ކ. މާލެ
|
28 އޮކްޓޯބަރ 2018 | އާދީއްތަ 03:51
މައްސަލަ ހުށަހެޅުއްވި މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
މައްސަލަ ހުށަހެޅުއްވި މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
މުހައްމަދު ޝަރުހާން
ރައްޔިތުންގެ މަޖިލިސް
އިންތިޚާބީ ރައީސް ހުވާކުރައްވާނެ ދުވަހެއް އާދީއްތަ ދުވަހު ކަނޑައަޅާނެ
ރައީސް ޔާމީން ވިދާޅުވަނީ ނޮވެމްބަރު 17 އާ ހަމައަށް މަޤާމުގައި ހުންނަވާނެ ކަމަށް
ގުޅިފައިވާ ޕާޓީތަކުން ބުނަމުންދަނީ ނޮވެމްބަރު 11 ގައި އިންތިޚާބީ ރައީސް ހުވާ ކުރައްވާނެ ކަމަށް
މިމައްސަލަ ހުށަހެޅުއްވީ މަޖިލީހުގެ ރިޔާސަތުގެ މޭޒުން

މިދިޔަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ރައްޔިތުން ހޮއްވެވި އިބްރާހީމް މުހައްމަދު ސޯލިހު ހުވާ ކުރައްވާނެ ދުވަހެއް އާދީއްތަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކަނޑައަޅާނެއެވެ.

އެތައް ދުވަހެއް ވަންދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބޭއްވުން މެދު ކެނޑިފައި އޮތުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިން ވަނަ ދައުރު ނުވަތަ ފަހު ދައުރުގެ ފުރަތަމަ ޖަލްސާ އާދީއްތަ ދުވަހު ބާއްވާއިރު އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އިންތިޚާބީ ނައިބު ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާނެ ދުވަހެއް ކަނޑައެޅުމުގެ މައްސަލަ ވަނީ އެޖެންޑާ ކޮށްފައެވެ.

މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ މިމައްސަލައިގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫން އަސާސީގެ 114 ވަނަ މާއްދާގައި ބަޔާންކުރާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބާއްވާނެ ތާރީޚާ ގުޅޭ މައްސަލަ ކަމަށެވެ.

މިމައްސަލަ އެޖެންޑާ ކޮށްފައިވަނީ އިންތިޚާބީ ރައީސް ސޯލިހު ހުވާ ކުރައްވާނެ ދުވަހަކާ ގުޅޭގޮތުން ޚިޔާލު ތަފާތުވުން އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

މިވަގުތު ރައީސުލް ޖުމްހޫރިއްޔާކަމުގައި ހުންނެވި ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ބަލިވެވަޑައިގެންނެވި ރައީސް ޢަބްދުﷲ ޔާމީން ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވާފައިވަނީ 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ. އެހެންކަމުން އެމަނިކުފާނާއި އެމަނިކުފާނަށް ތާއީދު ކުރާ ޕީޕީއެމްގެ ބައެއް މީހުން ބުނަމުންދަނީ އެމަނިކުފާނުގެ ވެރިކަމުގެ ދައުރުގެ 5 އަހަރު ހަމަވާނީ މިއަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހަށް ކަމަށެވެ. އެހެންކަމުން އެދުވަހާހަމައަށް ވެރިކަމުގައި ހުންނަވާނެ ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ގުޅިފައިވާ ޕާޓީތަކާއި ބައެއް އެހެން ޢާއްމުން އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ވިދާޅުވަނީ އިންތިޚާބީ ރައީސްގެ ދައުރު ނޮވެމްބަރު 11 ގައި ފެށޭނެ ކަމަށާއި ނޮވެމްބަރު 11 ވަނަ ދުވަހު ހުވާކުރެވެން ޖެހޭނެ ކަމަށް ޤަބޫލް ކުރައްވާ ކަމަށެވެ. އަދި 2013 ވަނަ އަހަރު ކުރިމަތިވީ ޚާއްޞަ ޙާލަތެއް ކަމަށާއި ރާއްޖޭގެ ޖުމްހޫރީ ދުވަހަކީ ނޮވެމްބަރު އެގާރަ ކަމަށެވެ.

މީގެ އިތުރުން މޫސަ ވިދާޅުވީ މިއަހަރަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާއަށް 50 އަހަރު ފުރޭ ރަންޔޫބީލް އަހަރަށް ވުމާއި މަޖިލީހުގެ ދެމެމްބަރަކު ރައީސުލް ޖުމްހޫރިއްޔާއާއި ނައިބު ރައީސް ކަމަށް އިންތިޚާބުވެފައިވާއިރު މިއަހަރުގެ ޖުމްހޫރީ ދުވަހު ހުވާކުރައްވަން ފެނިވަޑައިގަންނަވާ ކަމަށެވެ.

މަޖިލީހުގެ ރައީސްގެ މޭޒުން މިމައްސަލަ ހުށަހަޅުއްވާފައިވާއިރު މަޖިލީހުގެ މެޖޯރިޓީ މިވަގުތު އޮތީ ނޮވެމްބަރު 11 ގައި ހުވާކުރެއްވުން ބޭއްވުމަށް ތާއީދު ކުރައްވާ މެއްބަރުންގެ އަތުގައެވެ. އެހެންކަމުން ނޮވެމްބަރު 11 ގައި ހުވާ ކުރައްވާ ގޮތައް ނިމިގެން ހިނގައިދާނެ ކަމަށް ބެލެވެއެވެ. މިމައްސަލައަށް ވޯޓަށް އައްސަވާނެ ކަމަށް ބެލެވެނީ އާދީއްތަ ދުވަހުގެ 1:30 ގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް