ކ. މާލެ
|
28 އޮކްޓޯބަރ 2018 | އާދީއްތަ 12:24
އިންތިޚާބީ ރައީސް، ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ މިއަދުގެ ހާޒިރީގައި ސޮއިކުރައްވަނީ
އިންތިޚާބީ ރައީސް، ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ މިއަދުގެ ހާޒިރީގައި ސޮއިކުރައްވަނީ
ރާއްޖެއެމްވީ
ރައްޔިތުންގެ މަޖިލިސް
އެންމެ ހިތާމަކުރާނެ ދުވަހަކީ މަޖިލިސް ދޫކޮށްފައި ދާންޖެހޭ ދުވަސް: ސޯލިހް
މަޖިލިހަށް ފުރަތަމަ ވަޑައިގަތީ 1994 ވަނަ އަހަރު
އޭރު އުމުރުފުޅުން 30 އަހަރު
ސޯލިހު އަކީ މަޖިލީހުގައި އެންމެ ގިނަ ދުވަސްވީ އެއް މެމްބަރު

ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ދޫކޮށްލައްވަން ޖެހޭ ދުވަހަކީ ހަޔާތުގައި އެންމެ ހިތާމަ ކުރައްވާނެ އެއްދުވަސް ކަމަށް އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު(އިބޫ) ވިދާޅުވެއްޖެއެވެ.

ހިންނަވަރު ދާއިރާގެ މެމްބަރުގެ ގޮތުގައި ހުންނެވި އިންތިޚާބީ ރައީސް ސޯލިހު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރައްވާތާ މިއީ 25 އަހަރެވެ.

ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި، ރައީސް އަބްދުﷲ ޔާމީނާ ވާދަކުރައްވައި ބޮޑު ތަފާތަކުން އިންތިޚާބު ކާމިޔާބު ކުރައްވާފައިވާއިރު، ސޯލިހު ވިދާޅުވީ އެމަނިކުފާނު މަޖިލީހުގައި ދެން ގިނަ ދުވަސްތަކަކު ނުހުންނަވާ ކަމަށާއި ކުރިޔަށް އޮތް ދެ ތިން ހަފްތާގެ ތެރޭގައި އެ ގޮނޑި ދޫކޮށް އެމަނިކުފާނު ދުރަށް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.

"އެ ދުވަސް ވެގެން ދާނީ އަޅުގަނޑުގެ ހަޔާތުގައި އެންމެ ހިތާމަ ކުރާނެ ދުވަހަށް،"  ސޯލިހު ވިދާޅުވިއެވެ.

ޖުލައި 24، 2017 ވަނަ ދުވަހު ގުޅިފައިވާ ޕާޓީތަކުގެ މެމްބަރުން މަޖިލީހަށް ވަންނަވަން ވަޑައިގަތުމުން މެމްބަރުންނާއި ސަލާމަތީ ހިދުމަތްތަކާ ދެމެދު ހިނގި ހަމަނުޖެހުމުގައި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް ސައިކަލް މައްޗަށް ވައްޓާލާފައި

ސޯލިހް ރައްޔިތުންގެ މަޖިލީހަށް ފުރަތަމަ ވަދެވަޑައިގަތީ 1994 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ފާދިއްޕޮޅުގެ އެއް ގޮނޑި ކާމިޔާބު ކުރައްވައިގެންނެވެ. އުމުރުފުޅުން 30 އަހަރުގައި ރައްޔިތުންގެ މަޖިލީހަށް ވަދެވަޑައިގެންނެވި، މިހާރު އުމުރުފުޅުން 56 އަހަރުގެ ސޯލިހް ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން، ނޫ ޤާނޫނު އަސާސީގެ ގޮތުގައި އާއްމުވި ގާނޫނު އަސާސީ އާއި މިހާރު އަމަލުކުރާ ފެހި ޤާނޫނު އަސާސީ އެކުލަވާލި ޚާއްސަ މަޖިލީހުގެ މެމްބަރުކަން ވެސް ކުރައްވައިފަ އެވެ. 

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުގެ އިތުރުން ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރަކީ ވެސް އެމަނިކުފާނެވެ. އަދި 2015 ން ފެށިގެން ގުޅިފައިވާ ޕާޓީތަކުގެ ލީޑަރުންނާއެކު ކުރެއްވި މަސައްކަތްޕުޅާއި ރާއްޖޭގެ ގިނަ ސިޔާސީ ޕާޓީތައް އެކުލެވޭ ގުޅިފައިވާ ކޯލިޝަންގައި ވެސް އެންމެ އިސް ދައުރެއް އަދާ ކުރައްވާފައިވަނީވެސް އެމަނިކުފާނެވެ.

ރައީސް ޔާމީނާ ވާދަކުރައްވައި ސޯލިހް އިންތިޚާބު ކާމިޔާބު ކުރެއްވީ 58.4 ޕަސެންޓް ވޯޓުންނެވެ. އާ ގާނޫނު އަސާސީއަށް ފަހު އިންތިޚާބެއް އެންމެ ބޮޑު ފަރަގަކުން ކާމިޔާބު ކުރެއްވި ފުރަތަމަ ރައީސަށް ސޯލިހު ވެގެން ގޮސްފައިވާއިރު، އެ މަނިކުފާނަކީ އަތޮޅުތެރެއަށް ނިސްބަތްވާ ފުރަތަމަ ރައީސް އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ޝާނީ
- ކޮމެންޓް