެމްޑީޕީއިން ގޮވާލައިފި
ޙުކުމަކީ ދިވެހިރާއްޖޭގެ ގިނަ އަދަދެއްގެ ރައްޔިތުންގެ މަސްލަޙަތާއި، ރާއްޖޭގެ ސިޔާސީ ނިޒާމާ ގުޅިފައި އޮތް ޙައްސާސް މައްސަލައެއް

ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމާއި، އެ މައްސަލައިގައި ހައިކޯޓުންނާއި، ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތައް އަލުން މުރާޖަޢާ ކުރުމަށް ސުޕްރީމް ކޯޓަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅި މައްސަލައިގައި ވީހާވެސް އަވަހަކަށް ގޮތެއް ނިންމައިދިނުމަށް އެމްޑީޕީއިން އެދިއްޖެއެވެ. 

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އާދިއްތަ ދުވަހު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރައީސް ނަޝީދުގެ މައްޗަށް ކޮށްފައިވާ ޙުކުމަކީ ދިވެހިރާއްޖޭގެ ގިނަ އަދަދެއްގެ ރައްޔިތުންގެ މަސްލަޙަތާއި، ރާއްޖޭގެ ސިޔާސީ ނިޒާމާ ގުޅިފައި އޮތް ޙައްސާސް މައްސަލައަކަށްވާތީ، އެ މައްސަލައިގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަރަށް އަވަހަށް ގޮތެއް ނިންމަވައި ދެއްވުމަކީ އެ ޕާޓީގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. އަދި ސުޕްރީމް ކޯޓުން އެ މައްސަލައިގައި ނިންމަވާ ގޮތަކީ ރާއްޖޭގެ ސިޔާސީ ހަމަޖެހުމަށް މުހިންމު ފިޔަވަޅަކަށްވާނޭތީ، އެ މައްސަލަައިގައި އަވަސް ނިންމުމެއް ލިބޭނޭ ގޮތް ހަމަޖެއްސެވުމަކީ މިވަގުތު އެންމެ މުހިންމު ކަންތަކަށް ވާނޭތީ އެ މައްސަލައިގެ ނިންމުން އަވަސް ކޮށްދެއްވުމަށް ސުޕްރީމް ކޯޓަށް އެޕާޓީއިން ވަނީ އިލްތިމާސް ކޮށްފައެވެ.

ރައީސް ނަޝީދުގެ މައްޗަށް އިއްވުނު 13 އަހަރުގެ ޖަލު ޙުކުމަކީ ޤާނޫނާއި، އިޖުރާޢަތްތަކާއި ޚިލާފަށް ކޮށްފައިވާ ޙުކުމެއް ކަމަށް ރާއްޖެއާއި ބޭރުގެ އެކި ފަރާތްތަކުން ބުނަމުންދާއިރު، އދ. ގެ ވަރކިންގ ގުރޫޕް އޮން އަރބިޓްރަރީ ޑިޓެންޝަންއާއި، ހިއުމަން ރައިޓްސް ކޮމިޓީ އިން ވެސް ވަނީ ކުރިމިނަލް ކޯޓުގެ ނިންމުމުގައި ހުރި އިޖުރާއީ އަދި މައުޟޫޢީ ގޯސްތައް ފާހަގަކޮށް، ރައީސް ނަޝީދު ވަގުތުން މިނިވަން ކުރުމަށް އަންގާފައެވެ.

ރައީސް ނަޝީދުގެ މައްޗަށް ކުރިމިނަލް ކޯޓުން ކުރި ޙުކުމާއި، އެ މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުންނާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތައް އަލުން މުރާޖަޢާ ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުމަށް އެމްޑީޕީއާއި ރައީސް ނަޝީދުގެ ސަޕޯޓަރުން ޕީޖީ އޮފީހަށް ގޮވާލަމުންދާތާ ވަނީ ދުވަސްތަކެއް ވެފައެވެ. އަދި މިމައްސަލަ ޕީޖީގެ ފަރާތުން ކޯޓަށް ހުށަހެޅުމުން އެމްޑީޕީއިން ވަނީ ޝުކުރު އަދާކޮށްފައެވެ.

ރައީސް ނަޝީދު މިނިވަން ކުރުމަށް ގޮވާލާ ޤަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާއިރު، އެމަނިކުފާނު ވަނީ "ވީ ޙާލެއްގައި ވާން" ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހު ރާއްޖެއަށް ވަޑައިގަންނަވާނެ ކަމަށް އިއުލާން ކުރައްވާފައެވެ.

ރައީސް ނަޝީދުގެ މައްޗަށް ޖަލު ޙުކުމް އިއްވިތާ ގިނަ ދުވަސްތަކެއް ނުވެ 2016 ވަނަ އަހަރުގެ ޖެނުއަރީގައި އެމަނިކުފާނު ރާއްޖެއިން ބޭރަށް ވަޑައިގެން، އިނގިރޭސިވިލާތުން ޙިމާޔަތް ހޯއްދެވިއެވެ. އަދި އޭގެ ފަހުން އެމަނިކުފާނު ދިރިއުޅުއްވަމުން ގެންދަވަނީ ލަންޑަނުގެ އިތުރުން އަވަށްޓެރި ސިލޯނުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް